ބަހާއި ބަހުރުވައިގައިވާ ގުޅުން
ފެށުން
ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުން
ގެންދާ އިންސާނުން ވާހަކަދައްކާއުޅޭ ބަސްތަކަށް ބަހުރުވަތަކެއް ނިސްބަތް ވެއެވެ.
އެގޮތުން ބަހުރުވައަކީ މައި ބަހަކުން ކޮންމެވެސް ސަބަބަކާ ހުރެ ކަފި ވެފައިވާ
އެބަހުގެ ގޮތްޕެކެވެ. އެ ޖަމާޢަތެއްގައި ދިރިއުޅޭ ބައެއްގެ ބަހުރުވަ ތަކުން ވާހަކަ
ދައްކާއިރު އެބަހެއްގެ އަހުލު ވެރިންނަށް ބަހުރުވަ ތަކުން ދައްކާ ވާހަކަ
ދޭހަވާނެއެވެ. ބަހާއި ބަހުރުވަ، އެ ދޭއްޗަށް
ލިބިގެންވާ ސިފަތަކާއި އުފެދުމަށް މެދުވެރިވާ ޙާލަތްތައްވެސް ތަފާތެވެ. ޖޯން އާރ.
ރިކްފޯރޑް (2002) ހާމަކުރައްވާ ގޮތުގައި ''އެއް ޖަމާޢަތް އަނެއް ޖަމާޢަތާ ނުގުޅި
އުޅޭތާ ހައެއްކަ ސަތޭކަ އަހަރު ވާއިރު، އެއްބަޔަކު، ވާހަކަ ދައްކާ އަޑުތަކަށް ވެސް
ބަދަލު އައިސްފައި ވާނެއެވެ. މީގެ އިތުރުން ބަހުގެ ބައެއް ހަމަތަކަށްވެސް ބަދަލު
އައުދެއެވެ. މިގޮތަށް ބަދަލު އައުމުން ބަހުރުވައެއް އުފެދުނީއެވެ.'' މިގޮތުން
ދިވެހި ބަހަށް ނަޒަރު ހިންގައި ލުމުންވެސް ފާހަގަ ކުރެވެނީ ހަމަ މިޙަޤީޤަތެވެ.
އެހެންކަމުން މި މަޒުމޫނުގައި ބަލައިލާފައިވާނީ ބަހާއި ބަހުރުވައިގެ ގުޅުން އޮޅުން
ފިލުވައި ދިނުމުގެ މައްޗަށެވެ. އެގޮތުން ބަހެއްގައި ހުންނަ އަސާސީ ސިފަތަކާއި
ބަހުރުވައެއްގައި ހުންނަ ސިފަތަކާއި އެ އުފެދެނީ ކިހިނެއްކަމާއި ބަހާއި
ބަހުރުވައިގެ ތަފާތުތަކުގެ މައްޗަށްވެސް ބަލައިލާފައިވާނެއެވެ.
ބަހާއި ބަހުރުވައިގެ ގުޅުން
އޮޅުންފިލުވައިދިނުމަށް ބަލާއިރު، ބަހާއި ބަހުރުވައަށް ލިބިގެންވާ ސިފަތަކާއި
އެދޭތި އުފެދުމަށް މެދުވެރިވާ ޙާލަތްތައްވެސް ތަފާތެވެ. އެގޮތުން ބަހަކީ
ބަހުރުވަތަކެއް އެއަށް ނިސްބަތްވާ އެއްޗަކަށްވާތީ، ބަހުރުވައަކީ އިންސާނުންގެ
ޖަމާޢަތެއްގެ ބަޔަކު ވާހާކަ ދައްކައިއުޅޭ މައިބަހަކުން ކޮންމެވެސް ސަބަބަކާ ހުރެ
ކަފި ވެފައިވާ އެބަހުގެ ގޮތްޕެކެވެ. އެގޮތުން މި ގޮފި ގަހާ ވަކި ނުކުރެވޭނެއެވެ.
އެބަހެއްގެ އަހުލު ވެރިންނަށް އެބައެއްގެ ބަހުރުވަ ތަކުން ދައްކާ ވާހަކަ
ދޭހަވާނެއެވެ. އެގޮތުން ދިވެހި ބަހަށް ނަޒަރު ހިންގައި ލުމުންވެސް ފާހަގަ ކުރެވެނީ
ހަމަ މިޙަޤީޤަތެވެ. ދިވެހި ބަހުގައިވެސް ތަފާތު ބަހުރުވަ ތަކެއް އެބަވެއެވެ.
އެބަހުރުވަ ތަކަށް އޭގެ އަހުލުވެރިން ބަހޭވެސް ކިޔައެވެ. އެހެންކަމުން ކޮންމެ
ބަހަކީ ބަހުރުވަތަކެއް އެއަށް އެކުލެވިގެންވާ ވަކިނުކުރެވޭނެ ދޭއްޗެވެ.
