ދިރާސީ މަޒުމޫނެއް
ލިޔާއިރު، ލިޔުންތެރިކަމުގެގޮތުން ދިމާވާ
މައްސަލަތަކާއި އޭގެ ޙައްލު
ފެށުން:
ކޮންމެ މަޒުމޫނަކީ
ފޭރާންހެޔޮ ފުރިހަމަ ލިޔުމަކަށް ވުން މުހިއްމެވެ. އެގޮތުން ގިނަ ލިޔުންތެރިން
އެއްބަސްވާ ގޮތުގައި ފުރިހަމަ މަޒުމޫނަކީ މައިގަނޑު ނަމެއްގެ މައްޗަށް ރީތި
ފެށުމަކާއި އޮއްއްޓަރު ހުރި، ބަދަހި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި
ނިންމުމަކާއިއެކު ތަފާތު ނުކުތާތަކުގެ މައްޗަށް ލިޔެ އެއްކުރެވިފައިވާ
މަޢުލޫމާތުތަކެއް ކަމަށް ބުނެވިދާނެއެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
ހާމަކުރައްވާ ގޮތުގައި މަޒުމޫނަކީ ކިޔުންތެރިންނަށްޓަކައި އެއް މަޢުޟޫޢަކާ
ބެހޭގޮތުން ސިލްސިލާގުޅުން ހުންނަގޮތަށް ލިޔެފައިވާ އެއްޗެކެވެ. އެހެންކަމުން މި
މަޒުމޫނުގައި ބަލައިލާނީ، މަޒުމޫނު ލިޔުމުގައި ލިޔުންތެރިކަމުގެ ގޮތުން ދިމާވާ
މައްސަލަތަކުގެ ތެރެއިން، ތަޢާރަފް ޕެރެގްރާފުގައި ތީސީސް ޖުމްލަ ސާފުވާނެހެން
ގެންނާނެ ގޮތަށާއި ޕެރެގްރާފް ތަކުގައި ޖުމްލަތައް ތަރުތީބުން ގެންނާނެ ގޮތަށާއި ޕެރެގްރާފްގައި
މައިގަނޑު ޖުމްލަ ގެންނާނެ ގޮތަށާއި ބާރުދޭ ޖުމްލަ ގެންނާނެ ގޮތަށާއި ނިންމާ
ޖުމްލަ ނުވަތަ ވަށާޖެހޭ ޖުމްލަ ގެންނާނެ ގޮތަށާއި ރަނގަޅު ގޮތްގޮތަށް ރިފަރެންސް
ދޭނެ ގޮތްތަކަށާއި ރިފަރެންސް ލިސްޓް އޮންނަންވާނެ ގޮތުގެ މައްޗަށެވެ.
ތީސީސް ޖުމްލަ ގެންނާނެ ގޮތް:
މަޒުމޫމެއް ލިޔާއިރު ފެށުމުގެ ޕެރެގްރާފްގައި ތީސީސް
ޖުމްލަ ރަނގަޅަށް ނުގެނެވި ހުންނަކަން ފާހަގަ ކުރެވެއެވެ. ތީސީސް ޖުމްލައަކީ މުޅި މަޒުމޫނު އަމާޒުކުރާ
ޖުމްލައިގެ ގޮތުގައި ފެށުމުގައި
ހިމެނަންޖެހޭ
ޖުމްލައެކެވެ. ލިޔުންތެރިކަން މޮޅު މަޒުމޫނެއްގައި ނަމަ ފެށުމުގައި ތީސީސް ޖުމްލައަކަށް ބެލެވޭފަދަ ޖުމްލައެއް
އޮންނަންވާނެއެވެ. އާމިނަތު އިބްރާހީމް، އަޙުމަދު
ޙާޝިމާއި ޙަވާލާދެއްވާ (އަޙްމަދު ޝަބީ، (2015). ހާމަކުރައްވާ ގޮތުގައި ''މަޒުމޫނެއްގައި
ނަމަ ކިޔުންތެރިޔާއަށް މަޒުމޫނު ހުޅުވާލަދޭ
ތީސިސް ޖުމްލަ އޮންނަންވާނެ ކަމަށާއި ތީސިސް ޖުމްލައަކީ
މަޒުމޫނު ކުރިޔަށް ގެންދާނެ
ގޮތުގެ
މަގުޗާޓެއް ކަމުގައެވެ. އަދި ހަމައެހެންމެ ތީސީސް ޖުމްލައަކީ މަޒުމޫނުގެ ކުރިއަށް
އޮތްބައިގައި ލިޔަން ޚިޔާލުކުރާ
ކަމެއް ވީއެންމެ
ރަނގަޅަކަށް ސާފޮކޮށްދީފައި އޮންނަ ޖުމްލަ
ކަމުގައެވެ''.
