ޕޯޓްފޯލިޔޯ
ފެށުން
މިއީ ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ
އޮފް އާރޓްސް އިން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ ދެވަނަ ސެމިސްޓަރގައި
ހިމެނޭ އެއްމާއްދާ ކަމުގައިވާ ''ޓެކްސް އެންޑް ކޮންޓެކްޓްސް'' އަށް އަޅުގަނޑު
ތައްޔާރު ކޮށްފައިވާ ޕޯޓްފޯލިޔޯ އެކެވެ. މި ޕޯޓްފޯލިޔޯގައި އަޅުގަނޑު
ހިމާނާފައިވާނީ ''ލ.އަތޮޅު ކަލައިދޫ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް
ޙައްލެއް ހޯދުން'' މިމަޢުޟޫޢަށް ތައްޔާރުކޮށްފައިވާ ރިޕޯޓަކާއި، ''ޚިދުމަތްތެރި
ދަރިއެއް'' މިމަޢުޟޫޢަށް ތައްޔާރުކޮށްފައިވާ ބަޔޮގްރަފީއަކާއި، ''އެދަތުރު''
މިނަމުގައި ލިޔެފައިވާ ދަތުރުނާމާއަކާއި، ''ބަޝީރު'' މިނަމުގައި
ތައްޔާރުކޮށްފައިވާ ޤަލަމީ ތަސްވީރެކެވެ.
1. ރިޕޯޓް
ލ. އަތޮޅު ކަލައިދޫ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް
ޙައްލެއް ހޯދުން
ތަޢާރަފް:
ކުނީގެ މައްސަލައަކީ ތިމާވެށިގެ ގޮތުންނާއި،
ޞިއްޙީ ގޮތުންވެސް މިހާރު ރާއްޖޭގެ ގިނަ ރައްތަކަށް ކުރިމަތި ވެފައިވާ އެންމެބޮޑު
އެއްމައްސަލައެވެ. މިރިޕޯޓްގެ މަޤްޞަދަކީ 1100 އެއްހާ މީހުންގެ އާބާދީއެއް
ދިރިއުޅެމުންދާ، ބިމުގެ ތަނަސްވަންކަންބޮޑު ލ.އަތޮޅު ކަލައިދޫގެ ރައްޔިތުންނަށް،
ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން ދިމާވެފައިވާ
މައްސަލަތަކާއި އެމައްސަލަތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް
ބަޔާންކުރުމެވެ. މިރިޕޯޓްގައި ކުނީގެ ސަބަބުން ކަލައިދޫއަށް ކުރިމަތިވެފައިވާ
މައްސަލަތަކުގެ ތެރެއިން ބަލިތައް ގިނަވުމާއި ލޮނުގަނޑު ތަޣައްޔަރުވުމާއި މަދިރި
ގިނަވުމާއި ވައިނުސާފުވުންފަދަ މައްސަލަތަކަށް ބަލާލާފައި ވާނެއެވެ. މިއީ ކަލައިދޫ
ރައްޔިތުން ކުނި އުކާލަމުން ގެންދާ ސަރަހައްދުތަކަށް ގޮސްގެން ކުރި ދިރާސާއިންނާއި
ރަށުގެ އެކިއެކި ފަރާތްތަކާއި ބައްދަލުކޮށް ހޯދިމަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ
ރިޕޯޓެކެވެ.
ބަލިގިނަވުން:
ކުނިއުކާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ
ސަބަބުން ރަށުގެ ހުރިހާ ރައްޔިތުންވެސް ކުނިއުކާލަނީ އެމީހަކަށް ފަސޭހަ
ތަނަކަށެވެ. ވުމާއެކު ރަށުގެ ސާފުތާހިރުކަން ވަނީ ދަށު ދަރަޖައެއްގައެވެ.
ކަލައިދޫގެ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި 2011 ވަނަ
އަހަރުންފެށިގެން ބޭރަށް ހިންގައި ހޮޑުލުންފަދަ ބަލިތައްޖެހިގެން ޞިއްޙީ
މަރުކަޒަށް ގެންނަ މީހުންގެ ޢަދަދު އެއްއަހަރުން އަނެއްއަހަރަށް ދަނީ
އިތުރުވަމުންނެވެ. އަދި ބޭރަށް ހިންގުންފަދަ ބަލިތަކުގައި މީގެ 5 އަހަރުކުރިން އެ
މަރުކަޒަށް ގެންނަނީ ދުވާލަކު 2 މީހުންނެވެ. އެކަމަކު މިޢަދަދު މިހާރު މިވަނީ 3
މީހުންނާއި 5 މީހުންނާ ދެމެދުގެ ޢަދަދަކަށް މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން
%85 އިންސައްތައަކީ 7 އަހަރުން ދަށުގެ ކުދިންނެވެ. މިއްސާރަ ދުވަސްވަރު މިޢަދަދު
އިތުރުވާކަމަށް ފެމެލީ ހެލްތުވާކަރު މަޢުލޫމާތު ދެއްވިއެވެ. ފެމެލީ ހެލްތުވާކަރު
އިތުރަށް ވިދާޅުވިގޮތުގައި ކުނީގެ ސަބަބުން ބަލިތައް އިތުރުވާ މައްސަލަ ރަށުގެ
ރައްޔިތުންނަށް ކިޔައިދީ، މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ވޭތުވެދިޔަ 3 އަހަރު
ދުވަހާއި މިހިނގާ އަހަރުވެސް ތިންފަހަރެއްގެ މަތިން ރަށުގެ ހުރިހާ ގޭގެއަށް
ޒިޔާރަތްކޮށްފައި ވެއެވެ. ނަމަވެސް އެދެވޭ ރަނގަޅު ބަދަލެއް އައިސްފައި ނުވެއެވެ.
