Tuesday, November 15, 2016

ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން

ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން

ފެށުން:
ދިވެހި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ މިޤައުމުގެ ކުރިމަގު އުޖާލާ ކުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކޮންމެ ފަރުދަކަށްވެސް ފައިދާ ލިބެމުންދާނެތީއެވެ. ކުރިއާ ޚިލާފަށް ދިވެހި އަންހެނުންނަށް ތަޢުލީމު ޙާޞިލް ކުރުމުގެ މަގު ތަނަސްވުމުގެ އިތުރުން މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ޢަމަލީ ގޮތުން އަންހެނުން ޙަރަކާތްތެރި ވުމަށް ފުރުޞަތު ލިބިފައިވެއެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ފަދައިން، ދިވެހި އަންހެނުން އުނގެނުމުގެ މަރުޙަލާ ނިންމުމަށްފަހު ޢަމަލީ މައިދާނުގައި ޙަރަކާތްތެރި ވާންފެށީ 1952 ވަނަ އަހަރުގައެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް ތަފާތު އެކިއެކި ދާއިރާތަކުގައި އަންހެނުން އަންނަނީ ޙަރަކާތްތެރި ވަމުންނެވެ. މިއަދު މިވަނީ ދިވެހި އަންހެނުން ތަޢުލީމީ ރޮގުންނާއި، ވަޒީފާގެ ދާއިރާތަކުންނާއި، ތަރައްޤީގެ އެކިއެކި ދާއިރާތަކުންނާއި، އަދި ޤައުމުގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތު ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން ސިޔާސީ އަދި ދަވްލަތުގެ އިސްމަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވަމުންދާކަމީ ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި ހަމައެހެންމެ ޤައުމުގެ މުޙިއްމު ދާއިރާ ތަކުގައި ދިވެހި އަންހެނުން ޙަރަކާތްތެރި ވަމުންދެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގައިވެސް މިއަދު ދިވެހި އަންހެން މެންބަރުން ތިބިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ ވެސް އެއްފަދައި ދިވެހި ރާއްޖޭގައިވެސް ކޮންމެ އަހަރަކު ޤައުމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަ ކުރަމުންދާކަމީ، އަންހެނުންނަށް ލިބިފައިވާ ކުރިއެރުމެއްކަން ފަޚުރުވެރި ކަމާއެކު ފާހަގަ ކުރަން ޖެހެއެވެ. އެހެނީ ދިވެހި އަންހެނުންނަށް ތަފާތު އެކިއެކި ދާއިރާތަކުން މިހާރު ލިބިފައިވާ ކާމިޔާބީއާއި ކުރިއެރުންތަކަކީ ދިވެހި އަންހެނުންގެ ހީވާގި މަސައްކަތުން ހޯދިފައިވާ ކާމިޔާބީ އާއި ކުރިއެރުން ތަކެކެވެ. މި ކުރިއެރުންތަކާއި ކާމިޔާބީތަކަކީ ފާހަގަ ކޮށްލެވޭ ކަންތައްތަކެވެ.  އެހެންކަމުން މި މަޒުމޫނުގައި ބަލައިލާނީ ދިވެހި އަންހެނުންނަށް ތަޢުލީމީ ރޮގުންނާއި، ވަޒީފާގެ އެކިއެކި ދާއިރާތަކުންނާއި، ތަރައްޤީގެ އެކިއެކި ދާއިރާތަކުންނާއި، އަދި ޤައުމުގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތު ދާއިރާތަކުން ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ.

