Wednesday, December 7, 2016

ޙަޟާރަތްތައް އުފެދުނުގޮތުގެ ޚްލާޞާ



ދުނިޔޭގައި ޙަޟާރަތްތައް އުފެދުމަށް މަގުފަހިވެގެން ދިޔަ ގޮތުގެ ޚްލާޞާއެއް
ސްޓޯން އޭޖްގެ ދުވަސްވަރުއުޅުނު މީހުން، ދިރިއުޅުނީ ޝިކާރަކޮށްގެން ހޯދާ ތަކެއްޗާއި، ގަސްގަހުގައި އަޅާތަކެތި ކައިގެންނެވެ. މިފަދައިން އުޅުނު ޒަމާން، ކާބޯތަކެތި ހައްދައިގެން އުޅުނު ޒަމާނަށް ބަދަލުވުމަށް ފަހު، ދެން އައީ ދަނޑުގޮވާން ކުރާނެ ގޮތްތައް ހޯދައި ދަސްކޮށް، އެކި ވައްތަރުގެ މޭވާ އަޅާ ގަސްގަހާއި ބާވަތްބާވަތުގެ ގޮވާން ހައްދަން ފެށި ދުވަސްވަރެވެ. އެހެންކަމާ އެކުގައި، އެ މީހުން ހައްދާ ގޮވާން ފަދަ ތަކެތި އަންނަންއޮތް ދުވަސްވަރަށް ރައްކާކުރާ ބަނޑަހަގެތައް ހަދާ އެތަންތާގައި ބަހައްޓަން ފެށި އެވެ. އަދި އެއް ތަނެއްގައި ދާއިމީ ގޮތަކަށް ދިރިއުޅޭނެ ގޭގެ އެޅުމާއި، މިފަދަ ގެތައް، އެއްގެ އަނެއްގެއާ ކައިރިކައިރީގާއަޅާ، އެ މީހުންގެ ޖަމާޢަތްތަކުގެ ބޮޑުން ވެރިންގެ ގޮތުގައި ތިބެގެން ރަށްރަށް އުފެދި އެރަށްރަށް ބޮޑުވާން ފެށިއެވެ. މި ތަންތާނގައި އެކި މަސައްކަތް ކުރާ ހުނަރުވެރި މަސައްކަތްތެރިން އުފެދި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފަސޭހައިން ކުރާނޭގޮތައް ހޯދަމުން ދިޔައެވެ.
ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުމާއި ގުޅިގެން އެއްރަށުގެ އަހުލުވެރިން އަނެއްރަށުގެ އަހުލުވެރިންނާ އެކު ވިޔަފާރި ކުރަން ފެށިއެވެ. މިފަދަ ގުޅުންތަކުން ވަށައިގެންވާ ސަރަޙައްދުތަކުގައި ޝަހަރެއް އުފެދުނެވެ. ޢާއްމުގޮތެއްގައި މިފަދަ ދިރިއުޅުން ފެށިފައިވަނީ ކޯރުތަކުގެ ވާދީތަކާއި ކޯރުތަކުގެ އައްސޭރިއާއި މާދުރުނޫން ހިސާބުތަކުގައެވެ. މިގޮތުން އެންމެ ފުރަތަމަ އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަޙައްދުތަކުގައިވާ ކޯރުތަކަކީ ނީލަކޯރު، ޔުފްރޭޓްސް، ޓައިގްރިސް، އިންޑަސް، އަދި ހުވެންގހޯ ފަދަ ކޯރުތަކެވެ.

Monday, December 5, 2016

ދިޔަވަރު ތަފާތުވުން



ހަނދާއި އިރާއި ގުޅިގެން ދުނިޔޭގެ ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކޭގޮތް
ރެއަކާއި ދުވާލުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލި ތިރި ވުމަކީ ދިޔަވަރުގެ ޙަރަކާތެވެ. ދިޔަވަރަށް މައިގަނޑު އަސަރުކުރަނީ ހަނދުގެ ދަމާބާރާއި އަދި އެއަށްވުރެ ކުޑަމިންވަރަކަށް އިރުގެ ދަމާ ބާރު (އިރު ހަނދުގެ ޖާޒްބިއްޔަތުން) އެކުވެގެންނެވެ. އެހެންކަމުން ހަނދާއި އިރުގެ ޙަރަކާތުގެ ސަބަބުން ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކެއެވެ. އާދަކޮށް ރެއަކާއި ދުވާލެއްގެ ތެރޭގައި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދެފަހަރަށް ދިޔަވަރު ބޮޑުވެ ދެފަހަރަށް ދިޔަވަރު ހިކެއެވެ.
އެންމެ ބޮޑަށް ދިޔަވަރު ބޮޑުވުމުގެ އަސަރު ފެންނަނީ ދުނިޔޭގެ ނިސްބަތުގައި ހަނދާއި އިރު އެއްރޮނގަކަށް ނުވަތަ އެއް މިޞްރާބަކަށް ސީދާވުމުންނެވެ. މިގޮތަށް އިރު، ހަނދު، ދުނިޔެ މިތިނެތި އެއްރޮގެއްގެ މައްޗަށް އައުމުން (މިގޮތަށް އިރު، ހަނދު، ދުނިޔެ އެއްރޮނގަކަށް އަންނަނީ ކޮންމެ ހަނދުމަހެއްގެ ފެށުމާއި ނިމުމާއި ގުޅިފައިވާ ދެތިން ދުވަހު)  ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް އުފުލެއެވެ. މިގޮތަށް ދިޔަވަރު އުފުލުނީމާ އޮންނާނީ އެންމެ ބޮޑު ދިޔަވަރު 'ދަންބޮޑުދިޔަވަރު' ނުވަތަ Spring tide ސްޕްރިނގް ޓައިޑް އެވެ.
އެންމެބޮޑަށް ދިޔަވަރު ހިކެނީ އިރު ހަނދު ވަޑިފަތިވާގޮތަށް ހުރުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ހަނދާއި ދުނިޔެ އާއި އިރު ދުނިޔޭގެ ނިސްބަތުން ވަޑިފަތިވާ ގޮތަށް އައުމުން ދިޔަވަރަށް ކުރުވާ އަސަރުކުޑައެވެ. އެހެންކަމުން މިދުވަސްވަރު ލިބޭ ދިޔަވަރަކީ އެންމެ ހިކި ދިޔަވަރު ނުވަތަ Neap tide ނީޕް ޓައިޑް އެވެ. މިދުވަސްވަރަކީ ހަނދު ފުރިހަމަވަވުމަށްޓަކާ ބޮޑުވަމުން އަންނަ ދުވަސްވަރާއި ހަނދު ފުރިހަމަވުމަށްފަހު ކުޑަވަމުންދާ ދުވަސްވަރެވެ. (ހަނދުމަހުގެ ފުރަތަމަ ފަނަރައިގެ މެދުތެރެއާއި، ހނދުމަހުގެ  ފަހު ފަނަރައިގެ މެދުތެރެއެވެ.)

