Monday, November 14, 2016

ޗައިނާ ޙަޟާރަތް


ޤަދީމީ ޗައިނާގައި އޮތް ޙަޟާރަތަކީ އުފެއްފެއްދުންތެރި ކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ޙަޟާރަތެއް
ފެށުން:
ޖިއޮގުރަފީގޮތުން ނޯތުއޭޝިޔާގެ މެދުގަތެރޭގައިވާ ޗައިނާއަކީ ގަދީމީ ޒަމާނުއްސުރެން މިއަދާއި ހަމައަށްވެސް ދުނިޔޭގައިވާ އުފެއްދުންތެރި ކަމުގެ ގޮތުން ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ގޮންޖަހާލާފަދަ ކުރިއެރުންތަކެއް ހޯދާފައިވާ އަދިހޯދަމުންއަންނަ ޤައުމެކެވެ. ތާރީހުން އެނގޭގޮތުގައި ޤަދީމީ ޗައިނާގެ ހަޟާރަތުގެ މީހުން އާބާދުވީ 3 ކޯރެއްގެ އައްސޭރީގައެވެ. އެތިން ކޯރަކީ، ހުއާންގ ހީ ކޯރުHuang He   ނުވަތަ ޔެލޯ ރިވަރYellow River  ، ޗޭންގް ޖިއަންގ ނުވަތަ  Yangtzeޔެންގްޒީ ކޯރު، ޒީ ޖިއަންގަ   Xi Jiangނުވަތަ  West River ވެސްޓް ރިވަރ އެވެ. ދުނިޔޭގެ އެހެނިހެން ހަޟާރާތްތަކެކޭ އެއްފަދައިން ޤަދީމީ ޗައިނާގެ ރަށްވެހިކަން ތަރައްޤީ ވުމުގައި ކޯރުތަކުގެ އައްސޭރިތައް މުހިއްމު ތަނަކަށްވީ ފެންލިބުމުގެ ފަސޭހަކަމުންނެވެ. ލެކްޗަރާ ނޯޓްސް (2016) ގައި ވާގޮތުން  ހުއާންގ ހޯ ކޯރު ނުވަތަ ޔެލޯ ރިވަރ އަކީ ޗައިނާގެ ޙަޟާރަތު އެކޯރެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު ކޯރެވެ. "ހުވާން" މިލަފުޒުގެ މާނަޔަކީ "ޔެލޯ" (ރީނދޫ) އެވެ. ހުވާންގ ހޯ ކޯރަކީ ޗައިނާގައިވާ ކޯރުތަކުގެ ތެރެއިން ދެވަނައަށް އެންމެދިގު ކޯރެވެ. މިކޯރުގެ ދިގުމިނަކީ 3395 މޭލެވެ. އެހެންކަމުން މިމަޒުމޫނުގައި ބަލައިލާނީ ޤަދީމީ ޗައިނާގެ ޙަޟާރަތުގެ އުފެއްދުންތެރިކަމާއި ކުރިއަރާފައިވާ މިނަވަރު އަދި ދިވެހިން ކުރިދަތުރުތަކުގެ ސަބަބުން ޗައިނާއާ ރާއްޖެއާއި ދެމެދު ޤާއިމްވެގެންދިޔަ ގުޅުމުގެ މައްޗަށެވެ.