އެހެންކަމުން މަޒުމޫނެއްގައި ތީސީސް ޖުމްލައެއް އޮތުމުން ލިޔުންތެރިޔާ ކުރިޔަށްދިއުމަށް ފަސޭހަވުމުގެ އިތުން ކިޔުންތެރިންނަށް
އެލިޔުން ފަސޭހައިން ދޭހަވެ ކިޔުމަށް ޝައުޤުވެރިކަން އުފެދޭނެކަމަށް ޤަބޫލުކުރެވެއެވެ.
ޕެރެގްރާފްތަކުގައި ޖުމްލަތައް ތަރުތީބުން ގެންނާނެ ގޮތް:
މަޒޫމުނެއްގައި
ޕެރެގްރާފްތައް ލިޔާއިރު ކޮންމެ ޕެރެގްރާފެއްގައި އެކުލެވިގެންވާ ޖުމްލަތައް
ރަނގަޅަށް ތަރުތީބުން ނުލިޔެވި ހުންނަކަން ފާހަގަ ވެއެވެ. ކޮންމެ ޕެރެގުރާފެއްވެސް
ބިނާވެގެންވާން ޖެހޭނީމައިގަނޑު އެއް ބުނުމެއްގެ މައްޗަށް އަމުނާލެވިގެން
ގަތާލެވިފައިވާ ޖުމްލަތަކަކުންނެވެ. މިޖުމްލަ ތަކުގެ ތެރެއިން ކޮންމެ ޖުމްލައަކީ
ވަކިވަކި ޒިންމާތަކެއް އަދާކުރާ ޖުމުލަތަކެއްކަމުގައި ވާންޖެހޭނެއެވެ. ކޮންމެ ޖުމްލަ
އަކަށް ޕެރެގުރާފުން ޚާއްޞަ ވަކި ޖާގައެއް އޮންނަންވާނެއެވެ. އެހެންކަމުން، ޕެރެގުރާފުގައި
ހިމެނޭ ކޮންމެ ޖުމްލައަކީ ވަކިކަހަލަ މަސައްކަތްތަކެއް ފުރިހަމަކުރުމަށް
ބޭނުންކުރާ ޖުމްލައަކަށް ވެގެންދިއުމުން އެ ޕެރެގުރާފުގެ ފެންވަރު އިތުރުވެގެންދާނެއެވެ. ފުރިހަމަކޮށް އެކުލަވާލެވިފައިވާ
ޕެރެގުރާފެއްގައި މައިގަނޑު ތިން ޖުމްލައެއް ހިމަނަން ވާނެ، ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012).
ހާމަކުރައްވައެވެ. އެއީ މައިގަނޑު ޖުމްލަ އާއި ބާރުދޭ ޖުމްލަ ތަކާއި ޕެގްރާފް
ނިންމާ ޖުމްލަ އެވެ. މިގޮތަށް ޖުމްލަތައް ތަރުތީބުން ގެނެވިފައި އޮތުމުން
ކިޔުންތެރިންގެ ޝައުޤުވެރިކަން އިތުރުވެ ޕެރެގްރާފް އިތުރަށް ފުތިހަމަވެގެން
ދާނެކަމަށް ޤަބޫލުކުރެވެއެވެ.
މައިގަނޑު
ޖުމްލަ ގެންނާނެ ގޮތް:
ޕެރެގްރާފެއް
ލިޔާއިރު މައިގަނޑު ނުކުތާގެ މައްޗަށް ބިނާކޮށް މައިގަނޑު ޖުމްލަ ނުލިޔެވި
ޕެރެގްރާފް ނިންމާލެވޭކަން ފާހަގަ ކުރެއެވެ. ޕެރެގްރާފް ތަކުގެ މައިގަނޑު ޖުމްލައަކީ
އެ ޕެރެގްރާފެއްގެ މައިގަނޑު ނުކުތާ ހިމެނިފައިވާ ޖުމްލަ ކަމުގައި ވާންޖެހެއެވެ. ޢާއްމުކޮށް
ކޮންމެ ޕެރެގުރާފެއް ވެސް ބިނާ ކުރަންވާނީ މައިގަނޑު އެއް ނުކުތާގެ މައްޗަށެވެ.