Tuesday, November 22, 2016

ދުނިޔޭގެ ބިމުގެ ބައިތައް

ދުނިޔޭގެ ބިމުގެ ބައިތައް

ކްރަސްޓް އަކީ ދުނިޔޭގެ އެންމެ ބޭރު ތޮށި ފަށަލަ ނުވަތަ އިންސާނުން ދިރިއުޅެމުންމިގެންދާ ފަށަލައެވެ. އެއީ އާނުގަނޑާއެކު އޮންނަ ހަރު ގައު ފަށަލައެވެ. ކްރަސްޓް އޮންނަނީ އޭގެ އަޑިއަށް އޮންނަ ފަށަލަ މެންޓެލްގެ މަތީގައި ވަކި ހިފެހެއްޓުމެއް ނެތިއެވެ. މިފަށަލައިގެ ބޯމިން 100 ކިލޯ މީޓަރ ވާރުވާނެއެވެ.

މެންޓެލް އަކީ 2800 ކިލޯ މީޓަރ ބޯމިނުގެ ވިރިކެކޭ ހޫނު ގައު ފަށަލައެކެވެ. މިފަށަލައިގެ ހޫނުގަދަކަމުންގޮސް ގާތައް މިށަލައިގެ ގައުތައް ހުންނަނީ ވިރިކެކޭ ގަލަށްވެފައެވެ. މިވިރިކެކޭ ގަލަށް ކިޔަނީ :މެގްމާ"Magma އެވެ.

އުޓާރ ކޯރ އަކީ ދުނިޔޭގެ އެންމެ އެތެރެބައިގެ ބޭރުން އޮންނަ ފަށަލައެވެ. މިފަށަލައިގެ ބޯމިނަކީ 2200 ކިލޯ މީޓަރެވެ. މިފަށަލަ އުފެދިފައިވަނީ ވިރިފައިވާ މައުދަނުންނެވެ. 

އިނަރ ކޯރ އަކީ ދުނިޔޭގެ އެންމެ އެތެރޭގެ ބައެވެ. މިބައި އެންމެ ވައްތަރީ ހަރު މައުދަނުގެ ގުޅައަކާއެވެ. ނުވަތަ އޮށަކާއެވެ. މިބައި އިރުގެ ބޭރުފަށަލައާއި އެއްވަރަށް ހޫނު ގަދައެވެ.

Wednesday, November 16, 2016

އާޘާރީ ތަރިކަ





ދާގަބާ، އުސްތަނބު، ހަވިއްތަ، ވޭރު ފަދަ އާޘާރީ ތަރިކައިން ދިވެހިރާއްޖޭގެ ޤަދީމި ތާރީޚް ދެނެގަތުމަށް ލިބިގެންދާ އެހީތެރިކަމަކީ:
ދިވެހިރާއްޖެއަކީ 2,500  އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޙަޟާރަތެއް އޮތްތަނެއްކަން އެނގެނީ މި ރާއްޖެއިން ފެންނާންހުރި ސާބިތު ހެކިތަކުގެ ސަބަބުންނެވެ. މިދެންނެވި ސާބިތު ހެކިތައް ދެނެގަންނާނެ މައިގަނޑު ތިންބަޔަކީ: 1. ލިޔެ ބަޔާންކުރެވިފައިވާ ލިޔުންތައް، 2. ކުރީ ޒަމާނުގެ ތަންތަނުންނާއި ގެންގުޅެފައިވާ ތަކެތިންނެވެ. ނުވަތަ އާސާރީ ތަރިކައިންނެވެ. 3. ކުރީ ޒަމާނުގެ މީހުންގެ ފަރާތުން ވާރުތަވަމުން އަންނަ ވާހަކަ (ފުލޯކްވާހަކަ) ތަކުންނާއި ކޮށްފައި ހުންނަ ކަންތައްތަކުންނެވެ.
އާސާރީ އަދި ތާރީޚީ ތަންތަން ހަލާކުވެދިޔަނުދީ ދަމަހައްޓަން ޖެހޭ އެތަކެއް ސަބަބެއްވެއެވެ. މީގެ ތެރޭގައި ހިމެނޭ ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ސުވާލަށް އެކަށީގެންވާ ޖަވާބެއް ހޯދުމަށް މަސައްކަތްކުރުން، (މި ސުވާލުގެ ޖަވާބު ލިބިދާނެ ތަންތަންކަމަށް ބެލެވެނީ އާސާރީ އަދި ތާރީޚީ ތަންތަނެވެ). ދިވެހީންގެ ތިމާވަންތަކަން (އައިޑެންޓިޓީ) ބިނާވެފައި އޮންނަނީ، ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ހުރިހާ ކަންތައްތަކުގެ މައްޗަށެވެ. މިގައުމުގައިވާ އާސާރީ ތަންތަނަކީ މި ގައުމުގެ އަހުލުވެރިންގެ އަމިއްލަ ވަންތަކަން ބަޔާންކޮށްދޭ ރަމްޒެވެ. ގައުމުގެ ތާރީޚް އަންގައިދޭ ބިނާތަކެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ބިމަށް ދޫކޮށްފައި ދިޔަ، އެމީހުންގެ މަސައްކަތްތައް ހާމަކޮށްދޭނީ އެތަކެތިންނެވެ. ކާބަފައިންނަކީ މިފަސްގަނޑުގައި އުޅުނު ބައެއްކަން އެނގޭނީ އާސާރީ އަދި ތާރީޚީ ތަންތަނުންނާއި ތަކެތިން ލިބޭ ހެކިތަކުންނެވެ. މި ތާރީޚީ ހެކިތައް ނެތް ނަމަ، މި ކަންތައްތަކާ ގުޅިގެން ހޯދަން ބޭނުންވާ މަޢުލޫމާތު ލިބޭނެތޯ؟ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ވެސް އާސާރީ އަދި ތާރީޚީ ތަންތަން ތަންތަނާއި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓައެވެ. ކުރީގެ ޒަމާނުގައި ދިވެހިންގައި ހުރި ކުޅަދާނަ ކުރެހުންތެރިކަމާއި މަސައްކަތތެރިކަން ފެންނަނީ އެކަމަށް ބޭނުންކޮށްފައިވާ ހިރިގަލުންނެވެ. ރާއްޖެ އިސްލާމްވުމަށްފަހު، ދިވެހިންގެ މަސައްކަތްތެރިކަމުގެ ކުޅަދާނަކަން ފެނިގެންދަނީ މިސްކިތްތަކުގައި ހުންނަ ހިރިގަލު ވަޑާމުންނެވެ. އެހެނަސް މި މަސައްކަތްތެރިކަން ފެންނާން ހުރުމުން އަޅުގަނޑުމެން ފަޚުރުވެރިވެއެވެ. މީގެ  އިތުރުން ދިވެހީންގެ ތާރީޚު އަންނަން އޮތް ޖީލުތަކަށް ދައްކައި ދިނުމަށްޓަކާ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެތި ހަލާކުކޮށްނުލާ ރައްކާތެރިކަމާ އެކު އެ ޖީލުތަކަށް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންނަށް އޮތް މަސްއޫލިއްޔަތެކެވެ.
                                                       މުޙައްމަދު ރަފީޢު (ކަލައިދޫ)