ދިވެހި އަންހެނުންނަށް ތަޢުލީމީ ރޮނގުން ލިބިފައިވާ ކުރިއެރުންތައް:
ދުނިޔެއަށް މިއަދު އައިސްފައިމިވާ ކުރިއެރުމާއި، ތަރައްޤީއާއެކު ތަޢުލީމު އުނގެނުމަކީ ދިވެހި ކޮންމެ އަންހެންނަކުވެސް ޙާޞިލްކުރަން ޖެހިފައިވާ އެއްޗެކެވެ. އަންހެނުންނަކީ، ހަރުދަނާ ޢާއިލާއެއް ބިނާ ކުރުމުގެ ބިންގާ ކަމުގައިވާއިރު އަންހެނުންނަށް ތަޢުލީމް އުނގެނުމުގެ ފުރުސަތުތައް ލިބިދޭން ޖެހެއެވެ. ''ތަޢުލީމް އުނގެނުމުގެ ފުރުސަތުތައް ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ހުޅުވިގެން ދިޔައީ އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އޭގެ ކުރިން ދިވެހިންގެ އިޖުތިމާޢީ ޙާލަތާއި، ވިސްނުން ހުރިގޮތުން އަންހެނުން ތަޢުލީމް އުނގެނުމަކީ އެހާ ބޭނުންތެރި ކަމެއް ކަމުގައި ނުދެކެއެވެ'' (މުޙައްމަދު ވަހީދު، 2008). އެހެންނަމަވެސް މިހާރު މިވަނީ އެކަން ބަދަލުވެ އަންހެނުންނަށްވެސް އުނގެނުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ތަނަވަސްވެފައެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާ ގޮތުގައި، 28 ނޮވެމްބަރ 1944 ވަނަ އަހަރު އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން މަދަރުސާއެއް ހުޅުވިގެން ދިއުމަކީ މާޒީގައިވެސް އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެވިގެންދިޔަ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގައި ހުރި އެންމެގިނަ ދުވަސްވީ ސްކޫލް މިހާރުގެ އަމީނިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލް ކޮށްފައިވާ މިޤައުމު ފަޚުރުވެރިވާފަދަ އެތައް އަންހެން ކަނބަލުންނެއް މިއަދު މިޤަމުގައި އެބަތިއްބެވެ. މިއީވެސް މި މަދަރުސާގެ ތަޢުލީމީ ޚިދުމަތަށް ފަނޑުކަމެއް ނާންނަކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ހަމައެހެންމެ ބައިނަލްއަޤުވާމީ ފެންވަރުގެ ރަން ވަނަތައް އަމީނިއްޔާ ސުކޫލުގެ ދަރިވަރުން ގެންދަނީ ހޯދަމުންނެވެ. (ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، 2007). ބަޔާން ކުރައްވާ ގޮތުގައި، އަމީނިއްޔާ ސުކޫލުގެ ދަރިވަރެއް ސާނަވީ އިމްތިޙާނުގައި 2006 ވަނަ އަހަރު މުޅި ދުނިޔެއިން ބައިލޮޖީން އެންމެ މަތީ މާކްސް ހޯދާފައިވެއެވެ. މި ފެންވަރުގެ މަތީ ވަނައެއް އަންހެން ދަރިވަރަކަށް ލިބިގެން ދިއުމީ ދިވެހި އަންހެނުންނަށާއި އަދި ޤައުމަށް ލިބިގެންދިޔަ ޝަރަފެކެވެ. އަދި މިއީ ދިވެހި މުޖުތަމަޢުގައި އަންހެންދަރިނަށް އުނގެނުމުގެ ފުރުޞަތު އޮތް މިންވަރު ހާމަވެގެންދާ ލާމަސީލު މިސާލެކެވެ.