ޤަދީމީ ޗައިނާ ޙަޟާރަތުގެ އުފެއްދުންތެރިކަން:
ޤަދީމީ ޗައިނާގައި އޮތް ޙަޟާރަތަކީ އުފެއްދުންތެރި ކަމުގެ ރޮނގުން ފާހަގަކުރެވޭ ޙަޟާރަތެކެވެ. އަދި ޖިއޮގުރަފީ ގޮތުން ޗައިނާގެ ޙަޟާރާތް އުފެދިފައިވާ ސަރަހައްދަކީ ސަހަރާތަކުގެ ސާފުވައިގެ ސަބަބުން ބިންގަނޑަށް މުއްސަނދިކަން ލިބި، ހުވަންގ ހީ ވާދީން ދަނޑުގޮވާން ކުރުމުގެ މުއްސަނދިކަން ލިބިފައިވާ ޙަޟާރާތެކެވެ. އޭގެ އިތުރުން ދެކުނުގެ ސަރަހައްދު ވެގެންދިޔައީ ވާރޭގެ އެހީގައި ހަނޑޫ އުފެއްދުމުގެ މަރުކަޒު ތަކަކަށެވެ. އުތުރު ވެފައިވަނީ ޒުވާރިއާއި ބިންބި އަދި ގޮދަންފަދަ ގޮވާމުގެ ބާވަތްތައް ހެއްދޭ ބިންތަކަށެވެ. އެހެންކަމުން ޒަމާންވީ މިޙަޟާރަތުގެ އުފެދުމާއި މުއްސަނދި ކަމަކީ މިކޯރުތަކާއި އެއާ ގުޅިފައިވާ ވާދީތަކުގައި ރަށްވެހިވާން ފެށި އާބާދީތަކުގެ ހުނަރުވެރި ދިރިއުޅުމުގެ މުއްސަނދިކަމެވެ.
ޤަދީމީ ޗައިނާ ޙަޟާރަތުގެ އުފެއްދުންތެރިކަން ކުރިއަރާފައިވާ މިންވަރު:
ދުނިޔޭގައި އެންމެ ބޮޑުއާބާދީ އެޤައުމަކަށް ނިސްބަތްވާ ޗައިނާއަކީ ދުނިޔޭގެ ޤަދީމީ ޙަޟާރަތްތަކުގެ ތެރެއިން އެއް ޙަޟާރަތެވެ. މި ޤަދީމީ ޙަޟާރަތު، ޗައިނާއާމެދު ލިޔެވިފައިވާ ފަތްފުއްތަކުން ވަރަށް ރަނގަޅަށް އަންގާދެއެވެ. ޒަމާނީ އާކިއޮލޮޖީގެ އަލީގައި ހޯދަމުންދާ ތާރީޚީ ހޯދުންތަކުން މިއަދު ފެންނަމުންދާ ލޮޔާއި އެނޫންވެސް އަގުހުރި އުފެއްދުންތަކުން ކެނޑިނޭޅި ފެންނަމުންދަނީ އެ ދިގު، އަދި ދުވަސްވީ މުއްސަނދި ތާރީޚީ ހެކިތަކާއި ސިއްރުތަކެވެ. ޙާމިދު ރަޝީދު (2015) ވިދާޅުވަނީ، ޤަދީމީ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި 3300 އަހަރު ކުރިން ޗައިނާގެ ޤަދީމީ ޙަޟާރަތުގެ ކުލަވަރު ފެންނަން ފަށާފައިވާކަމާއި އަދި ބީސީގެ 2000 އާއި 2500 އާއި ދެމެދުގައި އުފަންވެ ފޯދެމުންދިޔަ ޙަޟާރަތު ނުވަތަ ޗައިނާގެ މިހާރުގެ މެދުތެރެ، ނޫނީ އުތުރުގެ ވާދީތައް ކަމުގައިވާ ޔެލޯ ރިވަރ އާއި އެ ރިވަރ އާއި ގުޅުނު ވާދީތަކުގެ ތާރީޚުން އަދި އަދަށްދާންދެން އެ ޤަދީމީ މުއްސަނދިކަމާއި، އުފެއްދުންތައް