ބަހަކީ ކޮބައިހެއްޔެވެ؟
ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ،
ދިރުން ލިބިގެންވާ އެއްޗެކެވެ. ބަހަށް ލިބިފައިވާ
ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑު
މަޚްރަޖާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި،
އަދަބިއްޔާތުގެ ސިފަތަކެވެ. ބަހަކީ އިންސާނުން
މުޢާޞަލާތުކުރާ އެންމެ ފުރިހަމަ ނިޒާމެވެ. އެންމެ ފަސޭހަ ވަސީލަތެވެ. އެއީ ހިތުގެ
ޖަޒުބާތާއި ޝުޢޫރާއި ޚިޔާލުފާޅުކުރުމަށް ބޭނުންކުރާ އަޑުތަކާއި ކޯޑުތަކާއި
ނިޝާންތަކާއި ޙަރަކާތްތަކެވެ. އެޑްވަޑް ސަރޕިރް )1921( ގައި ބުނެފައިވަނީ ''ބަހަކީ އިންސާނުން އެކަކު އަނެކަކާއި މުޢާމަލާތު ކުރުމަށްޓަކައި
އެމީހުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ބޭނުން ކޮށްގެން އަމިއްލައަށް އީޖާދުކުރާ
ޢިޝާރާތް ނުވަތަ ނިޝާން ތަކެކެވެ.'' ހަމައެފަދައިން ވެބް ސްޓަރ ޑިކްޝަނަރީ ގައި
ވަނީ ''ބަހަކީ ވަކި ނިޒާމެއްގެ މައްޗަށް އެކުލެވޭގޮތަށް ފާޅުކުރާ ޚިޔާލްތަކާއި
ޝުޢޫރުތަކާއި އަޑާއި ހަށިގަނޑުގެ ޙަރަކާތްތަކާއި ޢިޝާރާތްތައް އަދި ނިޝާންތަކެއްގެ
މައްޗަށް ބިނާވެގެންވާ މާނައެކުލެވޭ އެއްޗެކެވެ. މައުމޫން ޢަބުދުލް ޤައްޔޫމް (1989) ވިދާޅުވާ ގޮތުގައި
''ބަހަކީ ތިމާގެ ބޭނުންތައް އަނެކުންނަށް އަންގައިދޭ އެއްޗެކެވެ. އެއް
އިންސާނެއްގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރު އަނެއް އިންސާނަކަށް ހާމަކޮށްދޭ
ވަޞީލަތެކެވެ. އެކެއްގެ ވިސްނުމާއި ފިކުރު އަނެކާޔާ ހަމަޔަށް ގެންގޮސްދޭ
ސަވާރީއެއް ކަމުގައެވެ.'' އެޑްވަޑް ފިނެގަން (1999) ވިދާޅުވަނީ ''ބަހަކީ ހިތުގައި
އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް
ފޯރުކޮށް ދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ
ނިޒާމެއް ކަމުގައެވެ.'' ލިންގުއިސްޓިކުން ނުވަތަ ބަހާބެހޭ ޢިލްމުވެރިން ބުނާގޮތުން
ބަހަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް އެއްޗެއް އޮޅުން ފިލުވައި
ދިނުމަށްޓަކައި ނުވަތަ މަޢުލޫމާތު ދިނުމަށްޓަކައި ވަކި ނިޒާމެއްގެ މަތިން
ބޭނުންކުރާ އަޑުތަކަކަށް ނުވަތަ ޢިޝާރާތްތަކެކެވެ.
ބަހަކީ އިލާހީ އެއްޗެކެވެ. އެހެނީ ކީރިތި ޤުރްއާނުން
މިކަން ސާބިތުވެއެވެ. އެއީ ކީރިތިޤުރުއާނުގެ ބަޤަރާސޫރަތުގެ 31 ވަނަ
އާޔަތުން މިކަމަށް ބާރު ލިބޭތީއެވެ. އެ އާޔަތުގެ މާނަ ބަޔާން ކުރައްވަމުން ކީރިތި
ޤުރުއާނުގެ ރަޙުމާނުސޫރަތުގެ ހަތަރުވަނަ އާޔަތުގެ ތަރުޖަމާ ކަމުގައި މޫސާފަތުޙީ،
މުޙައްމަދު ޖަމީލް، އިބްރާހިމް ޙިލްމީދީދީ، ފަތުޙުﷲ ޖަމީލް، ޒާހިރު ޙުސައިން
(1395ހ) ހާމަކުރައްވައިފައިވަނީ "އާދަމްގެ ފާނު އުފައްދަވައި އެކަލޭގެ ފާނަށް
ހުރިހާ ނަންތަކެއް ދަސްކޮށް ދެއްވީމެވެ" މިހެންނެވެ. ވީމާ، އިންސާނާ އުފެއްދެވުމާއެކު އެކަލާނގެ
އެއިންސާނާއަށް މިވަނީ ބަހެއްގެ ޒަރީއާއިން އުނގަންނަވައި ދެއްވާފައެވެ.