ދިވެހި އަންހެނުންނަށް ވަޒީފާގެ ބާޒާރުގައި ލިބިފައިވާ ކުރިއެރުންތައް:
އެވޭލާ ޒަމާނުގައި ދިވެހި އަންހެނުންނަށް ބައެއްކަހަލަ ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިފައި ނުވެއެވެ. އެހެންނަމަވެސް އެގޮތް ބަދަލުވެ މިއަދު ދިވެހި މުޖުތަމަޢުގެ ހުރިހާ ދާއިރާތަކެއްގައި އަންހެނުންގެ ބައިވެރިވުން ދަނީ ފެންނަމުންވެ. ''އަންހެނުންގެ ބައިވެރިވުން ނެތި ގެނެވޭ ތަރައްޤީއަކީ އެހާ އާރުލާ ދެމެހެއްޓެނިވި ތަރައްޤީއަކަށް ނުވާނެއެވެ.'' ހިޔުމަން ރައިޓްސް ކޮމިޝަން، (2012). އެހެންކަމާއެކު ތަފާތު ދާއިރާތަކުގައި އަންހެނުން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ލިބިގެން ދިޔައެވެ. މިއީ ދިވެހި އަންހެނުންނަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. އެގޮތުން ސިޔާސީ ދާއިރާ އާއި ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވަމުންދާކަމީ ދިވެހި
އަންހެނުންނަށް ލިބިފައިވާ ވަރަށްބޮޑު ކުރިއެރުމެކެވެ. މިގޮތުން ވަޒީފާގެ ފުރުޞަތުތައް އަންހެނުންނަށް ހުޅުވާލެވުމަކީ، އަންހެނުންގެ ކުރިއެރުމަށް ލިބެމުންދިޔަ ކާމިޔާބީ ތަކެކެވެ. ދިރިއުޅުމުގައި ލިބެމުންދިޔަ ކާބިޔާބީތަކާއެކު އަންހެނުންގެ
ކުރިމަގު އުޖާލާ ވެގެންދާކަމުގެ އަލިގަދަ ހެއްކެކެވެ. ދިވެހި ދަވްލަތުގެ އިސްވެރިންގެ ހިތްހެޔޮކަމާއި ބުރަ މަސައްކަތުން ދިވެހި އަންހެނުންނަށް މިފަދަ ފުރުޞަތުތަކެއް ހުޅުވާލެވިގެން ދިއުމަކީ ދިވެހި އަންހެނުންނަށް ކުރިއެރުމެއް ކަމަށް ކޮންމެ ދިވެހި އަންހެން ދަރިއަކު ފަޚުރުވެރި ކަމާއެކު ފާހަގަ ކުރާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. ''އަންހެނުންނަކީވެސް މުޖުތަމަޢުގައި ފިރިހެނުންނާއި ހަމަހަމަ ފުރުޞަތުތަކެއް ލިބިދޭންޖެހޭ ބައެއް ކަމުގައި އެންމެންވެސް ޤަބޫލްކޮށް، އަންހެނުންނަށް ޤަދަރާއި އިޙްތިރާމްކޮށް މި އަސާސްގެ މައްޗަށް ޢަމަލު ކުރުމުގެ ރޫޙު ކުރިއަށް ނެރެގެން މެނުވީ އަންހެނުން ވަޒީފާގެ މައިދާނުގައި ކުރިއަރައިގެން ނުދާނެއެވެ'' ހިއުމަން ރައިޓްސް ކޮމިޝަން، (2012). އެހެންކަމުން އަދުގެ މުޖުތަމަޢުން ފެނިގެންމިދަނީ ހަމަހަމަވުމުގެ ސަބަބުން ވަޒީފާގެ މާޙައުލުން އަންހެނުންނަށް ކުރިއެރުން ލިބިގެން ދާތަނެވެ. އެގޮތުން ސިފައިންގެ ވަޒީފާ އަދާކުރުމަކީ ހަމައެކަނި ފިރިހެނުންނަށް އަދާކުރެވޭ ވަޒީފާއެއް ނޫންކަންވެސް މިއަދުގެ އަންހެން ޖީލުންވަނީ ކަށަވަރު ކޮށްދީފައެވެ. އަންހެނުން ސިފައިންގެ ތެރޭގައި މިއަދު ދަނީ ފިރިހެނުންނެކޭ އެއްސަފެއްދައި ޙަރަކާތްތެރި ވަމުންނެވެ.
''ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަށް 1962 ގައި ކުރެވުނު މަސައްކަތް ނާކިމިޔާބުވީ އޭރު ދިވެހިންގެ އިޖުތިމާޢީ ޙާލަތާއި ވިސްނުން ހުރިގޮތުން، ސިފައިންގެ ޚިދުމަތަށް އަންހެނުން ތަޢާރަފް ކުރުމަކީ ދަށުދަރަޖައިގެ ކަމެއްކަމަށް ފެންނާތީއެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދިޔަ ހެޔޮ ބަދަލުތަކާއި ގުޅިގެން އަންހެން ސިފައިންގެ ބޭނުންތެރިކަން ވިސްނެމުން އައެވެ. މި ވިސްނުމަށް ގޮތެއް ނިންމަވައި ޢަމަލީ ފިޔަވަޅެއް އެޅުއްވީ އަންހެން ސިފައިން ތަޢާފް ކުރުމަށް އެންމެ ފުރަތަމަ ޢިއުލާން ކުރިތާ 26 އަހަރު ފަހުން، 1988 ގެ ނޮވެމްބަރު 13 ގައެވެ. މުޅިދުނިޔެއަށް އަންހެން ސިފައިން ތަޢާރަފްވިތާ 144 އަހަރު ފަހުން، ދިވެހި ސިފައިންގެ ސަފުތަކާ ގުޅުނު އަންހެން ސިފައިންގެ ސަފުތައް ވެގެން ދިޔައީ، ސިފައިންގެ ޚިދުމަތް މެކުހަކަށް ޖަހާލުން ފަދަ ކަމަކަށެވެ'' (ޝަމްސުލް ފަލާޙް، 2009).
ދިވެހި ދައުލަތުގެ އިސް މަޤާމުތަކުގައި މިއަދު އަންހެނުން ޚަރަކާތްތެރި ވުމަކީ ދިވެހި އަންހެނުންގެ ފަޚްރެކެވެ. އެތަކެއް އަހަރުތަކެއް ކުރިން ދިވެހި މުޖުތަމަޢުގައި އަންހެނުންގެ ޚިދުމަތް ބަލައިގަނެފައިވާކަން އެއީ، ދިވެހި ދަރީން އުފަލާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ގޮތުގައި، ޑަކްޓަރުކަމާއި،  ނަރުސްކަމާއި، ޓީޗަރުކަމާއި، އެފަދަ އެހެން ކަންކަމުގައި އަންހެން ކަނބަލުން ޚިދުމަތް ކުރާތަން ފެންނަ އިރު އެކައުންޓިންގ ގެ ދާއިރާ އާއި އަދި ޕައިލެޓުންގެ ތެރޭގައިވެސް އެކަނބަލުން ގެންދަނީ ޚިދުމަތް ކުރަމުންނެވެ. އަދި ހަމައެހެންމެ ޤަވްމުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ދާއިރާގައިވެސް އަންހެނުން ގެންދަވަނީ ޚިދުމަތް ކުރަމުންނެވެ. މި މަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވާކަމީ ދިވެހި ކޮންމެ އަންހެނަކަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. ''ރާއްޖޭގައި ޒަމާނުއްސުރެ ރަށްރަށުގެ ކަތީބުކަމަކީ ފިރިހެނުންގެ ވާޒީފާއެއް ކަމަށް ބެލެވެމުން އައި އައުންމަށް ބޮޑު ބަދަލެއް އައިސް ރަށެއްގެ
ކަތީބުންގެ ތެރެއަށް އަންހެނަކު ގުޅިގެން ދިޔައީ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ނޮވެމްބަރު 2000 ގައި އަތޮޅު ވެރިޔާގެ ބަދަލުކަމުގެ މަޤާމު ފުރުއްވާ އަންހެން ބޭފުޅުން ވަނީ ފެންނަން ފަށާފައެވެ'' (ޢަބްދުﷲ ޒަމީރު، 2001).  މިއީ މި ޤައުމުގެ އަންހެނުންނަށް ލިބިގެންދިޔަ ފަޚުރުވެރި ކާމިޔާބީއާއި ކުރިއެރުމެކެވެ. މިއަދު ދިވެހި މުޖުތަމަޢުގައި ފިރިހެނުންނެކޭ އެއްސަފެއްގައި އަންހެން ކަނބަލުން ޙަރަކާތްތެރި ވަމުންދާކަން އުފަލާއެކު ފާހަގަކުރަން ޖެހެއެވެ.