އާއްމު ގޮތެއްގައި ޕެރެގުރާފުގެ ފަށާ ޖުމްލައަކީ މައިގަނޑު ނުކުތާގެ މައްޗަށް
ބިނާވެފައިވާ ޖުމްލަ އެވެ. ބައެއް ފަހަރު ޕެރެގުރާފުގެ ނިންމާ ޖުމްލަ ނުވަތަ
މެދުތެރޭ ޖުމްލައެއްގެ ގޮތުގައިވެސް މައިގަނޑު ނުކުތާ ހިމެނޭ ޖުމްލަ ހިމަނާފައި
ހުރެ އެވެ. އަލަށް މަޒުމޫނު ލިޔަން ދަސްކުރާ ދަރިވަރުން ފަރިތަކުރުން އެންމެ
ރަނގަޅަކީ މައިގަނޑު ނުކުތާ ފުރަތަމަ ޖުމްލައިގެ ގޮތުގައި ގެނެސް ޕެރެގުރާފު
ފެށުމެވެ. އެހެންކަމުން މަޒުމޫނުގެ ޕެރެގްރާފްތަކުގައި މައިގަނޑު ނުކުތާ ހިމެނޭ
ޖުމްލައެއް ނެތި އެ ޕެރެގްރާފެއް ފުރިހަމަ ނުވާނެކަމަށް ޤަބޫލުކުރަންޖެއެވެ. އެގޮތުން
ތިރީގައި އެވާ ޕެރެގްރާފްގައި ދަށު ރޮނގު ދަމާފައި އެވަނީ މައިގަނޑު ނުކުތާ ހިމެނޭ
ޖުމްލައިގައެވެ.
''ބަހުގައި ހިމެނޭ ޢިލްމީ ޚަޒާނާ
މުއްސަނދި ވުމަކީ ބަހުގެ ޠަބީޢަތުގައި ބަސްކުރިއަރައި ދިޔުމަށް މަގުފަހިވާނެ
ކަމެކެވެ. މިގޮތުން، ބަހުގެ މަޖައްލަތަކާއި ޢިލްމީ
މަޖައްލާތަކާއި ޢިލްމީ ޕޮރޮގުރާމުތަކާއި ޢިލްމީ ބަހުސްތައް ކުރުމުގެ ފުރުޞަތުތައް
ލިބުމަކީ ޢިލްމީ ޚަޒާނާ
މުއްސަނދި ވާނެކަމެކެވެ. ދިވެހިބަހުން މިފަދަ ފުރުޞަތުތައް ހުރިލެއް މަދީ އެވެ. ޤައުމީ
ފެންވަރުގައި ޢިލްމީ ބަހުސް މުބާރާތްތަކާއި ޢިލްމީ ޕުރޮގުރާމްތައް ހިންގޭ މިންވަރު
މަދީ އެވެ. ނަތީޖާއެއްގެ ގޮތުން ބަހުގައި ހިމެނޭ ލަފުޒުތައް ހެދިބޮޑުވަމަށް ހުރި
ފުރުޞަތުތައް މަދުވަނީ އެވެ. އައު ލަފުޒުތައް އުފަންވުމަށް އޮތް
ޖަގަހަތައް ހަނިވަނީ އެވެ. ލަފުޒުތަކުގެ
މާނަތައް ފުޅާވުމަށް ހުރި ދޮރުތައް ބަންދުވަނީ އެވެ. ބަހުގެ މުއްސަނދި ސަޤާފަތަށް ޒުވާން ޖީލު ބީރައްޓެހިވާނީއެވެ. މިކަމުގެ
ސަބަބުން ދިވެހިބަސް ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވަނީއެވެ. އެހެންކަމުން، ބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމުން ސީދާކޮށްނާއި
ނުސީދާކޮށް ބަސް ކުރިއަރައި ބަހުގެ ދުވެލި ހަލުވިވެ ބަހުގެ ތޫނުކަން ޠަބީޢަތުގައި
އިތުރުވާނެ އެވެ'' ފަތުހުﷲ އަޙްމަދު (2011).
ބާރުދޭ
ޖުމްލަތައް ގެންނާނެ ގޮތް:
ޕެރެގްރާފް
ތަކުގައި މައިގަނޑު ނުކުތާ ނުވަތަ ޕެރެގްރާފުގެ މައިގަނޑު ޖުމްލަ ހިމެނުމަށްފަހު
ދެން ހިމަނަންޖެހޭ އެބުނުމަށް ބާރުގަދަކޮށް
އެ ބުނި ބުނުން ސާބިތު ކޮށްދިނުމަށް ބޭނުންވާ ހެކި ނުވަތަ ހެކިތައް ރަނގަޅަށް
ނުހިމެނޭކަން ފާހަގަ ކުރެވެއެވެ. މިސާލާއި،
ތަފާސް ހިސާބާއި، ހުއްޖަތާއި ދަލީލުތަކުގެ އިތުރުން، ބުނުންތަކާއި ދިރާސާތަކުން ނުކުތް ނަތީޖާތަކާއި ޢިލްމީ
ހެކިތައް މިބައިގެ ތެރޭގައި ހިމަނަންޖެހެއެވެ. ފަތުހުﷲ އަޙްމަދު (2012). އެގޮތުން އާއްމު ގޮތެއްގައި
މިބައިތައް ހިމަނަންވާނީ ޕެރެގުރާފުގެ މެދު ތެރޭގައެވެ. މިއީ ޕެރެގުރާފުގެ މުހިއްމު
އެއް ބައެވެ. މިބައިގައި އެއް ޖުމްލައަށްވުރެ ގިނަ ޖުމްލަތައް ހިމެނިދާނެ އެވެ.