ހަމައެއާއިއެކު މިނަޒަރިއްޔާ އިތުރަށް ވަރުގަދަވަނީ ﷲތަޢާލާ އާދަމްގެ ފާނު
އުފެއްދެވުމަށްފަހު އެކަލާނގެ އިންސާނާއަށް (އާދަމްގެ ފާނަށް) ބަސް މޮށުންތެރިކަން
އުނގަންނަވައި ދެއްވިކަން ކީރިތިޤުރުއާނުން ސާބިތު ވާތީއެވެ. ކީރިތިޤުރުއާނުގެ
ރަޙުމާނުސޫރަތުގެ ހަތަރުވަނަ އާޔަތުގެ ތަރުޖަމާ ކަމުގައި މޫސާ ފަތުޙީ، މުޙައްމަދު
ޖަމީލް، އިބްރާހިމް ޙިލްމީދީދީ، ފަތުޙު ﷲ ޖަމީލް، ޒާހިރު ޙުސައިން (1395ހ)
ހާމަކުރައްވައިފައި ވެއެވެ. "އެކަލާނގެ އިންސާނާ އުފައްދަވައި އެއިންސާނާއަށް
ބަސް މޮށުންތެރިކަން އުގަންނައި ދެއްވިއެވެ." ޑޭވިޑް ކްރިސްޓަލް (1997)
ހާމަކުރައްވައިފައިވެއެވެ. ''ބަސް އުފެދެނީ ކިހިނެއް ހެއްޔެވެ؟ ބަހަކީ ޤުދުރަތީ
ގޮތުން އުފެދޭ އެއްޗެކެވެ. އެއީ އެއްވެސް މީހަކު އުފައްދާ އަދި އުފެއްދި އެއްޗެއް
ނޫނެވެ.'' ޖޯޖު ޔޫލް (1996) ހާމަކުރައްވާ ގޮތުގައި ''ބަހަކީ އިލާހީ އެއްޗެކެވެ.
އެއީ ޤުދުރަތީ އަޑުތަކުން އުފެދޭ އެއްޗެކެޗެ. އެއީ ޤުދުރަތީ ގޮތުން އިންސާނާއަށް
ޚާއްޞަކުރެވިފައިވާ ޤާބިލްކަމަކާއެކު އުފެދޭ އެއްޗެކެވެ. ވީމާ، މިހާހިސާބުން ބަހަކީ އިލާހީ އެއްޗެއްކަމާއި ބަސް
މޮށުންތެރިކަން އުނގަންނަވައި ދެއްވީ ﷲ ތަޢާލާކަން އެއްވެސް ޝައްކަކާނުލައި
ސާބިތުވެއެވެ.
ބަހުރުވައަކީ ކޮބައިހެއްޔެވެ؟
އެބައެއްގެ ބަހުރުވަތަކުން ވާހަކަދައްކާ އިރު
އެބަހެއްގެ އަހުލުވެރިންނަށް ބަހުރުވަތަކުން ދައްކާ ވާހަކަ ދޭހަ ވާނެއެވެ.
ލިންގުއިސްޓުން ވިދާޅުވަނީ ބަހުގެ ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް
އެބަހެއްގެ ދެ ބަހުރުވަޔަކުން ވާހަކަދައްކާ ދެ މީހުންނަށް، އެކަކު ކިޔާއެއްޗެއް
އަނެކަކަށް ދޭހަ ނުވާނަމަ އެ ބެލެވޭނީ ދެބަހެއްގެ ގޮތުގައެވެ.
ލިންގުއިސްޓުން ވިދާޅުވާ ގޮތުގައި
ބަހުރުވައަކީ އެ ބައެއްގެ ތެރޭގައި ވާހަކަދެކެވޭ މައިބަހުގެ ތަފާތު ގޮފިތަކެކެވެ.
އެގޮތުން އަރުދޯފް އާރ. (2010) ހާމަކުރައްވާ ގޮތުގައި
''ޢާންމު ބުނުންތަކުގައި ބޭނުންކުރާ މާނައަށް ބަލާއިރު
ބަހުރުވައަކީ ބަހެއްގެ ބައެކެވެ. މާބޮޑު ޙައިޘިއްޔަތެއް
އެއަށް ލިބިފައެއް ނުވެއެވެ. ޢާންމުކޮށް ބަހުރުވަ ގުޅިފައިވާނީ އެބަޔަކާމެދު
މާބޮޑަށް އަލައިނުލެވިފައިވާ ރަށްފުށާއެވެ. ނުވަތަ އެފަދަ ޖަމާޢަތްތަކާއެވެ.''