ދިވެހި އަންހެނުންގެ ތަރައްޤީއަށް ކުރެވެމުންދިޔަ މަސައްކަތްތައް:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަކީ ދިވެހި އަންހެނުންނަށް ކުރިއެރުން ހޯދުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. މިއަދު ދިވެހި މުޖުތަމަޢުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ މަރުކަޒުތައް ރާއްޖޭގެ ކަންކޮޅު ތަކުގައި ޤާއިމްވެފައިވާކަމީ އަންހެނުންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. (ހިޔުމަން ރައިޓްސް ކޮމިޝަން، 2012). ހާމަކުރައްވާގޮތުގައި، ޖަމާޢަތެއް ނުވަތަ ބައެއް ކުރިއަރައިގެންދާނީ ވަކި ބައެއް އެކަމުގައި ޙިއްސާވެގެންނެއް ނޫނެވެ. ތަރައްޤީއަކީ އަންހެނުންނާއި ފިރިހެނުން ގުޅިގެން އެއްބާރުލުން ލިބިގެން ކުރިއަރާނެ ކަމެކެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށްވެސް ފިރިހެނުންގެ އެއްބާރުލުމާއި ފުރިހަމަ ޙިއްސާ ބޭނުންވެއެވެ. އެގޮތުން މިއަދު ދިވެހި އަންހެނުންނަށް ލިބިފައި މިވާ ކުރިއެރުންތަކަކީ ރާއްޖޭގެ ފިރިހެނުންގެ އެއްބާރުލުން ލިބިގެން، ލިބިފައިވާ ކުރިއެރުން ތަކެކެވެ.
އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރާއްޖޭގައި ޤާއިމުވެފައި އޮތްކަމީ ދިވެހި އަންހެނުންނަށް ލިބިފައިވާ ވަރަށްބޮޑު ނަސީބެއްކަމަށް ބުނެވިދާނެއެވެ. ''1980 ގެ އަހަރުތަކަށް ބަލާއިރު މުޖުތަމަޢުގައި އަންހެނުންގެ މަޤާމުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެންމެ ފުރަތަމަ ފަހަރަށް ސަރުކާރުން އަންހެނުންނާ ބެހޭ އޮފީހެއް އަދި ފަހުން ޑިޕާޓްމެންޓެއް ޤާއިމްކުރެއްވީ އަށްޑިހަގެ އަހަރުތަކުގައެވެ. އަދި 11 ނޮވެމްބަރ 1993 ގައި ސަރުކާރުގެ އޮނިގަނޑު އަލުން އިންތިޒާމް ކުރައްވައި ހަމަޖެއްސެވިއިރު އަންހެނުންނާ ބެހޭ މިނިސްޓްރީއެއް އުފައްދަވާފައިވާކަން ފާހަގަ ކުރެވެއެވެ. އެވުޒާރާގެ މިނިސްޓަރަކަށް އިސްކުރައްވާފައިވަނީ ވެސް އަންހެން ބޭފުޅެކެވެ'' (ޢަބްދުﷲ ޒަމީރު، 2001). މިއީ ދިވެހި ސަރުކާރުގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ކަންތައްތަކެއްކަން ފާހަގަ ކޮށްލަމެވެ. އެގޮތުން (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި އަންހެނުންނަށް މުޖުތަމަޢުގައި އެބައިމީހުންގެ މަޤާމު ހޯދުމަށް ހުޅުވިފައިވާ ފުރުޞަތުތައް ބޭނުންކޮށްގެން ކުރިއަށް ދަނީ ވަރަށް ހަލުއި މިނެއްގައެވެ. އެހެންނަމަވެސް އަދިވެސް ތަރައްޤީ ކުރަންޖެހިފައި ހުރި ކަންތައްތައް ގިނައެވެ. އެކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ދިވެހި މުޖުތަމަޢުގެ އެންމެންގެ ހިއްސާ ލިބުމުން އަވަސްވެގެންދާނެއެވެ.