ދިވެހި ލިޔުމުގެ ތާރީޚް

ދިވެހި ލިޔުމުގެ ތާރީޚާއި ލިޔުމަށް އައިސްފައިވަ ބަދަލުތައް
ދިވެހިރާއްޖޭގެ އެންމެ އިހުގެ ލިޔުމަކަށް ފެނުނީ، ހައްދުންމަތީ ލޯމާފާނުގައި ލިޔެފައިވާ ލިޔުމެވެ. އެ ލިޔެފައިވާ އަކުރަށް މިހާރުވެސް ކިޔައިއުޅެނީ، "އެވޭލާ އަކުރު" މިހެންނެވެ. މިއީ، ސިލޯނުގެ މުސްކުޅި ހިލަ ތަނބުތަކާއި، އެއްޗެހި ލިއުމަށް ޚާއްޞަކޮށްފައި ހުންނަ ހިލަހިލައާއި، އަދި ބައެއް ފަރުބަދައިގެ ގާގަލުގައި ލިޔެފައިހުރި މެދު ޒަމާނުގެ ސިންގަޅަ އަކުރާއި ވަރަށްވެސް އެއްގޮތް އަކުރެކެވެ. މިބުނި ހައްދުންމަތީ ލޯމާފާނު ލިޔެފައިވަނީ، 1195 މ. އިން 1196 މ. އާ ދެމެދުގަ އެވެ. ވީއިރު އެ ލިޔެފައިވަނީ، ރާއްޖެ އިސްލާމްވިތާ 42 އަހަރު ފަހުންނެވެ.
ދެވަނައަށް ފެނުނު އެންމެ މުސްކުޅި ލިޔުމަކީ، މާލޭ އެތެރެކޮއިލު ލޯމާފާނެވެ. އެ ލިޔެފައިވަނީ، ކުރީގައި ބަޔާންކުރި ހައްދުންމަތީ ލޯމާފާނަށްވުރެ އެއް އަހަރު ފަހުންނެވެ. އެ ވެސް ލިޔެފައިވަނީ އެވޭލާ އަކުރުންނެވެ.
ތިންވަނައަށް ފެނުމު އެންމެ އިހުގެ ލިއުމަކީ، ހައްދުންމަތީ ދެވަނަ ލޯމާފާނެވެ. މި ލޯމާފާނު ލިޔެފައިވަނީ 1238 މ. އިން 1239 މ. އަށެވެ. އެއީ ވެސް އެވޭލާ އަކުރެވެ.
މިއާވިދިގެން ފެންނާން އޮތް މުސްކުޅި ލިޔުމަކީ، މާލޭ ބޮޑުގަލު މިސްކިތު ލޯމާފާނެވެ. މި ލިޔެފައިވަނީ، 1356 މ. އިން 1357 މ. އަށެވެ. މި ލޯމާފާނުގެ ހުރިހައި ގަނޑެއްމެ ލިޔެފައިހުރީ، ދިވެސް އަކުރުންނެވެ. މި އަކުރަކީ، ދިވެހިރާއްޖޭގައި ދެވަނަޔަށް ބޭނުންކުރެވުނު އަކުރެވެ. މި އަކުރުގެ އެންމެ ފުރަތަމަ ލިޔުމަކަށް ފެންނާން އޮތީ މިބުނި ލޯމާފާނެވެ. މި ލިޔުން ލިޔެފައިވަނީ، ރާއްޖެ އިސްލާމްވިތާ 204 އަހަރު ފަހުންނެވެ. (އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގެ 179 ވަނަ ޞަފުޙާ ބައްލަވާށެވެ)
ތާނަ އަކުރު ހެދިފައިވަނީ ޢަރަބި އަކައިގެ 9 އަކުރާއި، ލިޓްސިންގަޅައިގެ ވިޔައަކުރުގެ 9 އަކުރާއި، އަދި ސެމިޓިކް އަކުރުގެ ނުވަތަ އެހެންވެސް ބޭރު ބަހެއްގެ 6 އަކުރުންނެވެ.
                                                            މުޙައްމަދު ރަފީޢު (ކަލައިދޫ)