ބަހުރުވައެއް އުފެދެނީ ކިހިނެ؟ މާތް ﷲ ރުއްސުން ލެއްވި ޙައްވާގެފާނާއި
އާދަމްގެފާނު އެއްބޭފުޅަކު، އަނެއް ބޭފުޅަކަށް ވާހަކަފުޅު ދައްކަވާ ހެއްދެވީ ބަސް
ބޭނުން ކުރައްވައިގެންކަން ސާބިތުވެއެވެ. ދުނިޔޭގައި މާ ގިނަ ދުވަހެއް ނުވަނީސް
އިންސާނީ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ. އެންމެ ފުރަތަމަ މި އެންމެންވެސް
ވާހަކަ ދައްކާ ހަދާފައި ވާނީ އެއްބަހަކުންނެވެ. ނަމަވެސް މީސްތަކުން ގިނަވުމުން،
ތަފާތު މައްސަލަތައް އެމީހުންގެ މެދުގައި ޖެހެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ.
މުޙައްމަދު ވަޙީދު ނަދުވީ (2001)
ހާމަކުރައްވައިފައިވެއެވެ. ''މީސްތަކުން ޤަބީލާތަކަށާއި ވަންހަ ތަކަށް ބެހިގެން ދެއެވެ.
އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ އުފެދޭގޮތްވެއެވެ. ކާތަކެތި ނުވަތަ އެހެންވެސް
ތަކެތި ތަދު ދުވަސްވަރު އާދެއެވެ. މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަން
ކުރަން ދަތިވެ އެވެ. މި ފަދަ އެތައް ސަބަބުތަކާ ހެދި، މީސްތަކުންގެ ތެރެއިން
ބަޔަކު، އެ މީހުން އުޅޭތަން ދޫކޮށް އެހެން ތަންތަނަށް ދަތުރު ކޮށް އެބައެއްގެ
ބޭނުންތައް ފުދޭ ތަނަކު ވަޒަންވެރިވެއެވެ. ބުނެވޭ ގޮތުގައި މީހުން އެންމެ ފުރަތަމަ
ވަޒަންވެރިވެ ދިރިއުޅެން ފެށީ ކޯރުތަކުގެ އައްސޭރި ފަށުގައެވެ.'' މި ގޮތަށް
ހިޖުރަކޮށް އެކިއެކި ދުރު ހިސާބުތަކުގައި ވަޒަން ވެރިވުމުން އެމީހުންގެ އާ
މާޙައުލުން ފެންނަ ތަކެއްޗަށާއި ކުރާކަންތައްތަކަށާއި އުޅޭ ގޮތްގޮތަށް އައު
ލަފުޒުތައް އުފައްދަން ޖެހެއެވެ. މިސާލަކަށް ގަސްގަހާގެހި ހެދޭ ވާދީއެއްގައި
ވަޒަންވެރިވާ ބަޔަކު، އެ ވާދީގައިވާ ކޮންމެ ގަހަކަށް އަދި ގަސްތަކުގެ ސިފައަށް
ލަފުޒެއް ހަދާފާނެތެވެ. ނަމަވެސް މުޅިން ހަނަފަސްކޮށް އޮންނަ ސަހަރާއެއްގައި
ވަޒަންވެރިވެ އުޅޭ ބަޔަކު ކޮންމެ ކުލައަކަށް ލަފުޒެއް ހަދާކަން ނުޖެއެވެ.
އެމީހުންނަށް ނުފެންނަ ކުލަތަކާ ބެހޭ ގޮތުން ބަސްމޮށެ އުޅޭކަށް ނުޖެހެއެވެ. އެއީ
ޚިޔާލަށް ނުގެނެވޭ އެއްޗަކީ ނެތް އެއްޗެއް ކަމަށް ބެލެވޭތީއެވެ. މިގޮތަށް އެއް
ސަރަހައްދެއްގައި ދިރި ނޫޅެވިގެން އިންސާނުންގެ ތެރެއިން ބަޔަކު އެހެން
ހިސާބުތަކަށް ދަތުރުކޮށް، އެކި ހިސާބުތަކުގައި ވަޒަންވެރި ވެއެވެ. ދެން އެ ހިސާބު
ގަނޑުގައި ދިރިއުޅޭ ދެބައިމީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަ ދައްކާނީ އެއް
ބަހަކުންނެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކާ ދައްކާ ވާހަކަ އޮޅުން ފިލާނެއެވެ.