ފެންނަމުންދެއެވެ. އެހެނީ ލޮޔާއި ދަގަނޑު އުފައްދައި، އެތަކެތި ތަރައްޤީކޮށް، ރައްކާކޮށް އޭގެ މުއްސަނދިކަން އެޙަޟާރަތުގައި އިންތިހާއަށް ހޯދާފައިވެއެވެ. އަދި ޗައިނާގެ އެޒަމާން އަންގައިދީފައިވަނީ މިފަދަ މަޢުދަންތަކުން، ހިފާގެންގުޅޭތަކެތި އުފެއްދުމާއި، ހަނގުރާމައާއި ހިމަޔަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އާލާތް އުފެއްދުމުގެ ހުނަރުވެރިކަމާއި މުއްސަނދިކަމެވެ.Wallbank, T.W., Schrier, A., Maier, D., Smith, P.G.  (1987). ގައި ބަޔާންކުރައްވާފައިވާ ގޮތުގައި ''ބީ.ސީ.ން 8 ވަނަ ޤަރުނާއި 3 ވަނަ ޤަރުނާ ދެމެދުގެ އަހަރުތަކުގައި ޗައިނާގެ އިޤްތިޞާދު ވަރަށްބޮޑަށް ކުރިއަރައި ތަރައްޤީވިއެވެ. މިދުވަސްތަކުގެ ތެރޭގައި ޗައިނާ ދަގަނޑުގެ ޒަމާން Iron Age ގެ ތެރެއަށް ވަދެގެން ދިޔައެވެ.  އެހެންކަމުން މިދުވަސްވަރު  ދަގަނޑުގެ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުން ކުރަން ފެށުމުން ދަނޑުވެރިކަން ކުރިއަށް ދިޔައެވެ. މި ތިޔާގި ކަމާއެކު އެމީހުންގެ އާބާދީވެސް އިތުރުވިއެވެ. އިޤްތިޞާދީގޮތުން ކުރިއަރައި އުފެއްދުންތެރިކަން ކުރިއަށް ދިޔައެވެ'' އަދި ދަނޑުވެރިކަމާއި ކާބޯތަކެތި ރައްކާކުރާ ކަންވާރު އުފެއްދުމުގައިވެސް އަރާތިބި ބައެއްކަން މިހެކިތަކުން ވަރަށްބޮޑަށް ސާބިތުކޮށްދެއެވެ. އެހެނީ ޝޭންގގެ ވެރިކަމުގައި ޤައުމުގެ އިޤްތިޞާދު ބިނާކުރެވިފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ކުދިބަތް، ސޯޔާބީސް، ގޮދަން، ބާރުލީ، މަލްބަރީ ގަސް ހައްދާއުޅުނެވެ. މީގެ އިތުރުން ހަޑޫވެސް ހައްދާއުޅުނެވެ. ކުކުޅު، ގެރިބަކަރި، އޫރު، ކަންބަޅި، ކުއްތާ، އަސް ފަދަ ޖަނަވާރުގެންގުޅުނެވެ.Wallbank, T.W., Schrier, A., Maier, D., Smith, P.G.  (1987). އޭގެ އިތުރުން ރައްކާތެރިކަމާއި ފަންނީ މަސައްކަތުގެ ނަމޫނާއެއް ކަމުގައިވާ ޗައިނާ ބޮޑުފާރާއި (ދަ ގްރޭޓް ވޯލް) ވިޔަފާރިއާއި އިޤްތިޞާދުގައި އެޒަމާނުގެ ދުނިޔެއަށް ސިހުންގެނުވި ސިލްކުގެ އުފެއްދުންތައްފަދަ ތާރީޚުތައް ވަނީ ޗައިނާގެ ޙަޟާރަތުގެ ތެރޭގައެވެ. އަދިވެސްWallbank, T.W., Schrier, A., Maier, D., Smith, P.G.  (1987). ގައި ބަޔާން ކުރައްވާފައިވަނީ، ޤަދީމީ ޒަމާނުގައިކުރެވުނު އެންމެ ބޮޑު އިންޖިނިއަރިންގެ މަސައްކަތެއްކަމުގައި ފާހަގަކުރެވޭ އެއްމަސައްކަތަކީ ޗައިނާގެ ބޮޑުފާރު ބިނާކުރުމެވެ. މިފާރުގެ ދިގުމިނަކީ 1500 ފަނަރަ ސަތޭކަމޭލެވެ. މިފާރު ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 214 ބީ.ސީ ގައެވެ. މިމަސައްކަތް ފެއްޓެވީ އޭރު ޗައިނާގެ ރަސްކަލަކަށް ހުންނެވި ޝި ހުއަންޑެ Shi Huangdi އެވެ. އޭނާ މިމަސައްކަތް ފެއްޓެވިއިރުވެސް ބައެއް ހިސާބުގައި ބޮޑުފާރުގެ ބައެއްބައިތައްވަނީ ބިނާކޮށްފައެވެ.  ޝި ހުއަންޑެ ގެ އަމުރުފުޅަށް ފާރުގެ އިތުރުބައިތައްވަނީ ރާނާ، ކުރިން ރާނާފައިވާ ބައިތަކާއެކު ގުޅުވާލާފައެވެ. މިފާރުގެ ބޭނުމަކީ ޗައިނާ އާއި ހަނގުރާމައަށް އަންނަ ޢަދާވާތްތެރިންގެ ކިބައިން ޗައިނާ ހިމާޔަތްކުރުމެވެ. ޗައިނާގެ ޒަމާންވީ ޙަޟާރަތުގެ ޙަޤީޤީ ސިފަޖައްސައިދީފައިވަނީ ހިޖުރަކުރުމާއި، ދިރިއުޅުމަށް ކުރެވުނު މަސައްކަތާއި އެއްބައިވަންތަކަމާއެކު ކުރިއެރުވި އުފެއްދުންތެރިކަމާއި، އޭގެ ތެރެއިން އުފެއްދި ލިޔުންތެރިކަމާއި، އެބައިމީހުންގެ އަމިއްލަ ފިލޯސޮފީތަކެވެ. މީގެއިތުރުން އާޓާއި ސިޔާސީ ހިންގުންތައް އަދި ދީނީ ޢަޤީދާއެވެ. އެހެންކަމުން ޗައިނާ ޙަޟާރަތް ކުރިއަރާފައިވާ މިންވަރު މިބަޔާންކުރި ކަންތައްތަކުން އެނގި ހާމަވެގެން ދެއެވެ.

ދިވެހިންކުރި ދަތުރުތަކުގެ ސަބަބުން ޗައިނާއާ ރާއްޖެއާއި ދެމެދު ޤާއިމްވެގެންދިޔަ ގުޅުން:
އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ގިނައިން ދަތުރު ފަތުރުކޮށް އުޅުނު ބަޔަކަށް ޗައިނާގެ މީހުންވެއެވެ. އަދި ހަމައެހެންމެ ދިވެހިންވެސް އެޒަމާނުގައިވެސް ޗައިނާއަށް ދަތުރުކޮށް އުޅުނުކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމި މަރުކަޒު (1988) ހާމަ ކުރައްވާ ގޮތުގައި، މީލާދުން 685 ވަނަ އަހަރާއި، 805ގެ ޞީނީ ލިޔުންތަކުން ހާމަވާ ގޮތުގައި ދިވެހިން ސީނުކަރަ ނުވަތަ ޤަދީމީ ޗައިނާއަށް ދަތުރު ފަތުރުކޮށްފައިވުމާއި، އަދި މީލާދުގެ 662ގައި ދިވެހި ދައުލަތުގެ ފަރާތުންވެސް ޗައިނާއަށް ދަތުރު ކޮށްފައިވާކަން އެނގޭތީ، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކޮށް އުޅުނު ސަރަހައްދުތަކުގެ ތެރޭގައި އިރުމަތިން، ޗައިނާވެސް ހިމެނޭކަން ސާބިތުވެއެވެ. ޒަމާނުންސުރެ ޗައިނާ އަށް ދިވެހީން ކިޔައި އުޅުނީ ''ސީނުކަރަ'' އެވެ. އެހެނީ ޗައިނާ އަށް ދިވެހީން ޚާއްޞަ ނަމެއް ކިޔައިއުޅުނުކަމުން ދޭހަވަނީ، އެވޭލާ ޒަމާނުން ފެށިގެން ދިވެހީން ޗައިނާގެ ރަށްވެހީން ދަންނަ ކަމެވެ. އަދި ދިވެހިރާއްޖޭގެ އާކިއޮލޮޖީ ހޯދުންތަކުން ޗައިނާގެ އުފެއްދުންތައް ފެންނަމުންދާކަމީ މިކަމުގެ ހެއްކެއްކަމުގައި ފުދެއެވެ. އެފަދަ ހެކިތަކުގެ ތެރޭގައި މުށިތަށި ރުނބާފަދަ ތަކެއްޗަކީ ޗައިނާގެ އުފެއްދުން ތަކެވެ. މިކަމުން ދޭހަވެގެންދަނީ މިދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤަދީމީ ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމެވެ. އެގޮތުން ނަސީމާ މުޙައްމަދު (2011) ވިދާޅުވަނީ އެނގިފައިވާ ގޮތުގައި ޗައިނާގެ މީހުންނާއި ދިވެހީންނާ ދެމެދުގައި ގުޅުންތައް ހިނގަމުންދާތާ 1300 އަހަރުވެއްޖެއެވެ. ރާއްޖޭގެ މަޝްހޫރު ލޯމާފާނުތަކުގެ ތެރެއިން އިސްދޫ ލޯމާފާނުގައި، އެވޭލާ އަކުރުން ލިޔެފައިވާ ލިޔުން ތަކުން އެނގޭގޮތުގައި ޗައިނާ އިން ގެންނަ ފަށުވި ފޮތި، ގޭގޭގައި އެކިއެކި ހަފުލާތަކަށާއި މުހިއްމު ބޭނުންތަކަށް ބޭނުންކޮށްފައިވާކަން އެނގެއެވެ. މި ތަކެތި ދިވެހީންނަށް ލިބިފައިވަނީ އެދުވަސްވަރު ވިޔަފާރިންގެ ގޮތުގައި ދަތުރުކުރަމުން ރާއްޖެއައި ޗައިނާގެ ވިޔަފާރިވެރިންގެ އަތުންނެވެ.