ރާއްޖެ އިސްލާމްވުން

ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާމެދު ދެކެވޭ ވާހަކައިގެ މައްޗަށް ބަލައިލުން.
ދިވެހިރާއްޖެ އިސްލާމްވީ ތާރީޚަކީ:  ރަބީޢުލްއާޚިރު  548 ގައެވެ.  
" أَسْلَمَ السُّلْطَانُ أَحْمَد شَنِوِرَازَة عَلَى يَدِ أَبُواْلبَرَكَاتُ اْلبَرْبَرِي اْلمَغْرِبِي  މިފަދައިން މާލޭ ހުކުރު މިސްކިތު މިޙުރާބުގޭގައި، ވަކަރުގައި ބިންވަޅުނަގައި، ލިޔެފައި ހުއްޓައި އަހަރެން ކިޔާވެސް ހެދީމެވެ".
މާތްވެގެންވާ އިސްލާމްދީނަށް ވެދެވަޑައިގަތުމަށް، ދަރުމަވަންތަ ރަސްގެފާނަށް ގޮވާލެއްވީ ކޮންބޭކަލެކަން މަތީގައި ބަޔާންކޮށްފައިވާ ޢިބާރަތަށް ރިޢާޔަތްކޮށް ދޫދޫ މަތިން ކިޔެމުން އައިސްފައިވަނީ، ރާއްޖެއިސްލާމް ކުރެއްވީ "ތަބްރޭޒީގެ ފާނު" ކަމުގައެވެ. ނަމަވެސް، އަލްއަމީރު މުޙައްމަދު އަމީންގެ ތާރީޚުފޮތް ނެރުއްވުމަށްފަހު، އަދި އެވެރިކަމުން ފަށައިގެން، އެބޭކަލަކީ "ބަރުބަރީގެފާނު" ކަމަށްވެއްޖެއެވެ.. ޒަމާނުއްސުރެ ރާއްޖޭގެ މީހުން މެދުޒިޔާރަތަށް ފާތިޙާ ކިޔަވާއިރު، ކިޔަވަނީ ތަބްރޭޒީގެ ފާނަށެވެ. ރާއްޖޭގެ މީހުން ބަލައި އުޅުނު ގޮތުގައި، ރާއްޖެ އިސްލާމް ކުރައްވައި، އޭރުހުރި ރާޖާއަށް ދީނަށް ގޮވައިލެއްވީ، އަދި މެދުޒިޔާރަތުގައި ވަޅުލެވިފައިވަނީ އަދި، ކެންދޫގައި ހުންނަ މަޤާމުގެ ވެރިޔަކީ، ތަބްރޭޒީގެ ފާނެވެ.
ރަސްމީ ގޮތުން ގަބޫލުކުރަނީ، މުޙައްމަދު އަމީންގެ ފަލްސަފާއެވެ.. މުޙައްމަދު އަމީނު ބުރަވަނީ، އިބްނު ބަޠޫޠާގެ ތާރީޚުގެ މައްޗަށެވެ. އެތާރީޚު ފޮތަކީ އިބްނު ބަޠޫޠާ ރާއްޖެ ދޫކޮށް ރަށަށްގޮސް، އަދި ދުނިޔެ ދޫކުރިތާވެސް އެތައް އަހަރެއްގެ ފަހުން، އޭނާގެ ދަރިވަރު މުޙައްމަދު ބުނުލް ޖަޒުޔު، ބަޠޫޠާގެ ހަނދާންތަކުގެ މައްޗަށް ބުރަވެ ލިޔެފައިވާ ފޮތެކެވެ. އެފޮތުގައި، ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްގެފާނުގެ ނަންފުޅުވެސް ވަނީ އޮޅުވާލައިފައެވެ.
   މިހެން އިބްނުބަޠޫޠާގެ ދަތުރުނާމާގައި ވެއެވެ.
ދިވެހިރާއްޖޭގެ ތާރީޚު ލިޔުއްވި ޙަސަން ތާޖުއްދީން ފަނޑިޔާރުކަލޭފާނު ލިޔުއްވާފައިވަނީ: "މައުލާނައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ކުރިމަތިލައްވައި، އޭނާގެ ރަށް ތަބްރީޒުން ގެއްލިވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއިން ފާޅުވެއްޖެއެވެ.".... "އަދި މިމުޙައްމަދު ރަސްގެފާނާއި އަރިހުބޭކަލުން، ޝައިޚުޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންފިއެވެ.“
އީރާނުގައި "ތަބްރޭޒު" ނުވަތަ "ތަބްރީޒު" ކިޔާ ރަށެއް އޮވެއެވެ. އެދުވަސްވަރު "ތަބްރީޒް" ކިޔާ ބޭކަލުން އިންޑިޔާގައި އުޅުއްވިކަމަށްވެއެވެ. ސިލޯނުގެ ބޭރުވެލީގެ މުސްކުޅި ނަމަކީ "ބަރުބަރީން" އެވެ.
ރާއްޖެ އިސްލާމްވުމަށްފަހު، ފުރަތަމަ ޢިމާރާތްކުރި މިސްކިތް (މިހާރުގެވެސް ހުކުރު މިސްކިތް) ބާވެގެން މީލާދީ 1338 ވަނައަހަރު، އަޙްމަދު ޝިހާބުއްދީން ރަދުން އެމިސްކިތް މަރާމާތު ކުރުމަށްފަހު، މިޙުރާބުގޭގައި ތާރީޚީ ފިލައެއް ބެހެއްޓެވިއެވެ. (އިބްނު ބަޠޫޠާއަށް ފެނުނީ އެފިލައެވެ.) އެފިލާގައިވެއެވެ. "ވަވަޞްލި ފީ ހާޛަލް ބަލަދި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ވައަސްލަމުއްސުލްޠާން ޢަލާ ޔަދިހީ...." މާނައަކީ "އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ މިރަށަށް ވާޞިލް ވެއްޖެއެވެ. އަދި އޭނާގެ އަތްމައްޗަށް ރަސްގެފާނު އިސްލާމްވީ...." މިޢިބާރާތުގައި މިއޮތް "އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ" ލިޔެފައިވަނީ ޢަރަބީންނެވެ. ނުކުތާއެއް ތަޝްދީދެއް ފިއްޔެއް ނެތިއެވެ. އެހެން ވީމާ، އިބްނު ބަޠޫޠާއަކީ މަޣުރިބުގެ މީހަކަށްވާތީ އެގޮތަށް ކިޔުނީއެވެ. "އަބުލްބަރަކާތު" ޢަރަބިން ލިޔުނީމާ، ނުކުތާޔާ ތަޝްދީދާ ފިލި ނެތްނަމަ "އައްރިކާބު" ކިޔޭނެއެވެ. "އަލްބަރުބަރީ" ނުކުތާޔާ ތަޝްދީދާ ފިލި ނުޖަހާ އޮންނައިރު "އައްތަބް ރީޒީ" ކިޔޭނެއެވެ. މައްސަލައަކީ މިއެވެ. (މިފިލާ ދާރުލްއާޘާރުގައި އެބައޮތެވެ.)
ޝިހާބުއްދީން އާކުރެއްވި މާލޭ މިސްކިތް ބާވެގެން މިހާރު އެހެރަ ގޮތަށް، އިސްކަންދަރު ރަސްގެފާނު، މީލާދީން 1658 ގައި ހުކުރު މިސްކިތް ޢިމާރާތް ކުރެއްވުމަށްފަހު، މިޙުރާބުގޭގެ ދޮރުގެ ވާތްފަރާތުގައި ފިލައެއް ބަހައްޓަވާފައިވެއެވެ. މިފިލާގައިވެސް "ވަވަޞްލީ ފީ ހާޛަލްބަލަދި އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ވައަސްލަމުއްސުލްޠާނު ޢަލާ ޔަދިހީ...." މިޢިބާރާތް ލިޔެފައިވެއެވެ. މިޢިބާރާތް ލިޔެފައިވާއިރު، އެފިލާގައި ފިއްޔެއް ތަޝްދީދެއް ނުކުތާއެއް ނެތެވެ. އޮތީ "ބަރުބަރީ" ނުވަތަ "ތަބްރީޒީ" އޮންނަ ތަނުގައި އޮތް ދެނުކުތާއެވެ. އެއީ "ތަބްރީޒީ"ގެ ތާގެ ދެނުކުތާ ކަމަށްވެސް، "ބަރުބަރީގެ" ޔާގެ ދެނުކުތާކަމަށްވެސް ވެދާނެއެވެ. މިޢިބާރާތް "އަބުއްރިކާބު ޔޫސުފުއްތަބްރީޒީ" މިހެންވެސް ކިއިދާނެއެވެ. މިހާރު އެހެރަ މިސްކިތުގެ މެދުބައިގެ އުތުރު ފަރާތު ލިޔާފިލާ (ނުވަތަ ބުޅާފިލާ) ގައި، ވަރަށް ރީތިކޮށް "ވަހާޛައް ޝައިޚު އަބުއްރިކާބު ޔޫސުފުއް ތަބްރީޒީ" މިހެން (ޢަރަބިން) ލިޔެފައި އެބައޮތެވެ. މިލިޔުމުގައި "ޝައިޚު" ގެ ޝީނުގައި ތިންނުކުތާ "އަބޫ" ގެ ބާތިރީއެއްނުކުތާ "އައްރިކާބު" ގެ ރާގައި ތަޝްދީދާއި އިބިފިލި، ޔޫސުފުގެ ޔާގައި ދެނުކުތާ، "އައްތަބްރީޒީ"ގެ ތާމަތީ ދެނުކުތާ، ތަޝްދީދާއި އަބަފިލި، އަދި ބާގެ ތިރީއެއް ނުކުތާ، އަދި ދެޔާގައިވެސް ތިރީ ނުކުތާ، ޒާލުގެ ނުކުތާއާއި ތިރީ ފިލި އެބައޮތެވެ.