ނަމަވެސް، މާހައުލާއި ފިކުރު ބަދަލުވުމުން، އެއް ބަޔަކު ބޭނުން ކުރި ލަފުޒުތައް
އަނެއް ބަޔަކު ބޭނުން ކުރަން ނުޖެހި ބައެއް ލަފުޒުތައް އެ ޖަމާޢަތުގައި ދިރިއުޅޭ
މީހުންގެ ހަނދާނުން ފުހެވިގެން ހިނގައިދާނެއެވެ. މިގޮތަށް އެއް ޖަމާޢަތް އަނެއް
ޖަމާޢަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ އަހަރު ވާއިރު، އެއްބަޔަކު، ވާހަކަ ދައްކާ
އަޑުތަކަށް ވެސް ބަދަލު އައިސްފައި ވާނެއެވެ. މީގެ އިތުރުން ބަހުގެ ބައެއް
ހަމަތަކަށްވެސް ބަދަލު އައު ދެއެވެ. މިގޮތަށް ބަދަލު އައުމުން ބަހުރުވައެއް
އުފެދުނީއެވެ. މިސާލަކަށް އަޅުގަނޑުމެން ރަސްމީ ދިވެހި ބަހުގައި ''ފުރަތަމަވެސް''
މިއީ އަށްޑު އަތޮޅު ބަހުރުވައިގައި ''ފެރަތުމާއް'' އެވެ. އެކަމަކު ހައްދުންމަތީ
ކަލައިދޫ ބަހުރުވައިގައި ''ފުރަތަނާނުން'' އެވެ. ރަސްމީ ބަހުގައި ''އަހަރެމެންގެ''
މިބަހަށް އަށްޑު އަތޮޅު ބަހުރުވައިގައި ކިޔަނީ ''އަފިރިންގެ'' އެވެ. ހައްދުންމަތީ ކަލައިދޫ ބަހުރުވާގައި
''އަހަރުމެންގެ'' އެވެ. ރަސްމީ ބަހުގައި ''ދާނަމޭ'' މިބަހަށް އަށްޑު އަތޮޅު ބަހުރުވައިގައި ކިޔަނީ ''އޭށުން'' އެވެ. އެކަމަކު ހައްދުންމަތީ ކަލައިދޫ ބަހުރުވައިގައި ''ދާމޭ''
އެވެ. ވީމާ، މިއީ މޯފޮލޮޖިކަލް ތަފާތެކެވެ. ލަފުޒުގެ ސެމޭންޓިކަލް
ގޮތުން ބަލާއިރު، ރަސްމީ ބަހުގައި
ބޭނުންކުރާ ބައެއް ލަފުޒުތައް އައްޑޫ ބަހުރުވައިގައި މުޅިން އެހެން މާނައެއްގައި
ބޭނުންކުރެއެވެ. މިސާލަކަށް "ރޮށި" މިއީ ރަސްމީ ބަހުގައި ކާއެއްޗެކެވެ.
ނަމަވެސް އައްޑޫ ބަހުގައި އެއީ އައުގުރާނެކެވެ. މީގައި އަށްޑު އަތޮޅު މީހުން
ބޭނުންކުރާ ގޮތް ނުވަތަ ފޮނެޓިކަލް ގޮތުން ތަފާތެވެ. ހުވަދޫގައި ކިޔަނީ
"ރޮޓިޔާ" މިހެންނެވެ. ވިމާ، މިތަފާތުތައް މިގޮތަށް ފެންނަނީ ކުރިންވެސް
ދެންނެވި ފަދައިން އުޅެންޖެހޭލެއް ދުރުކަމުންނެވެ. ދިވެހި ބަހުގެ ބަހުރުވަ
ތަކުންވެސް ފާހަގަކުރެވޭ ބަސްކޮށާރުގެ ތަފާތުކަމަކީ މިއީ ކަމުގައި ދަންނަވަން
ޖެހެއެވެ.
މަތީގައި ބަޔާން ކުރެވިފައިވާ ބުނުންތަކުން
ހާމަވަނީ ބަހާއި ބަހުރުވަޔާއި ހުރި ގުޅުމެވެ. އެހެންކަމުން ބަހާއި ބަހުރުވައަކީ
އިންސާނުންގެ ޖަމާޢަތުގެ ތެރޭގައި ވާހަކަދައްކައިއުޅޭ މައިބަހުގެ ތަފާތު
ގޮފިތަކެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެގޮތުން ދިވެހިންގެ ރަސްމީ ބަހުގެ
އަންނަނިވި ލިޔުންކޮޅު އައްޑު އަތޮޅުގެ މީހުން ވާހަކަދައްކާ ބަހުރުވަޔަށާއި،
ހައްދުންމަތީ ކަލައިދޫ މީހުން ވާހަކަދައްކައި އުޅޭ ބަހުރުވަޔަށް ތަރުޖަމާ ކުރަމެވެ.
''މަންމަޔާ މުޚާތަބުކޮށް މާމަ ގޮވާލިއެވެ.'' ދަރިފުޅާ!
އަހަރެމެންގެ ޢާރިފާ ހާލެއް ނެތިގެން ރޭ ފަތިހުއްސުރެ ބޭއްވިފައި އޮތީ
ހޮސްޕިޓަލުގައި. ނުދަންތަ ގޮވާލާކަށް؟
''ހެނދުނު އަސިމާ ފޮނުވިން. އަހަރެން ވެސް އަވައްޖެއް ވީހާ
އަވަހަކަށް ދާނަން.'' ކޮޓަރި ތެރޭން މަންމަ ގޮވާލިއެވެ. އަސްމާއަކީ އަހަންނެވެ.