     ދިވެހިރާއްޖޭގެ ތާރީޚީ ލިޔުމެއްގައިވާ ގޮތުގައި ބޭރުގެ ޕްރޮފެސަރެއް ކަމަށްވާ ކާޒްވެލް ނަމަކަށްކިޔާ ބޭކަލަކު 1974 ވަނަ އަހަރު، ލެބަނަންގައި ހުންނަ އެމެރިކަން ޔުނިވަސިޓީ އޮފް ބައިރޫތުގައި ލެކްޗަރާއެއްގެ މަޤާމުގައި ހުންނެވި އެވެ. އެ ޔުނިވަރސީޓީގައި ކިޔަވަމުންދިޔަ އޭނާގެ ދަރިވަރުންގެ ތެރޭގައި ހިމެނުނު އެއް ދަރިވަރަކީ، ކޮން ޤައުމެއްގެ ކުއްޖެއްކަން އެނގިވަޑައިނުގަންނަވާ ދަރިވަރެކެވެ. އޭނާގެ ޤައުމާއި ބެހޭގޮތުން ސުވާލު ކުރެއްވުމުން، އެ ކުއްޖަކު ދެންނެވީ އޭނާއަކީ “މޯލްޑިވްސް"ގެ ކުއްޖެއް ކަމަށެވެ. ކާޒްވެލްގެ އަތްޕުޅުގައި ހުރި ޒާތުގެ ތަށިމުށީގެ ތަކެތި ދިވެހިރާއްޖޭގައި ހުރޭތޯ އެ ދަރިވަރާއި ސުވާލުކުރެއްވުމުން، އެ ދަރިވަރު އެރުވި ޖަވާބުން އެނގިވަޑައިގަތީ، އެއީ ވަރަށް ގިނައިން ރާއްޖެ އިން ފެންނަ ވައްތަރެއް ކަމެވެ. އަދި އެ ދަރިވަރުގެ ގޭގައިވެސް ޚާއްޞަ ހަފްލާތައް ފާހަގަކުރާ ދުވަސް ދުވަހު އެކަހަލަ ތަށި (ސީނު ތަށި) ބޭނުންކުރާ ކަމަށެވެ. މި ވާހަކަ އޭނާ ދެންނެވުމުން، އިބްނު ބަޠޫޠާގެ ދަތުރުނާމާގައި ހުރި ވާހަކަތަކާއި، އެ މަޝްހޫރު ސައްޔާޙު ދިވެހިރާއްޖެ އަށް ދަތުރުކުރެއްވި ކަން ޕްރޮފެސަރު ހަނދުމަފުޅުވި އެވެ. ވުމާއެކު ކާޒްވެލް ޤަޞްދުކުރެއްވީ، އިހު ޒަމާނުގައި ޗައިނާގެ ތަށިމުށި ދެކުނު އޭޝިޔާއަށާއި މެދު އިރުމައްޗަށް ގެނެސް އުޅުނު މަގަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ދިވެހިރާއްޖެ އިން ލިބެން ހުރިތޯ ބެއްލެވުމަށް، ރާއްޖެ އަށް ވެސް ދަތުރެއް ކުރެއްވުމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ޖިއޮގްރަފީ ގޮތުން ދިވެހިރާއްޖެ އޮތީ ޗައިނާ އިން މެދުއިރުމައްޗަށް ދިޔުމަށް ހުޅަނގުގައިވާ ޤައުމުތަކަށް ދަތުރުކުރާ މަގުގަ އެވެ. ޕްރޮފެސަރ ކާޒްވެލް އޭނާގެ ޢާއިލާގެ ބޭފުޅުން ގޮވައިގެން ރާއްޖެ އަށް ވަޑައިގަތެވެ. އެއީ މީލާދިން 1974 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. މި ބޭފުޅުން ދިވެހިރާއްޖޭގައި ހޭދަކުރެއްވި މަހެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުން ވެސް، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދުގައި މީލާދީން 9 ވަނަ ޤަރުނާއި 19 ވަނަ ޤަރުނާ ދެމެދުގައި ހިނގާފައިވާ ވިޔަފާރީގެ ހެކިތައް ފެނިވަޑައިގަތެވެ.