ލޮނުގަނޑު ތަޣައްޔަރުވުން:
ކަލައިދޫގެ ގިނަ ރައްޔިތުން ބުނާގޮތުގައި
ރަށުގެ ހުޅަނގު ފަރާތުގައިވާ ރީތި ވިލުތަކަކީ ރަށުގެ ރައްޔިތުންނަށް ޤުދުރަތުން
ދެއްވާފައިވާ ނިޢުމަތެކެވެ. އެކަމަކު މިހާރު އެވިލުތައް ވަނީ އެކިއެކި ބާތްތަކުގެ
ކުނިބުނިން ފުރިފައެވެ. މޫދުގެ ލޮނުގަނޑު ހަޑިވުމުން ދިމާވާ މައްސަލަތާކާ
ބެހޭގޮތުން ޢުމުރުން 16 އަހަރާ 20 އަހަރާ ދެމެދުގެ 50 ކުދިންނާ ސުވާލު ކުރުމުން
އޭގެތެރެއިން %80 ކުދިން ބުނަނީ މީގެކުރިން ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ
ވިލުތަކަށް މޫދަށްއެރި އުޅުނަސް މިހާރު އެތަންޔަނަށް މޫދަށްއެރެން
ޖެހިލުންވާކަމުގައެވެ. ކުރިން އެވިލުތައް ސާފު މަޑުނޫކުލައިގައި އޮތަސް މިހާރު އެ
ވިލުތައްވަނީ ހަޑިވެފައިވާ ކިސަޑު ފެނުގެ ކުލައަށް ބަދަލުވެފައެވެ. އެއީ
އުކާލާކުނި އެވިލުތަކަށްއެޅި ލޮނުގަނޑު ތަޣައްޔަރުވެފައި ވާތީއެވެ. މިހާރު މޫދަށް
އެރެން ބޭނުންވެއްޖެނަމަ ދަނީ ރަށާއި ދުރުގައިވާ ފަޅުރައްތަކުގެ މޫދަށެވެ.
މަދިރި ގިނަވުން:
ރަށުގައި އުފެދޭ ކުނި އުކާލުމުގެ ރަނގަޅު
ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން ހުރިހާ ބާވަތެއްގެ ކުންޏެއްވެސް
އުކާލަމުން ގެންދަނީ ދިމާވިކޮންމެ ތާކަށްކަން ކުރެވުނު ދިރާސާއިން އެނގުނެވެ.
އުކާލެވޭ ކުނީގެތެރޭގައި އެކިވައްތަރުގެ ދަޅުފުޅިއާއި ޓިނު އަދި ނެޕީ ފަދަތަކެތި
ވަރަށްގިނަ ޢަދަދަކަށް ހުރިކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން މިތަކެތީގައި
ފެންހަރުލައި މަދިރި އާލާވަމުން ދެއެވެ. ވިއްސާރަވެ ވާރޭވެހުމަށްފަހު މަދިރިގިނަވުމުން
މީހުންދިރިއުޅޭ ހުރިހާ ގޯއްޗެއްގައި ދުންޖަހާފައި ހުންނައިރު ރަށުގެ ހުރިހާ
ހިސާބެއްގައިވެސް ދުންވަސް ހިފާފައި ހުންނަކަމަށް ހިޔާވަހި ރިފާޢީ ކިޔައިދިނެވެ.
އަދި ކަލައިދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި މަދިރީގެ ސަބަބުންޖެހޭ
އެކިއެކި ބަލިތަކުގައި އެމަރުކަޒަށް ދައްކަން އަންނަ މީހުންގެ ޢަދަދު ވޭތުވެދިޔަ 2
އަހަރުގެ ތެރޭގައި %20 އިތުރުވެފައިވެއެވެ.
ވައި ނުސާފުވުން:
ކަލައިދޫ މީހުންދިއުޅޭ ސަރަހައްދުގެ
ކައިރީގައި އޮންނަ ކޮންމެ ހުސްބިމަކީ ކުނިގޮނޑެކެވެ. މިކަމުގެ ސަބަބުން
މުޅިރަށުތެރޭގައި އެއްވަހަކަށް ހުންނަނީ ނުބައިވަހެވެ. ރަށުގެ ހުޅަނގު ފަރާތުގައި
ހުރި ގެތަކުގެ ތެރެއިން 55 ގޭގޭ މީހުން ބުނެފައިވަނީ ހުޅަނގު މޫސުމުގައި ގަދަޔަށް
ވައިޖެހޭއިރު ގޭގައި ތިބެން ނުކެރޭކަމަށެވެ. 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ސުވާލުކުރެވުނު
45 ޒުވާނުންގެ ތެރެއިން %85 ޒުވާނުން ބުނެފައިވަނީ މީގެ 4 އަހަރު ކުރިން ރަށުގެ
ހުޅަނގުފަރާތުގެ އަތިރިމައްޗަކީ ރަށުގެ ދެޖިންސުގެ ޒުވާނުން
ހިތްހަމަޖައްސާލުމަށްޓަކައި ހަވީރުގެ ގަޑިތަކުގައި މަޑުކޮށްލާ ތަންތަނެވެ.
އެކަމަކު މިހާރު އެތަންތަނަށް އުކާލާފައި ހުންނަ ކުނިން ދުވާ ނުބައިވަހުގެ ސަބަބުން
އެއިންތަނެއްގައި މަޑުކޮށްލައިގެން ތިބެވޭގޮތެއް ނުވެއެވެ.
ޙައްލު:
ކުރެވުނު ދިރާސާއިން އެނގުނުގޮތުގައި ކުނީގެ
މައްސަލައަކީ ކަލައިދޫގެ ތިމާވެއްޓަށާއި، އާމްދަނީ ހޯދުމަށް ކުރާމަސައްކަތަށާއި،
ރަށުގެ ރައްޔިތުންގެ ޞިއްޙަތަށާއި، އަދި އުފާވެރި ދިރިއުޅުމަށް ކުރިމަތިވެފައިވާ
ވަރަށް ބޮޑު މައްސަލައެކެވެ. މިމައްސަލައަށް އޮތް އެންމެ ފަސޭހަ އަދި ދާއިމީ
ޙައްލަކީ ކަލައިދޫގެ އިރު ދެކުނު ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ކުނިކޮށްޓެއް
ޤާއިމްކޮށް ރަށުކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުނިކޮށްޓަށް
ކުނިއެޅުމުގެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިގެން ދިއުމެވެ.
2.
ބަޔޮގްރަފީ
ޚިދުމަތްތެރި ދަރިއެއް
ލ.ކަލައިދޫ ލިލީގެ
އަލްފާޟިލް މުޙައްމަދު ޒާހިރު ނުވަތަ އާންމު ނަމުންނަމަ ޒާހިރުބެއަކީ، ކަލައިދޫ
ލިލީގެ ކުޑަމަނިކު ޔޫސުފްއާއި ހަމައެގޭ ޒުލައިޚާ ޔޫސުފަށް ލިބިލައްވާފައިވާ ހަ
ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ. މިޒާޖުގައި މަޖާގޮތެއް ހުންނަ
އަލްފާޟިލް މުޙައްމަދު ޒާހިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައި ވަނީ 5
ސެޕްޓެމްބަރު 1959 ގައި ލ.ކަލައިދޫ ލިލީގެ އަށެވެ. ޢުމުރުން އެކާވީސް އަހަރުގައި
އެބޭފުޅާ ޒަވާޖީ ޙަޔާތެއް ފަށްޓަވާފައިވާއިރު އެކައިވެނިފުޅަށް ނުވަ އަހަރު
ވީފަހުން ކައިވެނި ރޫޅާލައްވަން ޖެހިވަޑައިގަތެވެ. އޭގެފަހުން އެހެން ބޭކަނބަލަކާ
ކައިވެނިފުޅު ބައްލަވައިގެން ވަނީ ދެ ދަރިކަނބަލުން ލިބިވަޑައިގެންފައެވެ.