ވަކިވަކި ކޮންމެ ހެއްކެއް ނުވަތަ ބާރުދޭ ސަބަބެއް ހިމެނުން ރަނގަޅީ ވަކި ޖުމްލަ
އެއްގެ ގޮތުގައެވެ. އެހެންނޫނީ އޮޅުން ބޮޅުން އަރައި ބުނަން ބޭނުންވާ ވާހަކަ ނޫން
އެހެން ވާހަކައެއް ޖުމްލައިން މާނަ ކުރެވިދާނެއެވެ. ނޫނީ ޕެރެގުރާފުގެ މިސްރާބު
އެހެން ދިމާއަކަށް ބަދަލުވެގެން ގޮސް ދޭހަ ނުވެގެން އުޅެން ޖެހިދާނެ އެވެ. އެހެންކަމުން
ތިރީގައި އެވާ ޕެރެގްރާފްގައި ދަށު ރޮނގު ދަމާފައި އެވަނީ ބާރުދޭ ޖުމްލަތަކުގަ
އެވެ.
''ބަހުގައި ހިމެނޭ ޢިލްމީ ޚަޒާނާ
މުއްސަނދި ވުމަކީ ބަހުގެ ޠަބީޢަތުގައި ބަސްކުރިއަރައި ދިޔުމަށް މަގުފަހިވާނެ
ކަމެކެވެ. މިގޮތުން، ބަހުގެ މަޖައްލަތަކާއި ޢިލްމީ
މަޖައްލާތަކާއި ޢިލްމީ ޕޮރޮގުރާމުތަކާއި ޢިލްމީ ބަހުސްތައް ކުރުމުގެ ފުރުޞަތުތައް
ލިބުމަކީ ޢިލްމީ ޚަޒާނާ
މުއްސަނދި ވާނެކަމެކެވެ. ދިވެހިބަހުން މިފަދަ
ފުރުޞަތުތައް ހުރިލެއް މަދީ އެވެ. ޤައުމީ ފެންވަރުގައި ޢިލްމީ ބަހުސް
މުބާރާތްތަކާއި ޢިލްމީ ޕުރޮގުރާމްތައް ހިންގޭ މިންވަރު މަދީ އެވެ. ނަތީޖާއެއްގެ ގޮތުން ބަހުގައި ހިމެނޭ
ލަފުޒުތައް ހެދިބޮޑުވަމަށް ހުރި ފުރުޞަތުތައް މަދުވަނީ އެވެ. އައު
ލަފުޒުތައް އުފަންވުމަށް އޮތް ޖަގަހަތައް ހަނިވަނީ އެވެ. ލަފުޒުތަކުގެ
މާނަތައް ފުޅާވުމަށް ހުރި ދޮރުތައް ބަންދުވަނީ އެވެ.
ބަހުގެ
މުއްސަނދި ސަޤާފަތަށް ޒުވާން ޖީލު ބީރައްޓެހިވާނީ އެވެ. މިކަމުގެ ސަބަބުން ދިވެހިބަސް ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވަނީ
އެވެ. އެހެންކަމުން، ބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދި ކުރުމުން
ސީދާކޮށްނާއި ނުސީދާކޮށް ބަސް ކުރިއަރައި ބަހުގެ ދުވެލި ހަލުވިވެ ބަހުގެ ތޫނުކަން
ޠަބީޢަތުގައި އިތުރުވާނެ އެވެ'' ފަތުހުﷲ އަޙްމަދު (2012).
ނިންމާ
ޖުމްލަ ނުވަތަ ވަށާ ޖައްސާ ޖުމްލަ ގެންނާނެ ގޮތް:
ޕެރެގްރާފެއް
ނިންމާލުމުގެ ގޮތުން އެ ޕެރެގްރާފެއްގައި ދެއްކި ހުރިހާ ވާހަކަތަކެއްގެ މައްޗަށް
ޚުލާޞާކޮށް ގެންނަންޖެހޭ ވަށާޖެހޭ ޖުމްލަ ނުލިޔެވި ޕެރެގްރާފް ނިންމާލެވިފައި
ހުންނަކަން ފާހަގަ ކުރެވެއެވެ. މި ޖުމްލައަކީ މިއީ މުޅި ޕެރެގުރާފުގައި ގެންސްދީފައިވާ
ހުރިހާ ވާހަކަތަކެއް ޖުމްލަކޮށް އެމުނި އެކުލަވާލުމަށް ބޭނުން ކުރާ ޖުމްލަ އެވެ.