މި ވިޔަފާރީގެ ގުޅުން ރާއްޖެއާއި ޗައިނާއާ ދެމެދު ހިނގާފައިވާކަމަށް ހެކިދެނީ އެކި ޒަމާނުގައި ޗައިނާގައި އުފައްދާފައިވާ ތަށިމުށި ދިވެހިރާއްޖެ އިން ފެނުމުންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ތަށިމުށްޓަކީ، ފުނޑުފުނޑުވެފައިވީ ނަމަވެސް، ހަލާކުނުވެ ޒަމާނަށް ދެމިހުންނަ އެއްޗެކެވެ. އެހެންކަމާއެކު، އެތައް ސަތޭކަ އަހަރުވެފައިވާ އެތިއެތިކޮޅު ވެސް ވެއްޔާ އެކުވެފައި ހުއްޓަސް އެއިން މަޢުލޫމާތު ހޯދޭ ފެންވަރުގައި ހުރެ އެވެ. ރާއްޖޭގެ ރަށްރަށުން ފެންނަ ތަށިމުށީގެ ތަށިތަކާއި ބޯތަށި ފަދަ ތަކެއްޗަކީ، އަގުގެ ބަދަލުގައި ދީފައިވާ ތަކެއްޗެވެ. އެހެންކަމުން މިއީ ބާޓާ ސިސްޓަމުގެ ދަށުން ކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތެއްކަމަށް ބެލެވެއެވެ. މިގޮތަށް ދިވެހިރާއްޖެ އަށް އަންނަ ދަތުރުވެރީން މިސިސްޓަމުގެ ދަށުން ޢާއްމުކޮށް ގަންނަނީ ކާބޯތަކެއްޗާއި ބޯފެނެވެ. އެނގިފައިވާ ގޮތުގައި ހިކިކަނޑުމަހަކީ ވެސް ދަތުރުމަތީގެ ކެއުމަކަށް ޗައިނާ މީހުން މިރާއްޖެއިން ހޯދާ އުޅުނު އެއްޗެކެވެ. މިހާރުވެސް ރާއްޖޭގައި އުފައްދާ ހިކިކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭކަމީ މިކަމުގެ ހެއްކެވެ. އެހެންކަމުން ޤަދީމީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ތަފާތު އެކި ގޮތްގޮތުން ގުޅުންތައް ހިންގާފައިވާކަން ހާމަވެގެން ދެއެވެ.
ނިންމުން:
ޤަދީމީ ޗައިނާގެ ޒަމާންވީ ޙަޟާރަތުގެ އުފެދުމާއި މުއްސަނދި ކަމަކީ ކޯރުތަކާއި އެއާ ގުޅިފައިވާ ވާދީތަކުގައި ރަށްވެހިވާން ފެށި އާބާދީތަކުގެ ހުނަރުވެރި ދިރިއުޅުމުގެ މުއްސަނދިކަމެވެ. ޒަމާންވީ މި ޙަޟާރަތުގެ ޙަޤީޤީ ސިފަޖައްސައިދީފައި ވަނީ ހިޖުރަކުރުމާއި، ދިރިއުޅުމަށް ކުރެވުނު މަސައްކަތާއި އެއްބައިވަންތަކަމާއެކު ކުރިއެރުވި އުފެއްދުންތެރިކަމާއި، އޭގެ ތެރެއިން އުފެއްދި ލިޔުންތެރިކަމާއި، އެބައިމީހުންގެ އަމިއްލަ ފިލޯސޮފީތަކުންކަން އެނގެއެވެ. މީގެއިތުރުން އާޓާއި ސިޔާސީ ހިންގުންތައް އަދި ދީނީ ޢަޤީދާވެސް ހިމެނެއެވެ. އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ގިނައިން ދަތުރު ފަތުރުކޮށް އުޅުނު ބަޔަކަށް ޗައިނާގެ މީހުންވެފައި ވުމާއި އަދި ހަމައެހެންމެ ދިވެހިންވެސް އެޒަމާނުގައިވެސް ޗައިނާއަށް ދަތުރުކޮށް އުޅުނުކަން ތާރީޚީ ލިޔުންތަކުން އެނގެން އެބައޮތެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އެވޭލާ ޒަމާނުގައި ހިނގާފައިވާ ވިޔަފާރީގެ ހެކިތައް ފެންނަން ހުރުމުން ޤަދީމީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ތަފާތު އެކި ގޮތްގޮތުން ގުޅުންތައް ހިންގާފައިވާކަން ހާމަވެގެން ދެއެވެ. އަދި މިގުޅުންތައް މިގޮތަށް ދެމެހެއްޓުމަކީ ދެ ޤައުމުގެ ގުޅުން ހަރުދަނާވެ ދެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށްވެސް ފައިދާތަކެއް ކުރާނެ ކަމެއްކަމުގައި ދެކެމެވެ.
 މުޙައްމަދު ރަފީޢު (ކަލައިދޫ)



No comments:

Post a Comment