އަލްފާޟިލް މުޙައްމަދު ޒާހިރު އެންމެ
ފުރަތަމަ ތަޢުލީމު ހާޞިލްކުރެއްވީ ކަލައިދޫ މަދަރުސާ ''މަކްތަބުލްޖިހާދު''
އިންނެވެ. އެއަށްފަހު ޢުމުރުން 16 އަހަރުން ފެށިގެން ރަށު މަދަރުސާގެ
މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި ހިލޭސާބަހަށް އަސާސީ ތަޢުލީމު
އުގަންނަވައި ދެއްވުން ވެފައިވަނީ ޒުވާން ޢުމުރުފުޅުގައިވެސް އިޖުތިމާޢީ ގޮތުން
ޚިދުމަތްކުރަން ފައްޓަވާފައިވާ ކަމެވެ. އެބޭފުޅާ އުނގެނިވަޑައިގަތުމަށް
ޝައުޤުވެރިކަން ހުރި މިންވަރު ހާމަވެގެންދަނީ 1977 ވަނަ އަހަރު ތަޢުލީމީ ޙަޔާތް
ވެރިރަށް މާލެއަށް ބަދަލުކޮށްލައްވާފައި ވުމުންނެވެ. އެގޮތުން އިޖުތީމާޢި ޚިދުމަތް
ކުރެއްވުމަށް ޝައުޤުވެރިކަން ހުންނަލެއް ބޮޑުކަމުން ތަޢުލީމު
އުނގެނިވަޑައިގަތުމަށް ފެއްޓެވީ އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިން ސެންޓަރުން
ހިންގެވި ހަމަސް ދުވަހުގެ ފެމެލީ ހެލްތު ވޯކާސް ކޯހުގައި ބައިވެރިވެވަޑައިގެންނެވެ.
އެކޯހަކީ ރާއްޖޭގައި އެދާއިރާއިން ހިންގަވަން ފެއްޓެވި ފުރަތަމަ ކޯހެވެ. އެކޯހުން
ރަނގަޅު ކާމިޔާބީ ތަކަކާއެކު ކޯސް ނިންމަވާލައްވާފައި ވެއެވެ. އެއަށްފަހު
އުފަންރަށް ލ.ކަލައިދޫއަށް ވަޑައިގެން ފެމެލީ ހެލްތު ވޯކަރުގެ ވަޒީފާ އަދާކުރައްވަން
ފެއްޓެވިއެވެ. އެއީ 1978 ވަނަ އަހަރުން ފެށިގެންނެވެ. އެވަޒީފާގައި ހަތަރު
އަހަރާއި، ހަމަސް ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އިނގިރޭސި ތަޢުލީމު ޙާޞިލް
ކުރެއްވުމަށް ވެރިރަށް މާލެއަށް އަނެއްކާވެސް ދިރިއުޅުން ބަދަލުކުރެއްވިއެވެ.
އެގޮތުން މާލޭގައި ހޭދަކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި
އުނގެނިވަޑައިގަތުމުގެ އިތުރަށް ސަރުކާރާއި އެހެނިހެން މުވައްސަސާ ތަކުގައި
ޚިދުމަތް ކުރައްވާފައި ވެއެވެ. އަދި ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް
އެދާއިރާއިން ސެޓްފިކެޓް ތަޢުލީމު ޙާޞިލް ކުރެއްވިއެވެ.
މީގެއިތުރުންވެސް އެބޭފުޅާ
ފާހަގަކުރެވިފައިވަނީ ވަރަށް ހިތްވަރުގަދަ، ކެތްތެރި ޢަޒުމަކާއެކު
އުނގެނިވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން
އާމްދަނީ ހޯއްދެވުމަށްޓަކައި ވަޒީފާ އަދާކުރައްވަމުން، މައިންބަފައިންނާއި
ޢާއިލާއާއި ދުރުގައި އެތަކެއް އަހަރުތަކެއް ވަނީ ހޭދަކުރައްވާފައެވެ.
ތަޢުލީމީ ދާއިރާއަށް ޚާއްޞަ ލޯތްބެއް
ހުންނަ ބޭފުޅެއްގެ ގޮތުގައި އަލްފާޟިލް މުޙައްމަދު ޒާހިރު ފާހަގަ ކުރެވިފައިވާއިރު
އެދާއިރާއަށް އެބޭފުޅާ މެދުކެނޑުމެއްނެތި 14 އަހަރު ޚިދުމަތް ކުރައްވާފައި ވެއެވެ.
އެންމެ ފުރަތަމަ ތަޢުލީމީ ދާއިރާއާއި ގުޅިވަޑައިގެންފައިވަނީ ކަލައިދޫ މަދަރުސާގެ
ވަޤުތީ މުދައްރިސެއްގެ މަޤާމަށެވެ. އެވަޒީފާއާ ގުޅިވަޑައިގަތް ހިސާބުން 2001 ވަނަ
އަހަރުގައެވެ. 2015 ވަނަ އަހަރު ނިމެންދެން އެދާއިރާއަށް، ޚާއްސަކޮށް ކަލައިދޫ އިސްކޫލަށް އެބޭފުޅާގެ އަގުނުކުރެވޭނެ
ޚިދުމަތްފުޅުތައް ވަނީ ހަދިޔާ ކުރައްވާފައެވެ. އެގޮތުން 2007 އަހަރުން ފެށިގެން
އެބޭފުޅާވަނީ ކަލައިދޫ އިސްކޫލުގެ ޓީޗަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.
ހަމައެއާއެކު އެދުވަސްވަރު އިސްކޫލުގެ ޕީ.ޓީ.އޭގެ ސެކްރެޓަރީ ކަމާއި، ކޯޑިނޭޓަރު
ކަމާއި، ސްޕަވައިޒަރުކަން ކުރައްވާފައެވެ. އޭގެ އިތުރުން އިސްކޫލުގެ ހުރިހާ ގްރޭޑް
ތަކަށް ޤުރްއާން ކިޔަވައި ދެއްވުމާއި، އިސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށް
ދެއްވުމުގެ ޕްރޮގްރާމް ހިންގަވާފައިވެއެވެ. ތަޢުލީމީ ޙަޔާތުގައި ފާހަގަ ކޮށްލެވެނީ، ކަލައިދޫ އިސްކޫލުގެ ގްރޭޑް 5 އިން ދަށުގެ
ހުރިހާ ކިލާސްތަކަށް ހުރިހާ މާއްދާއެއް ކިޔަވައިދެއްވުމާއި، އަދި 8،7،6 މި ގްރޭޑް
ތަކަށް އިސްލާމާއި، ދިވެހި މި ދެމާއްދާ ކިޔަވައި ދެއްވުމެވެ.
ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ
އިތުރުން އެބޭފުޅާވަނީ ރަށުގެ ޢިޖުތިމާޢީ ހަރަކާތްތަކުގައިވެސް
ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ކަލައިދޫ ރައްކުރިއަރުވާ ކޮމިޓީގެ މެންބަރު
ކަމާއި ސެކްރެޓަރީކަން ކުރައްވާފައި ވެއެވެ.
އަލްފާޟިލް މުޙައްމަދު ޒާހިރުގެ ފާހަގަ
ކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރުމަށްޓަކައި
ކިޔަވާދެއްވާ ވަޤުތު އޮބްޒަރވް ކުރުމާއި ފުރަތަމަ ކަލައިދޫ އިސްކޫލަށް ގުރޭޑް 8
ގެނައުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅާއި ގުރޭޑް 10 އުފެއްދުމަށްޓަކައި
ކުރެއްވި ބުރަމަސައްކަތްޕުޅެވެ.
އަލްފާޟިލް މުޙައްމަދު ޒާހިރަކީ
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން، އިތުރު އާމްދަނީ ހޯއްދެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ ކަންކަމަކީ އޮޑިދޯނި ފަހަރުގެ އިންޖީނު މަރާމާތު
ކޮށްދެއްވުމާއި އިލެކްޓޯނިކް ބައެއް ސާމާނު މަރާމާތު ކޮށްދެއްވުމެވެ. މިކަންކަން
ކޮށްދެއްވުމުގައި ގިނަފަހަރު ހިލޭސާބަހަށް ކޮށްދެއްވާފައިވެއެވެ. އަދި
ދަނޑުވެރިކަން ކުރެއްވުމަކީ ވަރަށް ޝައުޤުވެރި ކަމާއެކު ކުރައްވަމުން ގެންދަވާ
މަސައްކަތްޕުޅެކެވެ. މި މަސައްކަތްޕުޅު ހުއްޓާނުލައްވާ މިހާރުވެސް ކުރައްވަމުން
ގެންދަވައެވެ. އެގޮތުން ދިރިއުޅުއްވާ ގޯތި ތެރޭގައާއި ރަށުންގެ ވަލުން ބިމެއް
ހޯއްދަވައިގެން ދަނޑުވެރިކަން ކުރައްވަމުން ގެންދެވުމަކީ އެބޭފުޅާގެ ހިއްވަރުފުޅު
ގަދަކަން ހާމަކޮށްދޭ ކަމެކެވެ.
އަލްފާޟިލް މުޙައްމަދު ޒާހިރަކީ މިހާރު
ޢުމުރުފުޅުން ހަރުބޭފުޅެއް ނަމަވެސް އިޖުތިމާޢީ ކަންކަމުގައި ޚިދުމަތް
ކުރެއްވުމަށް ޝައުޤުވެރިކަން ހުންނަލެއް ބޮޑުކަމުން މިހާރު އެދާއިރާ އިން ޚިދުމަތް
ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި
އިންޓަރނޭޝަނަލް ފަންޑު ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން
ކަލައިދޫގައި ކުރިއަށް ގެންދަވާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް
ޕްރޮޖެކްޓްގެ ކޮމިއުނިޓީ މޮބަލައިޒޭޝަން އޮފިސަރުގެ މަޤާމުގައެވެ. އެ ވަޒީފާގެ
މަސައްކަތް 14 ޖުލައި 2016 އިން ފެށިގެން ކުރައްވަމުން ގެންދަވާއިރު ގިނަވަޤުތު
އަތްވާއި މޫދުގައި އުޅުއްވަން ޖެހިވަޑަގެންފައިޔަސް ފޫހިފުޅުވުމެއްނެތި އެކަންކަން
ކުރައްވަމުން ގެންދަވައެވެ.
ވުމާއެކު އަލްފާޟިލް މުޙައްމަދު ޒާހިރު
(އެންމެންގެ ޒާހިރުބެ)ގެ މި ޚިދުމަތްތަކާއި މަސައްކަތްޕުޅުތައް ރަށުގެ އެންމެހާ
ރައްޔިތުން ޚާއްސަކޮށް ކަލައިދޫގެ ލޮބުވެތި ދަރިވަރުން ބަލައިގަންނަނީ އެކަމަށް
ޝުކުރުވެރިވާ ޙާލުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެބޭފުޅާވަނީ ދަރިވަރުންނާއި
ރައްޔިތުންގެ މެދުގައި މަޤުބޫލު ޝަޚްޞިއްޔަތަކަށް ވެވަޑައިގެންފައެވެ.
3.
ދަތުރުނާމާ
އެދަތުރު
މިދަތުރަކީ އަޅުގަނޑު ބޭސްފަރުވާއަކަށް ގޮސް މާލޭގައި
ހުރުމަށްފަހު މާލެއިން އަޅުގަނޑުގެ ރަށަށް (ކަލައިދޫއަށް) ކުރި ދަތުރެކެވެ. މިދަތުރުކުރި
ބާބިލް ބޯޓުގައި އަޅުގަނޑުގެ އިތުރުން ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންނާއެކު، މީހުންތިބި ޢަދަދު ލަފާކުރެވެނީ ސާޅީހާއި،
ފަންސާހާ ދެމެދުގައެވެ. ކޮންމެވެސް ވަރަކަށް އަންހެނުންނާއި، ކުޑަކުދިންވެސް
ތިބިއެވެ. މުޅިންވެސް ތިބީ ރަށުމީހުންނެވެ. މިދަތުރުފުރީ 17 ސެޕްޓެމްބަރު 2008
ވަނަ ދުވަހުގެ ރޭ ފަތިހު 5.00 ގައެވެ.
ބޯޓް ފުރައިގެން މާލޭ ކަނޑިންމައިން
ނިކުމެގެން ދަތުރު ފެށިއެވެ. ދަތުރުގެ ދިގުމިނަކީ 16 ވަރަކަށް ގަޑިއިރެވެ.
އިރުވައި މޫސުންކަމުން ކަނޑު މަޑުވެފައި އޮމާންކަމުން ކަނޑުމަތީގައި ތިބުމުގެ
އިޙްޞާސް ނުވާކަހަލައެވެ. ނަލަ ވައިރޯޅި ޖެހެނީ އިރު އުތުރުންނެވެ. ދަތުރު
ފެށުމާއެކު، ބޯޓުގެ ފަޅުވެރިން
ފިޔަވައި ދަތުރުގެ ބައިވެރިން އެމީހަކު ތިބިތަނެއްގައި އޮށޯވެ ބޯޓުތެރެ ވަނީ
ހަމަހިމޭން ކަމުގައެވެ. ފަތިހު ފުރަންޖެހޭތީ އެރޭ ނުނިދާ ހުރުމުން ނިދީގެ އުދަގޫ
ހުރީމާ ބޯޓުގެ ކަމަރާ މަތީގައި އެއްފަރާތެއްގައި އަޅުގަނޑުވެސް އޮށޯވެލީމެވެ.
އަރާމު ނިދީގައި އޮއްވާ ކުއްލިއަކަށް
އަޅުގަނޑަށް ހޭލެވުނީ '' ބޯޓް އަޑިއަށްދަނީ '' މިހެން ކިޔައި ހަޅޭލަވައި އަޑަށެވެ.
މިއަޑު އިވުމާއެކު ތެދުވިއިރު އަންހެނުންނާއި ކުޑަކުދިން އަޑުންއަޑުނަގައި
ރޮނީއެވެ. ބައެއް ފިރިހެނުން ތެޅެމެން ފޮޅެމުން ބޯޓުގެ ކުރީކޮޅަށް ދާތަންފެނެއެވެ.
އެވަގުތު އަޅުގަނޑުވެސް ހައިރާންވީ ކަނޑު އެހާމަޑު ދުވަކަހަކު ބޯޓުގެ
މަތިކަންމަތިން ލޮނުގަނޑު ބޯޓުގެ ތެރެއަށް އަރާވަރަށް ބޯޓުއަޑިއަށް
ގޮސްފައިވާތީއެވެ. ދެން އަވަސް ވެގަތީ ވެގެންއުޅޭގޮތް ބެލުމަށެވެ. އެވަޤުތު
އަޅުގަނޑަށްވެސް އެނގުނީ ބޯޓުގެ ބަނޑުފިލާގައި ހެދިފައިވާ ބާގަނޑަކުން ދިޔަވަނީ
ކަމުގައެވެ. އެއިރު އެއްބަޔަކު ބޯޓުގެ ދިޔަހިއްކާ ޕަންޕު އިސްޓާޓް ކުރަން
މަސައްކަތް ކުރަމުން ގެންދެއެވެ. ހަތަރު ފަސް ފިރިހެނަކު ބޯޓްގެ ވަތުން ބާލިދީ
ޖަހައިގެން ދިޔަހިއްކުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. ދެން އަޅުގަނޑުވެސް
އަވަސްއަވަހަށް ގޮސް އެމީހުންނަށް އެހީތެރިވާން ފެށީމެވެ.
ދިޔަހިއްކާ ޕަންޕު
ޖައްސަންކުރި މަސައްކަތް ކާމިޔާބު ނުވުމުން ބޯޓްގައި ތިބި ހަރުމީހުން ދޯނީގެ
ކެޕްޓަނަށް ލަފާދެމުން ގެންދިޔައީ ކައިރީގައި އޮތް ފަރާދިމާއަށް ބޯޓް ދަތުރު ކުރުމަށެވެ. އެއިރު ދޮޅުމޭލެއްހާ ކައިރިން ފަޅުރަށެއް
ފެނެއެވެ. ދިޔަގަނޑުބޮޑުވެ ހަމަދެންމެދެންމެ ބޯޓް އަޑިއަށް ހިގައިދާނެހެން ހީވާން
ފަށައިފިއެވެ. އެވަގުތު ބޯޓްގެ އިންޖީނު ބަލާލުމަށް މީހަކު ބުނެފިއެވެ.
ކުއްލިއަކަށް ބޯޓްގެ ވެރިމީހާ އިންޖީނުރޫމުގެ މަތިގަނޑުނަގައި އަޑިއަށް
ފޭބުމަށްފަހު ސުބާހާނަﷲ އޭ ގޮވާ ހަޅޭއްލަވައި ގަތުމުން ކައިރީގައިތިބި އެންމެން
ހައިރާންވެ ބާލާލިއިރު، އިންޖީނުގެ ބޮޑުބައެއް ވަނީ ލޮނުއަޑީގައެވެ. އެއިރު
އިންޖީނުރޫމަށް ފޭބި ބޯޓުގެ ވެރިމީހާ އިންޖީނުރޫމުގެ ކޮޅުބިތުގައި ބިއްޖެހި
ދެއަތުން ބޮލުގައި ހިފަހައްޓައިގެން ޙަރަކާތް ހުއްޓިފައި ހުއްޓެވެ. އެހިސާބުން
ހާސްކަން އިތުރުވެގެން ދިޔައެވެ. ރުއިމުގެ އަޑުބާރުވެ އެމީހަކަށް ކިޔުނު
ހެޔޮއެއްޗެއް ކިޔަމުން ގެންދިޔައެވެ. ހާސްކަން އިތުރުވެއްޖެއެވެ. ނަމަވެސް
ސަލާމަތްވުމަށް ކުރެވެންއޮތް މަސައްކަތަކީ ބޯޓުގައިއޮތް ދިޔަގަނޑު ހިއްކައިގެން
ކަމަށްވާތީ އެމަސައްކަތް ހުއްޓާނުލާ ކުރަމުން ގެންދިޔައެވެ. ތިންހަތަރު ބާލިދީން
ދިޔަގަނޑު ހިއްކަމުން ގެންދިޔައިރުވެސް ދިޔަގަނޑު އަޑިނުވެއެވެ.
ކޮންމެއަކަސް ބޯޓުގެ ހުންގާނުގައި ހުރިމީހަކީ
ވިސްނުން ރަނގަޅު މީހެކެވެ. އޭނާ ދަތުރުކުރީ ފެންނަން އޮތް ފަޅުރަށުގެ ނެރުހޭރިއާ
ދިމާއަށެވެ. ބޯޓުގެ އިންޖީނުގައި ހުރިވަރެއްލާފައި ބޯޓް ދުއްވަމުން ގެންދިޔައެވެ.
އިސާހިތަކު ބޯޓްގޮސް އެނެރުގެ އެއްފަރާތަށް ބީއްސާލިއެވެ. ދެން ކުއްލިއަކަށް
ބޯޓްގެ ދެފަރާތަށް މީހުންފައިބާ ބޯޓް އަރިވިޔަނުދީ ލަކުޑި ފަތިތައް ވިއްދައި
އައްސާލިއެވެ. ހަމަ އެވަޤުތު އެސަރަހައްދުގައި ޑައިވިންކުރަން އުޅުނު ދޯންޏެއް
ބޯޓާއި ކައިރި ކުރިއެވެ. ދެން އެދޯނީގައި ހުރި ދިޔަހިއްކާ ޕަންޕު ބޭނުންކޮށްގެން
އެ މީހުންގެ އެހީތެރި ކަމާއެކު ބޯޓްގެ ދިޔަގަނޑު ހިއްކަން ފެށިއެވެ. ދެން
ހޭވެރިކަންވެ އެމީހަކުގެ ޢާއިލާގެ މީހުންނަށް ފޯނުންގުޅައި ޚަބަރުދޭން ފެށިއެވެ.