Tuesday, November 15, 2016

ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން

ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން

ފެށުން:
ދިވެހި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ މިޤައުމުގެ ކުރިމަގު އުޖާލާ ކުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކޮންމެ ފަރުދަކަށްވެސް ފައިދާ ލިބެމުންދާނެތީއެވެ. ކުރިއާ ޚިލާފަށް ދިވެހި އަންހެނުންނަށް ތަޢުލީމު ޙާޞިލް ކުރުމުގެ މަގު ތަނަސްވުމުގެ އިތުރުން މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ޢަމަލީ ގޮތުން އަންހެނުން ޙަރަކާތްތެރި ވުމަށް ފުރުޞަތު ލިބިފައިވެއެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ފަދައިން، ދިވެހި އަންހެނުން އުނގެނުމުގެ މަރުޙަލާ ނިންމުމަށްފަހު ޢަމަލީ މައިދާނުގައި ޙަރަކާތްތެރި ވާންފެށީ 1952 ވަނަ އަހަރުގައެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް ތަފާތު އެކިއެކި ދާއިރާތަކުގައި އަންހެނުން އަންނަނީ ޙަރަކާތްތެރި ވަމުންނެވެ. މިއަދު މިވަނީ ދިވެހި އަންހެނުން ތަޢުލީމީ ރޮގުންނާއި، ވަޒީފާގެ ދާއިރާތަކުންނާއި، ތަރައްޤީގެ އެކިއެކި ދާއިރާތަކުންނާއި، އަދި ޤައުމުގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތު ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން ސިޔާސީ އަދި ދަވްލަތުގެ އިސްމަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވަމުންދާކަމީ ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި ހަމައެހެންމެ ޤައުމުގެ މުޙިއްމު ދާއިރާ ތަކުގައި ދިވެހި އަންހެނުން ޙަރަކާތްތެރި ވަމުންދެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގައިވެސް މިއަދު ދިވެހި އަންހެން މެންބަރުން ތިބިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ ވެސް އެއްފަދައި ދިވެހި ރާއްޖޭގައިވެސް ކޮންމެ އަހަރަކު ޤައުމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަ ކުރަމުންދާކަމީ، އަންހެނުންނަށް ލިބިފައިވާ ކުރިއެރުމެއްކަން ފަޚުރުވެރި ކަމާއެކު ފާހަގަ ކުރަން ޖެހެއެވެ. އެހެނީ ދިވެހި އަންހެނުންނަށް ތަފާތު އެކިއެކި ދާއިރާތަކުން މިހާރު ލިބިފައިވާ ކާމިޔާބީއާއި ކުރިއެރުންތަކަކީ ދިވެހި އަންހެނުންގެ ހީވާގި މަސައްކަތުން ހޯދިފައިވާ ކާމިޔާބީ އާއި ކުރިއެރުން ތަކެކެވެ. މި ކުރިއެރުންތަކާއި ކާމިޔާބީތަކަކީ ފާހަގަ ކޮށްލެވޭ ކަންތައްތަކެވެ.  އެހެންކަމުން މި މަޒުމޫނުގައި ބަލައިލާނީ ދިވެހި އަންހެނުންނަށް ތަޢުލީމީ ރޮގުންނާއި، ވަޒީފާގެ އެކިއެކި ދާއިރާތަކުންނާއި، ތަރައްޤީގެ އެކިއެކި ދާއިރާތަކުންނާއި، އަދި ޤައުމުގެ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތަފާތު ދާއިރާތަކުން ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށެވެ.