ޢާރިފާއަކީ މަންމަޔާ ދެބެންގެ ދެދަރި ދައްތައެވެ.
ބަނޑުހައިވެފައިވާތީ ފުރަތަމަވެސް ގޮސް ވަނީ
ކާކޮޓަރިއަށެވެ. ގޭގެ އެންމެން ކައިނިމިފައިވާކަން ތަށިމަތި ބަލައިލުމުން
އެނގެއެވެ. ސިންކު ތެރެއަށް ޖަހާފައި ހުރި ބަތްކޭ ތަށިތަކާއި އޫ ސަމުސާތައް، ރިހަ
ހުސްކުރި ބޯތަށިތައް ނުދޮވެ ހުރެ ގިނައިރުވެގެން މެހި ބުރަނީއެވެ. ތަށިތަކުގެ
އިތުރަށް ހަޑިވެފައިވާ ތުންފުއްސާއި ކާމޭޒުމަތި އިންތިޒާރުކުރަމުން ދަނީ
އަހަރެންގެ ދޮވެ ސާފުކުރަން އާދަވެފައިވާ ދެ އަތަށެވެ. ތަށިމަތި ހުރިގޮތް ފެނުމުން
ކާހިތްކުޑަވެއްޖެއެވެ. ކެވުނީ ވެސް ކުޑަކޮށެވެ. މޭހޫނު ފިލާވަރަކަށް ނޫނެވެ.
ލޮޑުވެ ކަންނެތްވެފައިވާ ހަށިގަނޑު ގަދަހެދީ އެހެން ކަންތައް ފަސްކޮށްލައި އިހަށް
ކޮޓަރިއަށް ގޮސް އަރާމުކޮށްލުމަށެވެ. ތަށިތައް ދޮންނަން ފެށީ ހިތާ އަރާރުންވަމުންނެވެ.
ކޮންމެ ސިކުންތެއް ވީ އަޒާބަކަށެވެ. (އިބްރާހީމް ޙުސައިން މަނިކު 1990،ޞ)
އައްޑު އަތޮޅު މީހުންގެ ބަހުރުވައިން:
''މަންމަޔާ މުޚާތަބުކޮށް މާމަ އޯލާލިއެވެ.'' ކާނލޯ! އަފިރިންގެ ޢާރިފާ ހާލަށްނެއް
ރެއި ފަތުހެއިކޯކަދުން ހޮސްޕިޓަލި ބާފެއި އޮތީ، އޯލަލާއް ނިޔެއި؟
''ހެންނެއި އަސްމާ ފެޑުވިން. އަވަސް އަވިދިވީހެއި
އަވަހަކަށް އޭށުން'' ކޮޓަރިއެއި އެތެރެއިށެ މަންމާ ބެނިއެވެ. އަސްމާ އުކޭނީ
މާއިދިމާއަށެވެ. ޢާރިފާ އަކީ މަންމައާއި ދެބެންގެ ދެދަރި ދައްތާއެވެ.
ބަނޑުހާވެފައިއިށިމެއި ފެރަތުމާއް ގޮސްވަނީ
ކާކޮޓަރިއަށެވެ. ގޭ އެނެމެން ކާގައްކަން ތަށިތައް ފެނެމެއި އެގިގެއެވެ. ސިންކާ
އެތެރެއަށް އެޑެފެއިތިބި ބަތްކޭ ތަށިތަކާއި، އުލާއި ސަމުސަލާއި، ރެހެ ހުސްކެޑެ
ބޯތަށިތައް ނިދޯއިހިށެ
ގިނަވޭލެވެގެން މެހި އަރަނީއެވެ. ތަށިތަކި އިތިރަށް
ހަޑިވެފެއި އޮތް ތުންފުހިއާއި ކާމޭޒެމަތި އިންތިޒާރަ ކެރަމުން އެނީ ދޯއި
ސައުފުކެރާއް އާދަވެފެއިހިށި މަދެއަތަށެވެ. ތަށިތައް ތިބިލެއް ފެނެމެއި
ކާހިތްކެޑިގެއެގެ. ކިޔެނެއިޔަސް ކުދުކޮށެވެ.
މެއި ހުނުފެލާވަރަކަށް ނުނެވެ. ލޮޑުވެ ކަންނެތްވެފެއިވޭ
ހަށިގަނޑަ ގަދަހެދީ އެހެން ކަންކަން ފަސްކޮށްފެއި އިހަށް ކޮޓަރިއަށް ގޮސް
އަރާމުކެރާށެވެ. ތަށިތައް ދޯނަށް ފެށީ ހިތާއި ދެކެޑަށެވެ. ކޮންމެ ސިކުންތަކަސްވީ
އަޒާބަކަށެވެ.