ބޯޓްގެ ދިޔަގަނޑު ހިއްކައި ނިމުމާއެކު ބޯޓްގެ ބަނޑުފިލާގައި ހެދިފައިހުރި ބާގަނޑު
ބެއްދުމުގެ މަސައްކަތް ކުރަންފެށިއެވެ. އެއިރު ދުވަހުގެ މެންދުރު 11 ޖަހަނީއެވެ.
2 ގަޑިއެއްހާއިރުގެ މަސައްކަތުން ބޯޓުން
ދިޔަވިތަން މަރާތުކޮށް، ދިޔަހިއްކާ ޕަންޕުވެސް ރަނގަޅުކޮށްގެން އަނެއްކައިވެސް
ދަތުރު ފެށިއެވެ. ދަތުރުފެށިތާ ކުޑައިރުކޮޅެއް ފަހުން ބޯޓްގެތެރެ މާބޮޑަށް ހޫނު
ގަދަވާކަމުގެ އިޙްސާސް ކުރެވެން ފަށައިފިއެވެ. ބޯޓުގެ ކަމަރާމަތީ ތިބި މީހުންނަށް
ކެއްނުކުރެވޭ ވަރަށް ހޫނުގެ އިޙްޞާސް ގަދަވެއްޖެއެވެ. އަނެއްކާވެސް ކަންބޮޑުވާގޮތް
ވެއްޖެއެވެ. ބޯޓްގެ ތެރެ ހޫނު އެހާގަދަވާން ދިމާވިކަމެއް ބެލުމުގެ މަސައްކަތް
ކުރަންފެށިއެވެ. މާގިނައިރުތަކެއް ނުވެ އެނގުނީ ބޯޓުގެ ވަތުއަޑީގައި ހުރި 200
ވަރަކަށް ކޮތަޅު ސިމެންތި ތެމިފައިވާތީ ދިމާވާކަމެއް ކަމުގައެވެ. އެކަމުގެ
ސަބަބުން ބޯޓު ބަރުހެލިވެ ދުވެލި މަޑުވެފައިވެއެވެ. އެހެންކަމުން ބޯޓު
ވ.ކެޔޮދުވަށް ދިއުމަށް ނިންމިއެވެ. ބޯޓް މަޑުދުވެއްޔެއްގައި ގޮސް އެދުވަހުގެ
ހަވީރު 5ޖެހިއިރު ކެޔޮދޫއަށް ބަނދަރު ކުރިއެވެ. ދެން އެރަށުގެ މީހުންގެ އެހީއާއެކު
ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ބޯޓުން ބާލައި އެއްގަމަށް ގެންދިޔައެވެ.
އަދި ބޯޓުގައި ހުރި ސިމެންތި ބަސްތާތައް ބޯޓުން ބޭލުމަށްޓަކައި، ބޯޓުން މުދާ ބާލަން ފެށިއެވެ. އެ
މަސައްކަތުގައި އެރަށުގެ މީހުންގެ އެހީތެރިކަން ލިބުމާއެކު 5ގަޑިއެއްހާއިރުގެ
މަސައްކަތުން ސިމެންތިތައް ބާލާއި ބޯޓް ފުރުމަށް ތައްޔާރު ކޮށްފިއެވެ. އެދުވަހު
އެހާގިނައިރު ކާއެއްޗެއް ނުކައި ތިބުމުން ފިރިހެނުންތައް ބޯޓުން ފައިބައިގެން
އެއްގަމަށް ދާންފެށިއެވެ. އަޅުގަނޑުވެސް އެމީހުންނާއެކު ހޮޓަލަށްގޮސް ސައިބޮއިގެން
ބޯޓަށް އައީމެވެ. އެރޭ ދަންބޮޑުވެފައިވާތީ ފަތިހު އަލިވުމުން ދަތުރު ފެށުމަށް
ވެރިފަރާތުން ބުނިއެވެ. ބޯޓުން ދަތުރުކުރި އަންހެނުންނާއި ކުޑަކުދިންގެ ނިދުމާއި ކެއުން
ހަމަޖެއްސީ އެރަށުގެ މީހުންނެވެ. އެރޭ ފަތިސްވެ އަލިވުމުން އެމީހުންތިބި ގޭގޭގެ
މީހުން އެމީހުން ގޮވައިގެން ބޯޓަށް އައިސް ފުރުމުގެ ސަލާމްކުރަމުން ގެންދިޔައެވެ.
އެވަޤުތު އެރަށުގެ މީހުންގެ އޯގާތެރިކަމާއި އިޙްސާންތެރިކަން އަޅުގަނޑަށްވެސް ފެނި
އެމީހުންނަށް ޝުކުރު އަދާކުރީމެވެ. އަދި ގާތް ބަޔަކާ ވަކިވާންޖެހުމުގެ އިޙްޞާސް
ކުރެވުނެވެ.
ކެޔޮދޫއިން ދަތުރުފެށީ ހެނދުނު 6
ޖެހިއިރުއެވެ. ދިމާމި ބޮޑު ޙާދިސާއިން ސަލާމަތް ކުރެއްވިކަމަށްޓަކައި ﷲ ޝުކުރު
އަދާކުރީމެވެ. ބޯޓުން ދަތުރުކުރި އެންމެންގެ މޫނުން އުފާވެރިމާއި، ހިތްހަމަޖެހުމުގެ މަންޒަރު ފެނިގެން ދިޔައެވެ.
އެމީހެއްގެ ޢާއިލާގެ މީހުންނަށް ފޯނުންގުޅައި އުފާވެރިކަމާއި ހިނިތުންވުމާއެކު
ވާހަކަ ދައްކަމުން ގެންދިޔައެވެ.
ކޮންމެއަކަސް ދިމާވި މި ނުރައްކާތެރި،
ބިރުވެރި ޙާދިސާއިން ސަލަމާތާއެކު ބޯޓް ރަށުގެ ނެރުން ވަނީ ދުވަހުގެ 1 ޖެހިއިރުއެވެ. އެއިރު
ރަށުގެ ކުދި ބޮޑު އެންމެހައި ރައްޔިތުންހެން ރަށުގެ ބަނދަރަށް ޖަމާވަމުން
ދިޔައެވެ. ބޯޓް ރަށުގެ ތޮށިގަނޑުގައި ބަނދެލުމާއެކު ކޮންމެ މީހަކުވެސް އަވަސް
އަވަހަށް ބޯޓުން ފައިބާ އެމީހެއްގެ ޢާއިލާގެ މީހުންނާ ހަމައަށް ދިޔައެވެ.