މި ޖުމްލައިގެ އެހީގައި ދެއްކި ހުރިހާ ވާހަކަތަކެއް ވަށާޖައްސާ މަޢުޟޫއުގެ ތެރެއަށް
ފައްތާލާ ވަށާ ޖައްސާލާންވާނެއެވެ. އާއްމު ގޮތެއްގައި މި ޖުމްލަ ހިމެނޭނީ
ޕެރެގުރާފުގެ އެންމެ ފަހު ޖުމްލައިގެ ގޮތުގަ އެވެ. ބައެއް ފަހަރު މި ޖުމްލަ
ހުޅުވާލެވިފައިވާ ޖުމުލަ އެއްގެ ގޮތުގައި ދޫކޮށްލެވިފައި ވެސް ހުރެ އެވެ.
ބޭނުންނަމަ މި ޖުމުލައަށް ފަހު، ކަންކުރުމުން ނިކުންނާނެ ނަތީޖާ ބަޔާންކުރެވިދާނެ
އެވެ. ވުމާއެކު ވަށާޖައްސާ ޖުމްލަ ނެތި ޕެރެގްރާފެއްގެ ބަދަހިކަން ނާންނާގެ ކަމުގައި
ބެލެވެއެވެ. އެގޮތުން ތިރީގައި އެވާ ލިޔުމުގައި ދަށު ރޮނގު ދަމާފައި އެވަނީ ނިންމާ
ޖުމްލަ ނުވަތަ ވަށާ ޖައްސާ ޖުމުލަތަކުގަ އެވެ.
''އިނގިރޭސި ބަހުގައި އަދައްބިއްޔާތުގެ
ބައިތައް ވަކިކޮށްފައި އޮންނަ ބީދައިން، ދިވެހި
ބަހުގައިވެސް "ޅެންވެރިކަން" ނުވަތަ "އަދަބިއްޔާތު" ވަކިކޮށް
މަދަރުސާތަކުގައި ކިޔާވާ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމީ ދިވެހި ޅެންވެރިކަމަށް
ދިރުން ގެނައުމަށް ކުރެވިދާނެ ކަމެކެވެ. މި މާއްދާއަކީ ޤައުމީ ފެންވަރުގައި
އިމްތިޙާނު ކުރެވޭ މާއްދާއަކަށް ހެދިދާނެ އެވެ. މީގެއިތުރުން، މި މާއްދާއާ ގުޅުންހުރި
އިތުރު ކޯސްތައް އުފައްދާ އެ ދާއިރާއިން އިތުރަށް ކުރިއަށް ދެވޭނެ މަގުތައް
ފަހިކޮށްދެވިދާނެ އެވެ. މިފަދަ ގޮތަކަށް ކަންކުރެވިއްޖެ ނަމަ ދިވެހި
ޅެންވެރިކަމުގެ މައްޗަށް ކުރެވޭ ޢިލްމީ ދިރާސާތައް އިތުރުވެ ޅެންވެރިކަމުގައި ހުރި
މުއްސަނދިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް
ފަހިވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން، ޅެންވެރިކަމަށް ދިރުންލިބި،
"ބޮކިފުރާޅުއަލިން" ޒީނަތްވެފައިވާ ޅެންވެރިކަމުގެ ގުލްޝަން ތާޒާވެ
"އަލިފުޅާއި ބަކަރި" އާ އެކު އަމާން މަންޒިލަކަށް ދިޔުމުގެ މަގު
ފަހިވެގެންދާނެ އެވެ. މިކަމުން ބަސްދެކެ ލޯބިވާ ބަހަށް
ޝައުޤުވެރިވާ ހިތްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދާނެ އެވެ'' ފަތުހުﷲ
އަޙްމަދު (2012).
ލިޔުންގަނޑުގެ
ތެރޭގައި ރިފަރެންސް ދޭނެގޮތް:
މަޒުމޫނެއް
ލިޔާއިރު ލިޔުންގަނޑުގެ ތެރޭގައި އެހެން މުސައްނިފަކު ލިޔެފައިވާ ލިޔުމެއް
ލިޔާއިރު ރެފަރެންސް ދޭންވާގޮތަށް ރެފަރެންސް ނުދެވި މަޒުމޫނު ނިންމާލެވޭކަން
ފާހަގަ ކުރެވެއެވެ. އެހެނީ މަޒުމޫނެއްގައި އެހެން ލިޔުންތެރިޔަކު ލިޔެފައިވާ
ލިޔުމެއް ނުވަތަ ޚިޔާލެއް ލިޔާނަމަ ރެފަރެންސް ދިނުމުގައި ހަނދާން ބަހައްޓަންޖެހޭ
ތިންކަމެއް ވާކަމަށާއި އެ ތިންކަމަކީ، އެލިޔުމެއް
ލިޔެފައިވާ މުސައްނިފްގެ ނަމާއި، ޝާއިޢުކުރި އަހަރާއި، ޞަފްހާ ނަންބަރު ލިޔުމެވެ.