މި ލިޔުންކޮޅު އަށްޑު އަތޮޅު ބަހުރުވަޔަށް ތަރުޖަމާ
ކުރުމުގައި އެހީތެރިކަން ހޯދާފައިވާނީ އަށްޑު އަތޮޅުގެ ރަށްވެހިގެން ފަރާތުންނެވެ.
ހައްދުންމަތީ ކަލައިދޫ ބަހުރުވައިން:
''އަމިޔައާ މުޚާތަބުކޮށް މާމިޔަ ގޮވާލިއެވެ.''
މަންޖޭ! އަހަރުމެންގެ ޢާރިފާ ހާލެއް ނެތީގެން ރޭ ފަތިހުން ފެށިގެން ބާއްވާފައި އޮތޫ
ހޮސްޕިޓަލު. ނުދަންތެ ގޮވާލާކަށް؟
''ހެނދުނު އާސިމާ ފޮނުވިން. މަވެސް އަވަދި ވީހާ އަވަހަކަށް
ދާމޭ.'' ކޮޓަރި ތެރޭން އަމިޔަ ގޮވާލިއެވެ. އަސްމާޔަކޫ އަހަންނެވެ. ޢާރިފާޔަކޫ
އަމިޔައާއި ދެބެންގެ ދެދަރު ދާތިޔައެވެ.
ބަނޑަހައި ވެފައިވޫމާ ފުރަތަމަވެސް ގޮހޮ ވަނޫ
ކަންގެއަށެވެ. ގޭ އެންމެން ކާނިމިފައިވަންކަން ތަށުމަތު ބަލާލޫމާ އެނގެއެވެ.
ސިންކު ތެރެއަށް ޖަހާފައި ހުރި ބަތްކޭ ތަށުތަކާއި އުލާ ސަމުސާތެއް، ރިހަ ހުސްކެރި ބޮނޑެތަށުތެއް ނުދޮވެ ހުރެ
ގެނައިރުވެގެން މެހި ބުރަނޫއެވެ. ތަށުތެކުގެ އިތުރަށް ހަޑިވެފަ ހުރި ތުންފުހިއާ
ކާމޭޒެމަތު އިންތިޒާރުކެރަމުން ދަނޫ އަހަރުންގެ ދޮވެ ސާފުކެރަން އާދަވެފައިވާ ދެ
އަތަށެވެ. ތަށުމަތު ހުރިގޮތް ފެނެނޫމާ ކަންހިތް ކުޑަވެއްޖެއެވެ. ކެވެނޫވެސް
ކުޑަކޮށެވެ. މޭހޫނު ފެލަންވަރަކަށް ނޯނެވެ. ލޮޑެވެ ކަންނެތްވެފައިވާ ހަށުގަނޑެ
ގަދަހެދޫ އެހެން ކަންތެއް ފަހަކޮށްފައި އިހަށް ކޮޓަރިއަށް ގޮހޮ އަރާމުކޮށްލާށެވެ.
ތަށުތެއް ދޮންނަން ފެށޫ ހިތާ އަރާރުންވަމުންނެވެ. ކޮންމެ ސިކުންތެއް ވޫ
އަޒާބަކަށެވެ.
މި ލިޔުންކޮޅު ހައްދުންމަތީ ކަލައިދޫ މީހުންގެ
ބަހުރުވަޔަށް ތަރުޖަމާ ކުރުމުގައި އެހީތެރިކަން ހޯދާފައިވާނީ ކަލައިދޫގެ
ރަށްވެހިގެން ފަރާތުންނެވެ.
ނިންމުން:
ބަހަކީ ބަހުރުވަތަކެއް އެއަށް
ނިސްބަތްވާ ނިސްބަތްވުމެކެވެ. ބަހުރުވައަކީ މައިބަހަކުން ކޮންމެވެސް ސަބަބަކާ ހުރެ
ކަފިވެފައިވާ އެބަހުގެ ގޮތްޕެކެވެ. ނުވަތަ ގޮފިތަކެކެވެ. މިގޮފިތައް ގަހާ ވަކި
ނުކުރެވޭނެއެވެ. ބަހަކީ ޤުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ.