ދިވެހި އަންހެނުން ތަފާތު ދާއިރާ ތަކުގައި ހޯދާފައިވާ ކާބިޔާބީތައް:
ދިވެހި އަންހެންނުނަކީ ތަފާތު ދާއިރާތަކުން ކާމިޔާބީތައް ހޯދާފައިވާ ބައެކެވެ. އަދި މިހާރުވެސް ކާމިޔާބީތައް ހޯދަމުން އަންނަ ބައެކެވެ. ޤައުމީ ފެންވަރުގަޔާއި، ދުނިޔޭގެ ފެންވަރުގައިވެސް ދިވެހި އަންހެނުން ހޯދަމުންދާ ކާމިޔާބީތަކަކީ މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ކަމެކެވެ. އަނީސާ އަޙުމަދާ (2012) ޙަވާލާދެއްވާ އަޙުމަދު ހަމްދޫން (2012) ވިދާޅުވާގޮތުގައި ''ގެވެށި އަނިޔާ ހުއްޓުވުމާއި ދެޖިންސުގެ ތަފާތުތައް ނައްތާލުމާއި އަންހެން ކުދިން ޚިތާނުކުރުމާ ދެކޮޅަށް މަސައްކަތް ކުރެއްވި އަނީސާއަށް އެމެރިކާގެ ހާރިޖީ ވަޒީރު ދެއްވާ ''ހިތްވަރުގަދަ އަންހެނާ'' ގެ
އެވޯޑް ލިބިމުން ކުރިއަށް ދިއުމަށްޓަކައި އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.'' މީގެ ކުރިން މި އެވޯޑް ރާއްޖެއިން ލިބިފައިވަނީ، މާރިޔާ އަޙްމަދު ދީދީ އަށެވެ. އެއީ 2007 ގައެވެ'' (އަޙުމަދު ހަމްދޫން، 2012). އެހެންކަމާއެކު މިފަދަ އެކިއެކި އެވޯޑުތައް ގިނަގިނައިން ދިވެހި އަންހެނުންނަށް ލިބުމުން، އިތުރު ކުރިއެރުންތައް ޙާޞިލް ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރެއެވެ. ދިވެހި އަންހެން ދަރީން ހޯދަމުންދާ ކާމިޔާބީތަކާމެދު ދިވެހިން އުފާކުރަމުންދާކަމީ، ދިވެހި އަންހެނުންނަށް ލިބެމުންދާ އިތުރު ހިތްވަރެކެވެ. (ހިއުމަން ރައިޓްސް ކޮމިޝަން 2012) ޙަވާލާދެއްވާ ފަޒީނާ އަޙްމަދު (2012) ހާމަކުރައްވާފައިވާ ގޮތުގައި ''ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށާއި އެއީ އުފާކުރުން ޙައްޤު ކާމިޔާބީއެއް ކަމަށެވެ.'' މިއަދު ދިވެހި އަންހެން ދަރީން ތަޢުލީމީ ރޮނގުންނާއި ކުޅިވަރުގެ މައިދާނުގަ އާއި މިހެންގޮސް ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ހިންގޭ ތަފާތު ޙަރަކާތްތަކުގައި ތަފާތު ގޮތްގޮތަށް ބައިވެރިވެ ކާމިޔާބީތައް ހޯދަމުން ދާކަމީ ފަޚްރުވެރި ކަމާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ. އެގޮތުން ފިލްމީ ދާއިރާގަޔާއި ފެޝަން ޑިޒައިންގެ ދާއިރާއިންވެސް ދިވެހި އަންހެނުންދަނީ ކާމިޔާބީތައް ހޯދަމުންނެވެ. އާސިއަތު (މުޙައްމަދު ސަޢީދު، 2012) ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި އަންހެން ކަނބަލެއް ކަމަށްވާ ނާޒިޔާ ވަނީ ފެޝަންޑިޒައިންގެ ރޮނގުން 2008 އާއި 2009 ގައި ޤަޢުމީ އިނާމް ހޯއްދަވާފައެވެ. އަދި ހަމައެފަދައިން ލިޔުން ތެރިކަމުގެ ރޮނގުން 1999 ވަނަ އަހަރު ޤައުމީ އިނާމް ހޯދުމަށްފަހު 2009 ގައި ވިޝުއަލް އާޓްސް ގެ ދާއިރާއިން ވެސް އެއިނާމް ހޯދާފައިވަނީ ދިވެހި ފިލްމީދާއިރާގެ ފުންނާބު އުސް ނަހުލާ ޢަލީ އެވެ. ވުމާއެކު މިއީވެސް ދިވެހި އަންހެން ކަނބަލުންނަށް ލިބިގެންދިޔަ ހިއްވަރެކެވެ.