ދިވެހި އަންހެނުންނަށް ތަޢުލީމީ ރޮނގުން ލިބިފައިވާ ކުރިއެރުންތައް:
ދުނިޔެއަށް މިއަދު އައިސްފައިމިވާ ކުރިއެރުމާއި، ތަރައްޤީއާއެކު ތަޢުލީމު އުނގެނުމަކީ ދިވެހި ކޮންމެ އަންހެންނަކުވެސް ޙާޞިލްކުރަން ޖެހިފައިވާ އެއްޗެކެވެ. އަންހެނުންނަކީ، ހަރުދަނާ ޢާއިލާއެއް ބިނާ ކުރުމުގެ ބިންގާ ކަމުގައިވާއިރު އަންހެނުންނަށް ތަޢުލީމް އުނގެނުމުގެ ފުރުސަތުތައް ލިބިދޭން ޖެހެއެވެ. ''ތަޢުލީމް އުނގެނުމުގެ ފުރުސަތުތައް ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ހުޅުވިގެން ދިޔައީ އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އޭގެ ކުރިން ދިވެހިންގެ އިޖުތިމާޢީ ޙާލަތާއި، ވިސްނުން ހުރިގޮތުން އަންހެނުން ތަޢުލީމް އުނގެނުމަކީ އެހާ ބޭނުންތެރި ކަމެއް ކަމުގައި ނުދެކެއެވެ'' (މުޙައްމަދު ވަހީދު، 2008). އެހެންނަމަވެސް މިހާރު މިވަނީ އެކަން ބަދަލުވެ އަންހެނުންނަށްވެސް އުނގެނުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ތަނަވަސްވެފައެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާ ގޮތުގައި، 28 ނޮވެމްބަރ 1944 ވަނަ އަހަރު އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން މަދަރުސާއެއް ހުޅުވިގެން ދިއުމަކީ މާޒީގައިވެސް އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެވިގެންދިޔަ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގައި ހުރި އެންމެގިނަ ދުވަސްވީ ސްކޫލް މިހާރުގެ އަމީނިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލް ކޮށްފައިވާ މިޤައުމު ފަޚުރުވެރިވާފަދަ އެތައް އަންހެން ކަނބަލުންނެއް މިއަދު މިޤަމުގައި އެބަތިއްބެވެ. މިއީވެސް މި މަދަރުސާގެ ތަޢުލީމީ ޚިދުމަތަށް ފަނޑުކަމެއް ނާންނަކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ހަމައެހެންމެ ބައިނަލްއަޤުވާމީ ފެންވަރުގެ ރަން ވަނަތައް އަމީނިއްޔާ ސުކޫލުގެ ދަރިވަރުން ގެންދަނީ ހޯދަމުންނެވެ. (ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، 2007). ބަޔާން ކުރައްވާ ގޮތުގައި، އަމީނިއްޔާ ސުކޫލުގެ ދަރިވަރެއް ސާނަވީ އިމްތިޙާނުގައި 2006 ވަނަ އަހަރު މުޅި ދުނިޔެއިން ބައިލޮޖީން އެންމެ މަތީ މާކްސް ހޯދާފައިވެއެވެ. މި ފެންވަރުގެ މަތީ ވަނައެއް އަންހެން ދަރިވަރަކަށް ލިބިގެން ދިއުމީ ދިވެހި އަންހެނުންނަށާއި އަދި ޤައުމަށް ލިބިގެންދިޔަ ޝަރަފެކެވެ. އަދި މިއީ ދިވެހި މުޖުތަމަޢުގައި އަންހެންދަރިނަށް އުނގެނުމުގެ ފުރުޞަތު އޮތް މިންވަރު ހާމަވެގެންދާ ލާމަސީލު މިސާލެކެވެ.
ދިވެހި އަންހެނުންނަށް ވަޒީފާގެ ބާޒާރުގައި ލިބިފައިވާ ކުރިއެރުންތައް:
އެވޭލާ ޒަމާނުގައި ދިވެހި އަންހެނުންނަށް ބައެއްކަހަލަ ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިފައި ނުވެއެވެ. އެހެންނަމަވެސް އެގޮތް ބަދަލުވެ މިއަދު ދިވެހި މުޖުތަމަޢުގެ ހުރިހާ ދާއިރާތަކެއްގައި އަންހެނުންގެ ބައިވެރިވުން ދަނީ ފެންނަމުންވެ. ''އަންހެނުންގެ ބައިވެރިވުން ނެތި ގެނެވޭ ތަރައްޤީއަކީ އެހާ އާރުލާ ދެމެހެއްޓެނިވި ތަރައްޤީއަކަށް ނުވާނެއެވެ.'' ހިޔުމަން ރައިޓްސް ކޮމިޝަން، (2012). އެހެންކަމާއެކު ތަފާތު ދާއިރާތަކުގައި އަންހެނުން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ލިބިގެން ދިޔައެވެ. މިއީ ދިވެހި އަންހެނުންނަށް ލިބިގެންދިޔަ ކުރިއެރުމެކެވެ. އެގޮތުން ސިޔާސީ ދާއިރާ އާއި ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވަމުންދާކަމީ ދިވެހި
އަންހެނުންނަށް ލިބިފައިވާ ވަރަށްބޮޑު ކުރިއެރުމެކެވެ. މިގޮތުން ވަޒީފާގެ ފުރުޞަތުތައް އަންހެނުންނަށް ހުޅުވާލެވުމަކީ، އަންހެނުންގެ ކުރިއެރުމަށް ލިބެމުންދިޔަ ކާމިޔާބީ ތަކެކެވެ. ދިރިއުޅުމުގައި ލިބެމުންދިޔަ ކާބިޔާބީތަކާއެކު އަންހެނުންގެ
ކުރިމަގު އުޖާލާ ވެގެންދާކަމުގެ އަލިގަދަ ހެއްކެކެވެ. ދިވެހި ދަވްލަތުގެ އިސްވެރިންގެ ހިތްހެޔޮކަމާއި ބުރަ މަސައްކަތުން ދިވެހި އަންހެނުންނަށް މިފަދަ ފުރުޞަތުތަކެއް ހުޅުވާލެވިގެން ދިއުމަކީ ދިވެހި އަންހެނުންނަށް ކުރިއެރުމެއް ކަމަށް ކޮންމެ ދިވެހި އަންހެން ދަރިއަކު ފަޚުރުވެރި ކަމާއެކު ފާހަގަ ކުރާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. ''އަންހެނުންނަކީވެސް މުޖުތަމަޢުގައި ފިރިހެނުންނާއި ހަމަހަމަ ފުރުޞަތުތަކެއް ލިބިދޭންޖެހޭ ބައެއް ކަމުގައި އެންމެންވެސް ޤަބޫލްކޮށް، އަންހެނުންނަށް ޤަދަރާއި އިޙްތިރާމްކޮށް މި އަސާސްގެ މައްޗަށް ޢަމަލު ކުރުމުގެ ރޫޙު ކުރިއަށް ނެރެގެން މެނުވީ އަންހެނުން ވަޒީފާގެ މައިދާނުގައި ކުރިއަރައިގެން ނުދާނެއެވެ'' ހިއުމަން ރައިޓްސް ކޮމިޝަން، (2012). އެހެންކަމުން އަދުގެ މުޖުތަމަޢުން ފެނިގެންމިދަނީ ހަމަހަމަވުމުގެ ސަބަބުން ވަޒީފާގެ މާޙައުލުން އަންހެނުންނަށް ކުރިއެރުން ލިބިގެން ދާތަނެވެ. އެގޮތުން ސިފައިންގެ ވަޒީފާ އަދާކުރުމަކީ ހަމައެކަނި ފިރިހެނުންނަށް އަދާކުރެވޭ ވަޒީފާއެއް ނޫންކަންވެސް މިއަދުގެ އަންހެން ޖީލުންވަނީ ކަށަވަރު ކޮށްދީފައެވެ. އަންހެނުން ސިފައިންގެ ތެރޭގައި މިއަދު ދަނީ ފިރިހެނުންނެކޭ އެއްސަފެއްދައި ޙަރަކާތްތެރި ވަމުންނެވެ.
''ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަށް 1962 ގައި ކުރެވުނު މަސައްކަތް ނާކިމިޔާބުވީ އޭރު ދިވެހިންގެ އިޖުތިމާޢީ ޙާލަތާއި ވިސްނުން ހުރިގޮތުން، ސިފައިންގެ ޚިދުމަތަށް އަންހެނުން ތަޢާރަފް ކުރުމަކީ ދަށުދަރަޖައިގެ ކަމެއްކަމަށް ފެންނާތީއެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދިޔަ ހެޔޮ ބަދަލުތަކާއި ގުޅިގެން އަންހެން ސިފައިންގެ ބޭނުންތެރިކަން ވިސްނެމުން އައެވެ. މި ވިސްނުމަށް ގޮތެއް ނިންމަވައި ޢަމަލީ ފިޔަވަޅެއް އެޅުއްވީ އަންހެން ސިފައިން ތަޢާފް ކުރުމަށް އެންމެ ފުރަތަމަ ޢިއުލާން ކުރިތާ 26 އަހަރު ފަހުން، 1988 ގެ ނޮވެމްބަރު 13 ގައެވެ. މުޅިދުނިޔެއަށް އަންހެން ސިފައިން ތަޢާރަފްވިތާ 144 އަހަރު ފަހުން، ދިވެހި ސިފައިންގެ ސަފުތަކާ ގުޅުނު އަންހެން ސިފައިންގެ ސަފުތައް ވެގެން ދިޔައީ، ސިފައިންގެ ޚިދުމަތް މެކުހަކަށް ޖަހާލުން ފަދަ ކަމަކަށެވެ'' (ޝަމްސުލް ފަލާޙް، 2009).
ދިވެހި ދައުލަތުގެ އިސް މަޤާމުތަކުގައި މިއަދު އަންހެނުން ޚަރަކާތްތެރި ވުމަކީ ދިވެހި އަންހެނުންގެ ފަޚްރެކެވެ. އެތަކެއް އަހަރުތަކެއް ކުރިން ދިވެހި މުޖުތަމަޢުގައި އަންހެނުންގެ ޚިދުމަތް ބަލައިގަނެފައިވާކަން އެއީ، ދިވެހި ދަރީން އުފަލާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ. (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ގޮތުގައި، ޑަކްޓަރުކަމާއި،  ނަރުސްކަމާއި، ޓީޗަރުކަމާއި، އެފަދަ އެހެން ކަންކަމުގައި އަންހެން ކަނބަލުން ޚިދުމަތް ކުރާތަން ފެންނަ އިރު އެކައުންޓިންގ ގެ ދާއިރާ އާއި އަދި ޕައިލެޓުންގެ ތެރޭގައިވެސް އެކަނބަލުން ގެންދަނީ ޚިދުމަތް ކުރަމުންނެވެ. އަދި ހަމައެހެންމެ ޤަވްމުގެ އަމަން އަމާންކަން ބެލެހެއްޓުމުގެ ދާއިރާގައިވެސް އަންހެނުން ގެންދަވަނީ ޚިދުމަތް ކުރަމުންނެވެ. މި މަޤާމުތަކުގައި އަންހެނުން ޙަރަކާތްތެރި ވާކަމީ ދިވެހި ކޮންމެ އަންހެނަކަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. ''ރާއްޖޭގައި ޒަމާނުއްސުރެ ރަށްރަށުގެ ކަތީބުކަމަކީ ފިރިހެނުންގެ ވާޒީފާއެއް ކަމަށް ބެލެވެމުން އައި އައުންމަށް ބޮޑު ބަދަލެއް އައިސް ރަށެއްގެ
ކަތީބުންގެ ތެރެއަށް އަންހެނަކު ގުޅިގެން ދިޔައީ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ނޮވެމްބަރު 2000 ގައި އަތޮޅު ވެރިޔާގެ ބަދަލުކަމުގެ މަޤާމު ފުރުއްވާ އަންހެން ބޭފުޅުން ވަނީ ފެންނަން ފަށާފައެވެ'' (ޢަބްދުﷲ ޒަމީރު، 2001).  މިއީ މި ޤައުމުގެ އަންހެނުންނަށް ލިބިގެންދިޔަ ފަޚުރުވެރި ކާމިޔާބީއާއި ކުރިއެރުމެކެވެ. މިއަދު ދިވެހި މުޖުތަމަޢުގައި ފިރިހެނުންނެކޭ އެއްސަފެއްގައި އަންހެން ކަނބަލުން ޙަރަކާތްތެރި ވަމުންދާކަން އުފަލާއެކު ފާހަގަކުރަން ޖެހެއެވެ.
ދިވެހި އަންހެނުންގެ ތަރައްޤީއަށް ކުރެވެމުންދިޔަ މަސައްކަތްތައް:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަކީ ދިވެހި އަންހެނުންނަށް ކުރިއެރުން ހޯދުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. މިއަދު ދިވެހި މުޖުތަމަޢުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ މަރުކަޒުތައް ރާއްޖޭގެ ކަންކޮޅު ތަކުގައި ޤާއިމްވެފައިވާކަމީ އަންހެނުންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. (ހިޔުމަން ރައިޓްސް ކޮމިޝަން، 2012). ހާމަކުރައްވާގޮތުގައި، ޖަމާޢަތެއް ނުވަތަ ބައެއް ކުރިއަރައިގެންދާނީ ވަކި ބައެއް އެކަމުގައި ޙިއްސާވެގެންނެއް ނޫނެވެ. ތަރައްޤީއަކީ އަންހެނުންނާއި ފިރިހެނުން ގުޅިގެން އެއްބާރުލުން ލިބިގެން ކުރިއަރާނެ ކަމެކެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށްވެސް ފިރިހެނުންގެ އެއްބާރުލުމާއި ފުރިހަމަ ޙިއްސާ ބޭނުންވެއެވެ. އެގޮތުން މިއަދު ދިވެހި އަންހެނުންނަށް ލިބިފައި މިވާ ކުރިއެރުންތަކަކީ ރާއްޖޭގެ ފިރިހެނުންގެ އެއްބާރުލުން ލިބިގެން، ލިބިފައިވާ ކުރިއެރުން ތަކެކެވެ.
އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރާއްޖޭގައި ޤާއިމުވެފައި އޮތްކަމީ ދިވެހި އަންހެނުންނަށް ލިބިފައިވާ ވަރަށްބޮޑު ނަސީބެއްކަމަށް ބުނެވިދާނެއެވެ. ''1980 ގެ އަހަރުތަކަށް ބަލާއިރު މުޖުތަމަޢުގައި އަންހެނުންގެ މަޤާމުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެންމެ ފުރަތަމަ ފަހަރަށް ސަރުކާރުން އަންހެނުންނާ ބެހޭ އޮފީހެއް އަދި ފަހުން ޑިޕާޓްމެންޓެއް ޤާއިމްކުރެއްވީ އަށްޑިހަގެ އަހަރުތަކުގައެވެ. އަދި 11 ނޮވެމްބަރ 1993 ގައި ސަރުކާރުގެ އޮނިގަނޑު އަލުން އިންތިޒާމް ކުރައްވައި ހަމަޖެއްސެވިއިރު އަންހެނުންނާ ބެހޭ މިނިސްޓްރީއެއް އުފައްދަވާފައިވާކަން ފާހަގަ ކުރެވެއެވެ. އެވުޒާރާގެ މިނިސްޓަރަކަށް އިސްކުރައްވާފައިވަނީ ވެސް އަންހެން ބޭފުޅެކެވެ'' (ޢަބްދުﷲ ޒަމީރު، 2001). މިއީ ދިވެހި ސަރުކާރުގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ކަންތައްތަކެއްކަން ފާހަގަ ކޮށްލަމެވެ. އެގޮތުން (ޢަބްދުﷲ ޒަމީރު، 2001). ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި އަންހެނުންނަށް މުޖުތަމަޢުގައި އެބައިމީހުންގެ މަޤާމު ހޯދުމަށް ހުޅުވިފައިވާ ފުރުޞަތުތައް ބޭނުންކޮށްގެން ކުރިއަށް ދަނީ ވަރަށް ހަލުއި މިނެއްގައެވެ. އެހެންނަމަވެސް އަދިވެސް ތަރައްޤީ ކުރަންޖެހިފައި ހުރި ކަންތައްތައް ގިނައެވެ. އެކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ދިވެހި މުޖުތަމަޢުގެ އެންމެންގެ ހިއްސާ ލިބުމުން އަވަސްވެގެންދާނެއެވެ.