(ޢަބްދުއްރަޝީދު ޢަލީ، 2016). ވިދާޅުވެއެވެ. އެގޮތުން ޙަވާލާ ދިނުމަށް ތިންގޮތެއް
ވާކަމަށް ލިޔުންތެރިން ހާމަކުރައްވައެވެ. އެތިންގޮތަކީ:
1. އިންޑިރެކްޓް ކޯޓޭޝަން: އެހެން މީހެއްގެ ޚިޔާލެއް ނުވަތަ ޢިބާރާތްކޮޅެއް، އަމިއްލަ
ޢިބާރާތުން ޚްލާޞާކޮށްގެން ލިޔާނަމަ ލިޔަންވާނީ ކޮމާކޯޅި ނުލައެވެ. ނަމަވެސް އެ
ޢިބާރާތެއް ނުވަތަ ޚިޔާލެއް ލިޔެފައިވާ ފަރާތުގެ ނަމާއި، ލިޔެފައިވާ އަހަރު
ލިޔަންވާނެއެވެ.
މިސާލު:
އެއްމުސައްނިފަކުނަމަ: ޙުސައިން
ޢަބްދުއްރަޙްމާން (1997) ބަޔާން ކުރައްވާގޮތުގައި އަކުރުގައި ތިކިޖެހުމާއި، އިތުރު
އަކުރު އުފެއްދުމަކީ އެހެނިހެން ބަސްބަހުގައިވެސް ކޮށްއުޅޭކަމެކެވެ.
2. ޑިރެކްޓް ކޯޓޭޝަން: އެހެން މީހެއްގެ އަމިއްލަ ޢިބާރާތް (40 ލަފުޒަށްވުރެ
ނުވަތަ 3 ފޮޅުވަތަށްވުރެ ދިގުނޫންނަމަ) ހަމަ އެ އޮތްގޮތަށް ލިޔުމެވެ. އެގޮތުން
ލިޔާއިރު ލިޔާނީ ކޮމާކޯޅިއެއްގެ ތެރޭގައެވެ.
މިސާލު:
އެއްމުޞައްނިފަކުނަމަ: ''އަކުރުގައި
ތިކިޖެހުމަކީ ނުވަތަ އިތުރު އަކުރު އުފެއްދުމަކީ ހަމައެކަނި ދިވެހިބަހަށް
ދިމާވެފައިވާ ކަމެއްނޫނެވެ. އެހެން ބަސްބަހަށްވެސް ދިމާވެފައިވާ ގޮތެކެވެ'' (ޙުސައިން
ޢަބްދުއްރަޙްމާން، 1997، ޞ.9).
ދެ މުޞައްނިފަކުނަމަ: އަބަދުވެސް
ދެމީހުންގެ ނަން ގެންނަންވާނެއެވެ.
ޢަބްދުﷲ ޞާދިޤާއި އަޙްމަދު ޝަފީޤް
(1980) ހާމަކުރައްވާ ގޮތުގައި، މަޒުމޫނެއްގެ ފެށުން ވާންވާނީ ޝައުޤުވެރި
އެއްޗަކަށެވެ.
ތިނެއް ނުވަތަ ހަތަރެއް ނުވަތަ ފަސް
މުޞައްނިފުންނަމަ: ފުރަތަމަ ފަހަރު ހުރިހައި މުޞައްނިފުންގެ ނަން ގެންނަންވާނެއެވެ. އަދި
ދެވަނަ ފަހަރާއި އޭގެ ފަހުންލިޔާ ކޮންމެ ފަހަރަކު ފުރަތަމަ މުޞައްނިފުގެނަން
ލިޔެފައި ''އ.އ.ފ.'' (އަދި އިތުރު ފަރާތްތައް) މިހެން ލިޔުމަށްފަހު އަހަރު
ލިޔަންވާނެއެވެ.
3. ބްލޮކް ކޯޓޭޝަން: އެހެން މީހެއްގެ އަމިއްލަ ޢިބާރާތެއް (40 ލަފުޒަށްވުރެ
ގިނަނަމަ) އެ ޢިބާރާތެއް ހަމަ އެއޮތްގޮތަށް ލިޔާނީ އެވެ. އެ ޢިބާރާތް ލިޔުމުގައި
ހިމަނާނީ މައިގަނޑު ލިޔުމާއި ވަކިން ފަސޭހައިން އެނގޭނެހެންނެވެ. ލިޔުންކޮލުގެ
ކޮންމެ ފޮޅުވަތެއް ލިޔާނީ މައިގަނޑު ލިޔުމުގެ ކަނާތްފަރާތު ހަވާސާ އިން 10 ސްޕޭސް
އެތެރެއަށް ޖައްސާފައެވެ.