ބައިބަޔަށް ތިބެ އެ ބިރުވެރި ޙާދިސާ ކިޔައިދެމުން ގެންދިޔައެވެ.
4.
ގަލަމީ ތަސްވީރު
ބަޝީރު
ލ.އިސްދޫ ބޯވެލިގޭ އަޙްމަދު ބަޝީރަކީ އެއް ރަށެއްގައި
ދިރިއުޅެމުން ގެނދާ މީހަކަށްވާތީ ދެކެފަރިތަ ކޮންމެވެސް ވަރަކަށް ވާހަކަދައްކައި އުޅޭ
އެގޮތުން ދަންނަ މީހެކެވެ. އޭނާއަކީ ރަށުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.
އެ ޢާއިލާގައި ތިބި 9 މީހުންގެ ތެރެއިން 7 ވަނަ މީހާއެވެ. އޭނާގެ މިހާރުގެ
ޢުމުރަކީ 26 އަހަރެވެ. އަދި ތަޢުލީމީ ފެންވަރަކީ، ޖީ.ސީ.އީ އޯލެވެލް ފެންވަރެވެ.
އިސްކޮޅާއި ރޫފަހެޔޮވަރު ހަށިހެޔޮ ޒުވާނެކެވެ. އިސްކޫލު ތަޢުލީމު ނިންމުމަށްފަހު
މާގިނަ ދުވަސްތަކެއްނުވެ ބަޝީރަށް ރަށު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް
އޮފިސަރެއްގެ ވަޒީފާ ލިބުނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ބަޝީރު ޒަވާޖީ
ޙަޔާތެއް ފަށާފައިވަނީ ޢުމުރުން 20 އަހަރުގައެވެ. ކައިވެނިކުރީ އެރަށުގެ
މީހަކާއެވެ. ބަޝީރުގެ ދަރިއަކު ހުރެއެވެ.
ބަޝީރުގެ ތަޢުލީމީ ދުވަސްވަރުން ފެށިގެން
ފާހަގަ ކުރެވިފައިވަނީ އަޚްލާޤު ރަނގަޅު ނޫން މީހެއްގެ ގޮތުގައެވެ. އެހެން
މީހުންގެ މުދަލަށް ގެއްލުން ދިނުމާއި އެހެން މީހުންނަށް އުދަގޫ ކުރުމަކީ ބަޝީރު
ޖެހިލުމެއްނެތި ކުރަމުންގެންދާ ކަންކަމެވެ. އެ ޢާއިލާގެ އެހެންމީހުންގެ އުޅުން
ރަނގަޅު ކަމުގައިވިޔަސް ބަޝީރުގެ ޢަމަލުތަކުގެ ސަބަބުން އެޢާއިލާއަށް އެހެންމީހުން
ނަފްރަތު ކުރެއެވެ.
ދެން މިހިސާބުން ބަޝީރު ރަށު ކައުންސިލްގައި
ވަޒީފާ އަދާކުރަމުންގެންދާ ގޮތް ސިފަކޮށްދެވޭތޯ ބަލާނަމެވެ. ބަޝީރާއި އެ އޮފީހުގެ
ވަޒީފާ އަދާކުރަމުންގެންދާ އެހެން މުވައްޡަފުންނާއި ކިޔަންހުރި ތަފާތު ނުހަނު
ގިނައެވެ.
އޮފީހަށް ނިކުންނަ ގިނަ ދުވަސްތަކު ބަޝީރު
ޙާޟިރުވަނީ ގަޑިޖެހިގެންނެވެ. އޮފީހަށް ޙާޟިރުވެ ސޮއި ކޮށްލުމަށްފަހު
ކެންޓީނަށްގޮސް ކޮފީ ބުއިމަށް ކޮންމެ ދުވަހަކު 30 ވަރަކަށް މިނިޓް ހޭދަކޮށްލުމަކީ
ބަޝީރުގެ އާދައެކެވެ. އެދުވަހު ކުރަންޖެހޭ މަސައްކަތްތަކާއި، ލިޔަންޖެހޭ
ލިޔުންތަކާއި ސިޓީތައް ނުލިޔެ ބަޝީރު ދެންކުރާކަމަކީ ފޭސްބުކް ބޭނުންކުރުންފަދަ
ކަންކަމެވެ. އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ ޖަވާބުތައް
ނުދީ ބަޝީރު އިންނަނީ ރައްޓެހިންނާއި ގުޅައިގެން ފޯނު ކޯލުތަކުގައި މަޖާކުރާށެވެ.
ބަޝީރު ލިޔެފައި ހުންނަ ލިޔުންތަކުގައި ކުށްގިނަކަމުން އަލުންބަލުން ރަނގަޅު
ކުރަން ނުޖެހޭ ލިޔުމެއް ވަރަށްމަދުވާނެއެވެ. އެގޮތަށް ގިނަދުވަސް ދުވަހު ރަނގަޅަށް
އެންމެ ސިޓީއެއްހާވަރުވެސް ނުލިޔެވެއެވެ. އޮފީހުގެ ވެރިން މަސައްކަތެއް
ޙަވާލުކުރުމުން ތިޔައީ ތިމަންނަ ކުރަންނުޖެހޭ މަސައްކަތެކޭ ބުނެ ދެކޮޅުހެދުމަކީ
ބަށީރުގެ އާދައެކެވެ.
އޮފީހުގެ މުވައްޡަފުން ޢަމަލު ކުރަންޖެހޭ
އުޞޫލުތަކާއި ޚިލާފަށް ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ބަޝީރު ގެއަށްދެއެވެ.
ހަމަ އެހާމެގިނައިން ސިގިރެޓް ބުއިމަށް އޮފީހުން ބޭރުގައި ވަޤުތު ހޭދަކުރެއެވެ.