އެއީ އެއްވެސް މީހަކު އުފައްދާ އަދި އުފެއްދި އެއްޗެއް ނޫނެވެ. އެހެނީ އެއީ
ޤުދުރަތީ އަޑުތަކުން އުފެދޭ އެއްޗެކެޗެ. ބަހުރުވައަކީ މައިބަހަކަށް ނިސްބަތްވާ،
ވަކި ޖަމާޢަތެއްގެ ބަޔަކު ވަކިސިފަތަކެއް ހިމެނޭގޮތުން ވާހަކަދައްކާ އެއްވައްތަރު
ކަމެއް ހިމެނޭ އެއްޗެކެވެ. ބަހުރުވައެއްކަމަށް ދޭހަވާ އެހެން ސަބަބުތަކުގެ
ތެރެއިން އިޖުތިމާޢީ ގޮތުން އޮންނަ ވަކި އިމެއް ވެސް ފާހަގަ ކުރެވެއެވެ. ވަކި
އިޖުތިމާޢީ ގިންތިއަކާ ގުޅިފައިވާ ބަހުރުވައަކީ ސޯޝިއޯލެކްޓް" ނުވަތަ
އިޖުތިމާޢީ ބަހުރުވައެވެ. ސަރަޙައްދުގެ ގޮތުން އުފެދޭ ބަހުރުވައަކީ ސަރަޙައްދީ
ބަހުރުވައެވެ. ބަހުރުވައެއް އުފެދެނީ އެއްތާކު ނޫޅެވެގިގެން ދަތުރު ފަތުރުކޮށް
އެހެން ހިސާބުތަކަށް ހިޖުރަކޮށް ވަޒަންވެރިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިގޮތުން ކަނޑަކުން ފަރަކުން ވާދީއަކުން ފަރުބަދައަކުން ބަހުރުވަ ތަކުގެ
ތަފާތުވުން އުފެދެއެވެ. އެހެންވަނީ މުޢާޞަލާތު ކުރުމުގައި އުފެދޭ
ދުރުމިނެއްގެ ސަބަބުންވެ. އެމިން ގާތްވީވަރަކަށް ބަހުރުވައިގެ ތަފާތު ކުޑަވެއެވެ.
ދުރިވީވަރަކަށް ބޮޑުވެއެވެ. މިގޮތުން ބަލާއިރު ދިވެހިބަހުގެ ރަސްމީބަހަށް
ނިސްބަތްވާ ބަހުރުވަ ތަކެއް ހުރިކަން މި އެސައިންމެންޓު ހެދުމުން ފާހަގަ
ވެއެޖެއެވެ. އެބަހުރުވަ ތަކަކީ އައްޑޫ ބަހުރުވައާއި ހައްދުންމަތީ ކަލައިދޫ
ބަހުރުވައެވެ. ބަހުރުވަ އެއްކަމަށް ރަމުޒު ކޮށްދޭ ކަންތައްތަކެއް ހުރެއެވެ. އޭގެ
ބަސްކޮށާރާއި ޤަވާޢިދާއި ބޭނުންކުރާ އުޞޫލެވެ. ރާގެވެ. ގޮތެވެ. އޭގެތެރޭގައި
ލަފުޒުގެ އަޑުތަކާއި ވަޒަންވެސް ހިމެނޭ ގޮތުންނެވެ. ބަހެއްގައި އެންމެ ފާޅުކަން
ބޮޑުގޮތެއްގައި ފާހަގަ ކުރެވޭ ތާފަތުކަމަކީ އޭގެ ބަސްކޮށާރު ތަފާތުވުމެވެ.
އޭގެތެރޭގައި ފޮނޮލޮޖީއާއި ނުވަތަ ލަފުޒު އަދާކުރާ މަޚުރަޖާއި ޤަވާޢިދާއި ބަސް
ބޭނުންކުރާ ހަމަތައް ހިމެނެއެވެ. އަދި ބަހުރުވައިގައި ހުންނަ އެއްވައްތަރުކަން
ބަސްކޮށާރުގެ ގޮތުން ތަފާތުވުމެވެ. މިތާފާތު ހުންނާނީ ޖޯގްރަފީ ގޮތުން ދެބައެއްގެ
ދެމެދުދައި މުއާޞަލާތު ކުރުމުގެ ވާސްޠާ ދުރުވުމެވެ. މި ނަޒަރިއްޔާތަށް ބަލާއިރު
ދިވެހި ބަހުގެ ބަހުރުވަ ތަކުން ލެކްސިކަލް ވޭރިއޭޝަން ނުހަނު ބޮޑަށް ފެނެއެވެ.
އެއީ މާނަވެސް ތަފާތުވާ ޙާލަތުތައްވެސް ހިމެނޭ ގޮތުންނެވެ. އަދި އަޑު އަދާކުރާ
ގޮތް ވެސް ހިމެނޭ ހެންނެވެ. އެހެންކަމުން މިތަފާތުތައް މިގޮތަށް ހުރިނަމަވެސް
ބަހާއި ބަހުރުވައަކީ އެކަތި އަނެކައްޗާ ވަކިނުކެރޭވޭނެ ދޭއްޗެވެ. އެހެނީ ދުނިޔޭގެ
އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުން ގެންދާ އިންސާނުން ވާހަކަދައްކާއުޅޭ
ބަސްތަކަށް ބަހުރުވަތަކެއް ނިސްބަތް ވާތީއެވެ.
މުޙައްމަދު ރަފީޢު (ކަލައިދޫ)