މިސާލު:
''ލިޔުންތެރިކަން
ބެހިގެންވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ
އާދައިގެ ބަހުރުވައާއި ވަޒަންބަހުރުވައެވެ. ނުވަތަ ނަސްރާއި ނަޒުމެވެ. އެހެން
ގޮތަކަށް ދަންނަވާނަމަ ޅެން ބަހުރުވައާއި އާދައިގެ ޢިބާރާތެވެ. ބަހެއް
ބޭނުންކޮށްގެން އިންސާނަކު ލިޔެއުޅޭ ހުރިހައި ބާވަތެއް މި ދެ ބައިގެ ތެރޭގައި
ހިމެނޭނެއެވެ. މީގެ
ތެރެއިން ވަޒަން ބަހުރުވައަކީ ނިސްބަތުން މަދުބައެކެވެ. ގިނައީ ވަޒަން ބަހުރުވަ
ނޫން އެހެން ބަހުރުވައެވެ. އާދައިގެ ޢިބާރާތެވެ. ޓެކްސްޓެވެ'' ޢަބްދުލްޢަޒީޒު
ޖަމާލު އަބޫބަކުރު (2010).
ރެފަރެންސް ލިސްޓް ލިޔާނެ ގޮތް:
މަޒުމޫނެއްލިޔެ
ނިންމާލުމަށްފަހު އެމަޒުމޫނެއްގައި ހިމެނި ރިފަރެންސް ތަކުގެ ލިސްޓް
ތައްޔާރުކުރުމުގައި މައްސަލަތައް ދިމާވެއެވެ. އެގޮތުން ފެކަލްޓީ އޮފް އާރޓްސް
(2012) އޭ.ޕީ.އޭ ސްޓައިލަށް ރެފަރެންސް ދޭނެގޮތުގެ ކުރު އަތްމަތީ ކަރުދާހުގައި
''ރެފަރެންސް ދިނުން'' މި ސުރުޚީއަށް ތައްޔާރު ކުރައްވާފައިވާ އެކި އެކި
ވައްތަރުގެ މިސާލުތަކުން ރެފަރެންސް ލިސްޓް ތައްޔާރުކުރާނެ ބައެއް މިސާލުތައް ދެން
ހިމާނަލަމެވެ.
އެއް ލިޔުންތެރިޔަކު ލިޔެފައިވާ ފޮތެއްނަމަ:
މައުޞޫމާ ޖަލީލު. (1996). ދީނީތަރުބިއްޔަތު ކިޔަވައިދިނުމުގެ ގޮތްތައް.
މާލެ: މުދައްރިސުންގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
|
ދެ ލިޔުންތެރިޔަކު ލިޔެފައިވާ ފޮތެއްނަމަ:
ޢަބްދުﷲ ޞާދިޤު، އަޙްމަދު ޝަފީޤް. (1980). ދިވެހި މަޒުމޫނު (1).
ނޮވެލްޓީ ޕްރެސް.
|
އޮފީހަކުން ނުވަތަ ޖަމްޢިއްޔާއެއްފަދަ ތަނަކުން ނެރެފައިވާ ފޮތެއްނަމަ:
ފެކަލްޓީ އޮފް އާރޓްސް. (2012). ސްޑެންޓް ހޭންޑްބުކް. މާލެ:
މުޞައްނިފް.
|
ޖަރނަލް އާޓިކަލް (ކަރުދާހުގައި ޗާޕްކޮށްފައިވާ):
ބާބާގޭ ދޮންމަނިކު. (1990). ގުޑިއެއްލުން ނުވަތަ ގުޑިއެރުވުން. ފައްތޫރަ،
12(2)، 16-20.
|
މަޖައްލާއަކުން ނަގާ އަރޓިކަލް:
ޙަސަން ޙަމީދު. (2003، ޖެނުއަރީ). ބައްޓަމާއި އިސްކޮޅު. ދަރުމަ، 2(9)، 14-15.
|
ނޫސް އަރޓިކަލް (ޗާޕުކުރި):
މުޙައްމަދު ޞާދިޤު. (2007، މާޗް 4). ކްރިކެޓްގެ އިހުގެ މާޒީ. އާފަތިސް، ޞ. 4.
|
ވެބްސައިޓް / ވެބްޕޭޖް:
މިނިސްޓްރީ އޮފް އެޑިޔުކޭޝަން. (2012). ސްކޫލް ސްޓެޓިސްޓިކްސް 2010. ނެގީ
|
ބްލޮގް:
ބަރަކް އޮބާމާ. (2008، ޖުލައި 14).
