Wednesday, November 16, 2016

އާޘާރީ ތަރިކަ





ދާގަބާ، އުސްތަނބު، ހަވިއްތަ، ވޭރު ފަދަ އާޘާރީ ތަރިކައިން ދިވެހިރާއްޖޭގެ ޤަދީމި ތާރީޚް ދެނެގަތުމަށް ލިބިގެންދާ އެހީތެރިކަމަކީ:
ދިވެހިރާއްޖެއަކީ 2,500  އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޙަޟާރަތެއް އޮތްތަނެއްކަން އެނގެނީ މި ރާއްޖެއިން ފެންނާންހުރި ސާބިތު ހެކިތަކުގެ ސަބަބުންނެވެ. މިދެންނެވި ސާބިތު ހެކިތައް ދެނެގަންނާނެ މައިގަނޑު ތިންބަޔަކީ: 1. ލިޔެ ބަޔާންކުރެވިފައިވާ ލިޔުންތައް، 2. ކުރީ ޒަމާނުގެ ތަންތަނުންނާއި ގެންގުޅެފައިވާ ތަކެތިންނެވެ. ނުވަތަ އާސާރީ ތަރިކައިންނެވެ. 3. ކުރީ ޒަމާނުގެ މީހުންގެ ފަރާތުން ވާރުތަވަމުން އަންނަ ވާހަކަ (ފުލޯކްވާހަކަ) ތަކުންނާއި ކޮށްފައި ހުންނަ ކަންތައްތަކުންނެވެ.
އާސާރީ އަދި ތާރީޚީ ތަންތަން ހަލާކުވެދިޔަނުދީ ދަމަހައްޓަން ޖެހޭ އެތަކެއް ސަބަބެއްވެއެވެ. މީގެ ތެރޭގައި ހިމެނޭ ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ސުވާލަށް އެކަށީގެންވާ ޖަވާބެއް ހޯދުމަށް މަސައްކަތްކުރުން، (މި ސުވާލުގެ ޖަވާބު ލިބިދާނެ ތަންތަންކަމަށް ބެލެވެނީ އާސާރީ އަދި ތާރީޚީ ތަންތަނެވެ). ދިވެހީންގެ ތިމާވަންތަކަން (އައިޑެންޓިޓީ) ބިނާވެފައި އޮންނަނީ، ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ހުރިހާ ކަންތައްތަކުގެ މައްޗަށެވެ. މިގައުމުގައިވާ އާސާރީ ތަންތަނަކީ މި ގައުމުގެ އަހުލުވެރިންގެ އަމިއްލަ ވަންތަކަން ބަޔާންކޮށްދޭ ރަމްޒެވެ. ގައުމުގެ ތާރީޚް އަންގައިދޭ ބިނާތަކެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ބިމަށް ދޫކޮށްފައި ދިޔަ، އެމީހުންގެ މަސައްކަތްތައް ހާމަކޮށްދޭނީ އެތަކެތިންނެވެ. ކާބަފައިންނަކީ މިފަސްގަނޑުގައި އުޅުނު ބައެއްކަން އެނގޭނީ އާސާރީ އަދި ތާރީޚީ ތަންތަނުންނާއި ތަކެތިން ލިބޭ ހެކިތަކުންނެވެ. މި ތާރީޚީ ހެކިތައް ނެތް ނަމަ، މި ކަންތައްތަކާ ގުޅިގެން ހޯދަން ބޭނުންވާ މަޢުލޫމާތު ލިބޭނެތޯ؟ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ވެސް އާސާރީ އަދި ތާރީޚީ ތަންތަން ތަންތަނާއި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓައެވެ. ކުރީގެ ޒަމާނުގައި ދިވެހިންގައި ހުރި ކުޅަދާނަ ކުރެހުންތެރިކަމާއި މަސައްކަތތެރިކަން ފެންނަނީ އެކަމަށް ބޭނުންކޮށްފައިވާ ހިރިގަލުންނެވެ. ރާއްޖެ އިސްލާމްވުމަށްފަހު، ދިވެހިންގެ މަސައްކަތްތެރިކަމުގެ ކުޅަދާނަކަން ފެނިގެންދަނީ މިސްކިތްތަކުގައި ހުންނަ ހިރިގަލު ވަޑާމުންނެވެ. އެހެނަސް މި މަސައްކަތްތެރިކަން ފެންނާން ހުރުމުން އަޅުގަނޑުމެން ފަޚުރުވެރިވެއެވެ. މީގެ  އިތުރުން ދިވެހީންގެ ތާރީޚު އަންނަން އޮތް ޖީލުތަކަށް ދައްކައި ދިނުމަށްޓަކާ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެތި ހަލާކުކޮށްނުލާ ރައްކާތެރިކަމާ އެކު އެ ޖީލުތަކަށް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންނަށް އޮތް މަސްއޫލިއްޔަތެކެވެ.
                                                       މުޙައްމަދު ރަފީޢު (ކަލައިދޫ)

No comments:

Post a Comment