ނިންމުން:
ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، މިހާތަނަށް ލިބިފައިވާ ކުރިއެރުން ތަކަކީ މުޅި ދިވެހި ޤައުމު އެކަންކަމަށް އެއްބާރުލުން ދީފައިވާ ކަންކަމެވެ. އެގޮތުން އަންހެނުންގެ ޙައްޤުތައް ހޯދައިދީ އެ ކަނބަލުންގެ ކުރިއެރުމަށް މަސައްކަތްކުރި ކޮންމެ ދިވެއްސަކީ ވެސް ދިވެހި އަންހެނުންގެ ކުރިމަގު އުޖާލާ ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅެއް އަޅާދީފައިވާ ދިވެއްސެކެވެ. ދުނިޔެއަށް އައިސްފައިމިވާ ކުރިއެރުމާއެކު، ދިވެހި އަންހެން ދަރީން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމް ހާސިލްކޮށްގެން ޢަމަލީ މައިދާނުގައި އެކަށީގެންވާ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ދިވެހި މުޖުތަމަޢުން ހޯދައި ދީފައިވާކަން، އެއީ މިއަދު މުޅި ދުނިޔެވެސް ތަޢުރީފު ކުރާނެ
ކަމެއްކަން އުފަލާއެކު ފާހަގަ ކުރަންޖެހެއެވެ. ދިވެހިންގެ މެދުގައި އޮތް ކުރީގެ ބޯދާ ވިސްނުމާއި ޚިޔާލުތައް ދޫކޮށްލައި، ދިވެހި އަންހެނުންނަށް ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ކުރެވުނު މަސައްކަތަކީ، އަންހެނުން ތަފާތު ދާއިރާތަކުން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދުމަށް ލިބިގެން ދިޔަ ފުރުޞަތު ތަކެއްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. މިއީ ދިވެހި މުޖުތަމަޢުގެ އެންމެންގެ ހިތްވަރާއި އެއްބާރުލުން ލިބިގެން، ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން ތަކެކެވެ. ވުމާއެކު ދިވެހި އަންހެނުން ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީ އާއި ކުރިއެރުންތަކުގެ އަގު ވަޒަންކޮށް ހިތްވަރުދޭނެ ފަރާތްތަކެއް ވަނީ ބޭނުންވެފައެވެ. ދިވެހި އަންހެނުންގެ މުސްތަޤުބަލް އުޖާލާ ކޮށްދީ އަދަށްވުރެ ފާގަތި މާދަމާއެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ހީވާގި އަތްތަކަކަށް ވަނީ ބޭނުންވެފައެވެ. ކުރިމަގުގައި ދިވެހި އަންހެނުންނަށް މިއަށްވުރެ ކާމިޔާބު ދުވަސްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

No comments:

Post a Comment