މައި ޕްލޭން ފޮރ އިރާޤް (ވެބްލޮގު މެސެޖް). ނެގީ
|
އަތްމަތީ ކަރުދާސް:
ޢަބްދުއްރަޝީދު ޢަލީ. (2011). ކްރިޓިކަލް
ރިވިއު ލިޔުން (އަތްމަތީ ކަރުދާސް). މާލެ: ފެކަލްޓީ އޮފް އާރޓްސް،
ދިވެހިރާއްޖޭގެ
ޤައުމީ ޔުވަރސިޓީ.
|
ނިންމުން:
ކޮންމެ މަޒުމޫނަކީ މައިގަނޑު ނަމެއްގެ މައްޗަށް ރީތި
ފެށުމަކާއި އޮއްއްޓަރު ހުރި، ބަދަހި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި
ނިންމުމަކާއިއެކު ތަފާތު ނުކުތާތަކުގެ މައްޗަށް ލިޔެ އެއްކުރެވިފައިވާ
މަޢުލޫމާތުތަކެކެވެ. އަދި ތީސީސް
ޖުމްލައަކީ
މުޅި މަޒުމޫނުގެ މިސްރާބު އަންގައިގޭ ޖުމްލައިގެ ގޮތުގައި ފެށުމުގެ ޕެރެގްރާފްގައި
ހިމެނަންޖެހޭ ޖުމްލައެކެވެ. އެގޮތުން ލިޔުންތެރިކަން މޮޅު މަޒުމޫނެއްގައި ނަމަ
ފެށުމުގައި ތީސީސް ޖުމްލައެއް
އޮންނަންވާނެއެވެ. އަދި ކޮންމެ ޕެރެގުރާފެއްވެސް ބިނާވެގެންވާން ޖެހޭނީ މައިގަނޑު
އެއް ބުނުމެއްގެ މައްޗަށް އަމުނާލެވިގެން ގަތާލެވިފައިވާ ވަކިވަކި ޒިންމާތަކެއް
އަދާކުރާ ޖުމްލަތަކެއްކަމުގައެވެ. އެހެނީ ޕެރެގްރާފް ތަކުގެ މައިގަނޑު ޖުމްލައަކީ އެ
ޕެރެގްރާފެއްގައި ބުނަން ބޭނުންވާ މައިގަނޑު ނުކުތާ ހިމެނިފައިވާ ޖުމްލަ ކަމުގައި
ވާންޖެހެއެވެ. ޢާއްމުކޮށް ކޮންމެ ޕެރެގުރާފެއް ވެސް ބިނާ ކުރަންވާނީ މައިގަނޑު
އެއް ނުކުތާގެ މައްޗަށެވެ. ޕެރެގްރާފް ތަކުގައި މައިގަނޑު ނުކުތާ ނުވަތަ މައިގަނޑު
ޖުމްލަ ހިމެނުމަށްފަހު މިސާލާއި، ތަފާސް ހިސާބާއި، ހުއްޖަތާއި ދަލީލުތަކުގެ
އިތުރުން، ބުނުންތަކާއި ދިރާސާތަކުން ނުކުތް
ނަތީޖާތަކާއި ޢިލްމީ ހެކިތައް ހިމަނަންޖެހެއެވެ. އަދި ޕެރެގްރާފްތަކުގެ ނިންމާ
ޖުމްލަ ނުވަތަ ވަށާޖެހޭ ޖުމްލައަކީ މުޅި ޕެރެގުރާފުގައި ގެންސްދީފައިވާ ހުރިހާ
ވާހަކަތަކެއް ޖުމްލަކޮށް އެމުނި އެކުލަވާލުމަށް ބޭނުންކުރާ ޖުމްލަ އެވެ. އަދި
އެހެން ލިޔުންތެރިޔަކު ލިޔެފައިވާ ލިޔުމެއް ނުވަތަ ޚިޔާލެއް ލިޔާނަމަ ރެފަރެންސް
ދިނުމުގައި އެލިޔުމެއް ލިޔެފައިވާ މުސައްނިފްގެ ނަމާއި، ޝާއިޢުކުރި އަހަރާއި،
ޞަފްހާ ނަންބަރު ލިޔުމަކީ މުޙިއްމު ކަމެކެވެ. އަދި ހަމައެހެންމެ އެ މަޒުމޫނެއްގައި
ހިމެނި ރިފަރެންސް ތަކުގެ ލިސްޓް ތައްޔާރުކުރުމަކީވެސް ސަމާލުކަން ދޭންޖެހޭ
ކަމެކެވެ. އެހެންކަމުން މަޒުމޫނެއްލިޔެ ނިންމާލާއިރު އެމަޒުމޫނެއްގެ ފޭރާންހެޔޮ
ކުރުމަށް މިކަންކަމަށް ސަމާލުކަން ދިނުމަކީ ލިޔާމީހާއަށާއި ކިޔާ މީހާއަށް ފައިދާކުރާނެ
ކަންތައްތަކެއް ކަމުގައި ދެކެމެވެ.
No comments:
Post a Comment