ދިވެހި އަންހެނުން ތަފާތު ދާއިރާ ތަކުގައި ހޯދާފައިވާ ކާބިޔާބީތައް:
ދިވެހި އަންހެންނުނަކީ ތަފާތު ދާއިރާތަކުން ކާމިޔާބީތައް ހޯދާފައިވާ ބައެކެވެ. އަދި މިހާރުވެސް ކާމިޔާބީތައް ހޯދަމުން އަންނަ ބައެކެވެ. ޤައުމީ ފެންވަރުގަޔާއި، ދުނިޔޭގެ ފެންވަރުގައިވެސް ދިވެހި އަންހެނުން ހޯދަމުންދާ ކާމިޔާބީތަކަކީ މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ކަމެކެވެ. އަނީސާ އަޙުމަދާ (2012) ޙަވާލާދެއްވާ އަޙުމަދު ހަމްދޫން (2012) ވިދާޅުވާގޮތުގައި ''ގެވެށި އަނިޔާ ހުއްޓުވުމާއި ދެޖިންސުގެ ތަފާތުތައް ނައްތާލުމާއި އަންހެން ކުދިން ޚިތާނުކުރުމާ ދެކޮޅަށް މަސައްކަތް ކުރެއްވި އަނީސާއަށް އެމެރިކާގެ ހާރިޖީ ވަޒީރު ދެއްވާ ''ހިތްވަރުގަދަ އަންހެނާ'' ގެ
އެވޯޑް ލިބިމުން ކުރިއަށް ދިއުމަށްޓަކައި އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.'' މީގެ ކުރިން މި އެވޯޑް ރާއްޖެއިން ލިބިފައިވަނީ، މާރިޔާ އަޙްމަދު ދީދީ އަށެވެ. އެއީ 2007 ގައެވެ'' (އަޙުމަދު ހަމްދޫން، 2012). އެހެންކަމާއެކު މިފަދަ އެކިއެކި އެވޯޑުތައް ގިނަގިނައިން ދިވެހި އަންހެނުންނަށް ލިބުމުން، އިތުރު ކުރިއެރުންތައް ޙާޞިލް ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރެއެވެ. ދިވެހި އަންހެން ދަރީން ހޯދަމުންދާ ކާމިޔާބީތަކާމެދު ދިވެހިން އުފާކުރަމުންދާކަމީ، ދިވެހި އަންހެނުންނަށް ލިބެމުންދާ އިތުރު ހިތްވަރެކެވެ. (ހިއުމަން ރައިޓްސް ކޮމިޝަން 2012) ޙަވާލާދެއްވާ ފަޒީނާ އަޙްމަދު (2012) ހާމަކުރައްވާފައިވާ ގޮތުގައި ''ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށާއި އެއީ އުފާކުރުން ޙައްޤު ކާމިޔާބީއެއް ކަމަށެވެ.'' މިއަދު ދިވެހި އަންހެން ދަރީން ތަޢުލީމީ ރޮނގުންނާއި ކުޅިވަރުގެ މައިދާނުގަ އާއި މިހެންގޮސް ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ހިންގޭ ތަފާތު ޙަރަކާތްތަކުގައި ތަފާތު ގޮތްގޮތަށް ބައިވެރިވެ ކާމިޔާބީތައް ހޯދަމުން ދާކަމީ ފަޚްރުވެރި ކަމާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ. އެގޮތުން ފިލްމީ ދާއިރާގަޔާއި ފެޝަން ޑިޒައިންގެ ދާއިރާއިންވެސް ދިވެހި އަންހެނުންދަނީ ކާމިޔާބީތައް ހޯދަމުންނެވެ. އާސިއަތު (މުޙައްމަދު ސަޢީދު، 2012) ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި އަންހެން ކަނބަލެއް ކަމަށްވާ ނާޒިޔާ ވަނީ ފެޝަންޑިޒައިންގެ ރޮނގުން 2008 އާއި 2009 ގައި ޤަޢުމީ އިނާމް ހޯއްދަވާފައެވެ. އަދި ހަމައެފަދައިން ލިޔުން ތެރިކަމުގެ ރޮނގުން 1999 ވަނަ އަހަރު ޤައުމީ އިނާމް ހޯދުމަށްފަހު 2009 ގައި ވިޝުއަލް އާޓްސް ގެ ދާއިރާއިން ވެސް އެއިނާމް ހޯދާފައިވަނީ ދިވެހި ފިލްމީދާއިރާގެ ފުންނާބު އުސް ނަހުލާ ޢަލީ އެވެ. ވުމާއެކު މިއީވެސް ދިވެހި އަންހެން ކަނބަލުންނަށް ލިބިގެންދިޔަ ހިއްވަރެކެވެ.
ނިންމުން:
ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، މިހާތަނަށް ލިބިފައިވާ ކުރިއެރުން ތަކަކީ މުޅި ދިވެހި ޤައުމު އެކަންކަމަށް އެއްބާރުލުން ދީފައިވާ ކަންކަމެވެ. އެގޮތުން އަންހެނުންގެ ޙައްޤުތައް ހޯދައިދީ އެ ކަނބަލުންގެ ކުރިއެރުމަށް މަސައްކަތްކުރި ކޮންމެ ދިވެއްސަކީ ވެސް ދިވެހި އަންހެނުންގެ ކުރިމަގު އުޖާލާ ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅެއް އަޅާދީފައިވާ ދިވެއްސެކެވެ. ދުނިޔެއަށް އައިސްފައިމިވާ ކުރިއެރުމާއެކު، ދިވެހި އަންހެން ދަރީން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމް ހާސިލްކޮށްގެން ޢަމަލީ މައިދާނުގައި އެކަށީގެންވާ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ދިވެހި މުޖުތަމަޢުން ހޯދައި ދީފައިވާކަން، އެއީ މިއަދު މުޅި ދުނިޔެވެސް ތަޢުރީފު ކުރާނެ
ކަމެއްކަން އުފަލާއެކު ފާހަގަ ކުރަންޖެހެއެވެ. ދިވެހިންގެ މެދުގައި އޮތް ކުރީގެ ބޯދާ ވިސްނުމާއި ޚިޔާލުތައް ދޫކޮށްލައި، ދިވެހި އަންހެނުންނަށް ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ކުރެވުނު މަސައްކަތަކީ، އަންހެނުން ތަފާތު ދާއިރާތަކުން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދުމަށް ލިބިގެން ދިޔަ ފުރުޞަތު ތަކެއްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. މިއީ ދިވެހި މުޖުތަމަޢުގެ އެންމެންގެ ހިތްވަރާއި އެއްބާރުލުން ލިބިގެން، ދިވެހި އަންހެނުންނަށް ލިބިފައިވާ ކުރިއެރުން ތަކެކެވެ. ވުމާއެކު ދިވެހި އަންހެނުން ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީ އާއި ކުރިއެރުންތަކުގެ އަގު ވަޒަންކޮށް ހިތްވަރުދޭނެ ފަރާތްތަކެއް ވަނީ ބޭނުންވެފައެވެ. ދިވެހި އަންހެނުންގެ މުސްތަޤުބަލް އުޖާލާ ކޮށްދީ އަދަށްވުރެ ފާގަތި މާދަމާއެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ހީވާގި އަތްތަކަކަށް ވަނީ ބޭނުންވެފައެވެ. ކުރިމަގުގައި ދިވެހި އަންހެނުންނަށް މިއަށްވުރެ ކާމިޔާބު ދުވަސްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.