އޮފީހުގެ އެހެން މުވައްޡަފުން ލުއިސައެއް ގެނެސްގެން ސައިގަނޑި އޮފީހުގައި
ނިންމާއިރު، ބަޝީރު ކޮންމެ ދުވަހަކު ކޮފީބޯން ދަނީ ހޮޓަލަށެވެ. އޮފީހުގައި
ހަމަކުރަންޖެހޭ ވަޤުތަށް ބަލާނަމަ ބަޝީރަށް އޮފީހުގައި ދިހަވަރަކަށް މިނިޓްވެސް
ހަމަނުކުރެވެއެވެ. ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކީ ބަޝީރު ސަލާމްބުނާ
ދުވަހެކެވެ. އޮފީހުގެ އެހެން މުވައްޒަފުންނަށްވުރެ ބަޝީރުގެ ސަލާމް، ޗުއްޓީ ވަރަށް
ގިނައެވެ. ބަޝީރަށް އޮފީހުގެ ވެރިން ނަޞޭހަތްތެރި ވިޔަސް އެއަޑު ނާހައި،
ވެރިންނާއި ޖަދަލުކޮށް ހަޑިހުތުރު ބަހުން މުޚާޠިބުކޮށް ހަދައެވެ. އޮފީހުގެ
ވެރިންނާ މަގުމަތިންވެސް ދިމާކޮށް ބިރުދައްކައި އިންޒާރުދީ ހަދައެވެ. ތިމަންނަ
ކުރަންޖެހޭ މަސައްކަތް އެނގޭނީ ތިމަންނައަށޭ، އެހެންމީހަކަށް ތިމަންނަ ކުރަންޖެހޭ
މަސައްކަތެއް ނޭނގޭނެޔޭ އޮފީހުގެ ތެރޭގައާއި ރަށުތެރޭގައި ކުދިކިޔަމުން އެކަކު
ކައިރިން އަނެކަކު ކައިރިއަށް ބަޝީރު ހިނގައެވެ.
ރަށު ކައުންސިލްގެ ބައެއް މެންބަރުންނާއި ގާތް
ގުޅުމެއް އޮނާތީ، އެމީހުން ގޮވައިގެން ހޮޓަލަށް ގޮސް ކޮފީއާއި
ސައި ދިނުމަކީ ބަޝީރު ކޮންމެ ދުވަހަކުހެން ކުރާކަމެކެވެ. މި ކަމުގެ ސަބަބުން
ބަޝީރު އޮފީހުގެ މަސައްކަތަށް ފަރުވާ ކުޑަކުރިއަސް އެމީހުންގެ ތަޢުރީފާއި ރުހުން
ބަޝީރަށް ލިބެއެވެ. އޮފީހުގެ އެހެން މުވައްޡަފުންނަށްވުރެ ގާތްކަމެއް އެ
މެންބަރުން ބަޝީރާއެކު ބާއްވައެވެ. މިކަމުގެ ސަބަބުން ބަޝީރު ހިތަށްއެރި ގޮތަކަށް
އޮފީހުގެ ތެރޭގައި ކަންކަން ކޮށްލުމަކީ ކުޑަކޮށްވެސް ވިސްނާލާ ކަމަކަށް ނުވެއެވެ. އޮފީހުގެ
އެހެން މުވައްޡަފުން އެމީހުންގެ މަސައްކަތްތައް ކުރަމުން، ބަޝީރު ކުރަންޖެހޭ މަސައްކަތްވެސް ޝަކުވާއެއްނެތި
ކޮށްދެއެވެ. ނަމަވެސް އެއިން މީހަކު ބަޝީރުގެ ކިބައިން މަސައްކަތަށް
އެހީތެރިކަމަށް އެދުނަސް އެކަމެއް ކޮށްނުދެއެވެ. މިކަމުގެ ސަބަބުން އޮފީހުގެ އެހެން
މުވައްޡަފުން ބަޝީރަށް ނަފްރަތު ކުރެއެވެ. އެމީހުންގެ އިތުބާރު ބަޝީރަށް ވަނީ
ގެއްލިފައެވެ. އަދި އޭނާގެ ސަބަބުން މުވައްޡަފުންނާއި ވެރިންގެ މެދުގައި
އޮންނަންޖެހޭ އެކުވެރިކަން ވަނީ ހީނަރުވެފައެވެ.
ބަޝީރުގެ ޢަމަލުތައް މިހެން ހުންނާތީ އޮފީހުގެ
އެހެން މުވައްޡަފުންގެ މަސައްކަތަށް ދަތި އުދަނގޫތައް ކުރިމަތި ވަމުންދެއެވެ.
އެމުވައްޡަފުން ތިބެނީ ހިތްހަމަ ނުޖެހިފައެވެ. ބަޝީރާއެކު އޮފީހުގައި އުޅޭކަށް
އެއްވެސް މުވައްޡަފަކު ހިތްހަމަނުޖެހެއެވެ.
ފާހަގަ ކޮށްލަންޖެހެނީ ބަޝީރު ފަދައިން މި މުޖުތަމަޢުގައި ވެސް
މަދުންނަމަވެސް އެފަދަ ފަރާތްތައް އުޅޭކަމެވެ. އޭގެތެރޭގައި އެކަށީގެންވާ ވަރަށް ތަޢުލީމު ލިބިފައިވާ ޒުވާން ޢުމުރުގެ މީހުންވެސް
ހިމެނެނީ ކީއްވެގެންކަން ނޭނގުމެވެ. އަޅުގަނޑު އެދެނީ ބަޝީރަށާއި އެފަދަ
އެހެނިހެން ފަރާތަކަށް ހެޔޮ ވިސްނުން ދެއްވުން އެދެމެވެ.
ނިންމުން:
އަދަބީ ލިޔުންތެރިކަމުގެ ތެރޭގައި ހިމެނޭ
ރިޕޯޓް ލިޔުމާއި ބަޔޮގްރަފީ ލިޔުމާއި ދަތުރުނާމާ ލިޔުމާއި އަދި ޤަލަމީ ތަސްވީރަކީ ލިޔުންތެރިކަން
ކުރިއެރުވުމަށް ފާހަގަ ކޮށްލެވޭ ލިޔުންތައްކަމުގައި ބުނަންޖެހެއެވެ. މިފަދަ ލިޔުންތައް
ލިޔާއިރު ލިޔުންތެރިޔާގެ ވިސްނުން ގެންގުޅެންޖެހޭ ގޮތާއި ލިޔުންތަކުގެ ބަސްމަގު
ހުންނަންޖެހޭ ގޮތް މިމާއްދާ އިން އުނގެނި ދަސްވެފައިވާ އެއްޗެއްގެ ބޭނުން ހިފުމުން
މި ބަޔޮގްރަފީ އެކުލަވާލުމުގައި ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދިޔަ ކަމެކެވެ.
އެހެންކަމުން ލިޔުންތެރިކަމުގެ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން މިފަދަ
ލިޔުންތައް ލިޔަމުން ގެންދިއުމަކީ ލިޔުންތެރިކަން ކުރިއަރައި ލިޔުމާއި ކިޔުމުގެ
ހުނަރާއި މަޢުލޫމާތު މުއްސަދިވެގެންދާނެ މަގެއްކަމުގައި ޤަބޫލުކުރަން ޖެހެއެވެ.
މުޙައްމަދު ރަފީޢު (ކަލައިދޫ)
ޥ.ރަނގަޅު ލިޔުމެއް
ReplyDelete