Wednesday, December 7, 2016

ޙަޟާރަތްތައް އުފެދުނުގޮތުގެ ޚްލާޞާ



ދުނިޔޭގައި ޙަޟާރަތްތައް އުފެދުމަށް މަގުފަހިވެގެން ދިޔަ ގޮތުގެ ޚްލާޞާއެއް
ސްޓޯން އޭޖްގެ ދުވަސްވަރުއުޅުނު މީހުން، ދިރިއުޅުނީ ޝިކާރަކޮށްގެން ހޯދާ ތަކެއްޗާއި، ގަސްގަހުގައި އަޅާތަކެތި ކައިގެންނެވެ. މިފަދައިން އުޅުނު ޒަމާން، ކާބޯތަކެތި ހައްދައިގެން އުޅުނު ޒަމާނަށް ބަދަލުވުމަށް ފަހު، ދެން އައީ ދަނޑުގޮވާން ކުރާނެ ގޮތްތައް ހޯދައި ދަސްކޮށް، އެކި ވައްތަރުގެ މޭވާ އަޅާ ގަސްގަހާއި ބާވަތްބާވަތުގެ ގޮވާން ހައްދަން ފެށި ދުވަސްވަރެވެ. އެހެންކަމާ އެކުގައި، އެ މީހުން ހައްދާ ގޮވާން ފަދަ ތަކެތި އަންނަންއޮތް ދުވަސްވަރަށް ރައްކާކުރާ ބަނޑަހަގެތައް ހަދާ އެތަންތާގައި ބަހައްޓަން ފެށި އެވެ. އަދި އެއް ތަނެއްގައި ދާއިމީ ގޮތަކަށް ދިރިއުޅޭނެ ގޭގެ އެޅުމާއި، މިފަދަ ގެތައް، އެއްގެ އަނެއްގެއާ ކައިރިކައިރީގާއަޅާ، އެ މީހުންގެ ޖަމާޢަތްތަކުގެ ބޮޑުން ވެރިންގެ ގޮތުގައި ތިބެގެން ރަށްރަށް އުފެދި އެރަށްރަށް ބޮޑުވާން ފެށިއެވެ. މި ތަންތާނގައި އެކި މަސައްކަތް ކުރާ ހުނަރުވެރި މަސައްކަތްތެރިން އުފެދި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފަސޭހައިން ކުރާނޭގޮތައް ހޯދަމުން ދިޔައެވެ.
ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުމާއި ގުޅިގެން އެއްރަށުގެ އަހުލުވެރިން އަނެއްރަށުގެ އަހުލުވެރިންނާ އެކު ވިޔަފާރި ކުރަން ފެށިއެވެ. މިފަދަ ގުޅުންތަކުން ވަށައިގެންވާ ސަރަޙައްދުތަކުގައި ޝަހަރެއް އުފެދުނެވެ. ޢާއްމުގޮތެއްގައި މިފަދަ ދިރިއުޅުން ފެށިފައިވަނީ ކޯރުތަކުގެ ވާދީތަކާއި ކޯރުތަކުގެ އައްސޭރިއާއި މާދުރުނޫން ހިސާބުތަކުގައެވެ. މިގޮތުން އެންމެ ފުރަތަމަ އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަޙައްދުތަކުގައިވާ ކޯރުތަކަކީ ނީލަކޯރު، ޔުފްރޭޓްސް، ޓައިގްރިސް، އިންޑަސް، އަދި ހުވެންގހޯ ފަދަ ކޯރުތަކެވެ.

Monday, December 5, 2016

ދިޔަވަރު ތަފާތުވުން



ހަނދާއި އިރާއި ގުޅިގެން ދުނިޔޭގެ ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކޭގޮތް
ރެއަކާއި ދުވާލުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލި ތިރި ވުމަކީ ދިޔަވަރުގެ ޙަރަކާތެވެ. ދިޔަވަރަށް މައިގަނޑު އަސަރުކުރަނީ ހަނދުގެ ދަމާބާރާއި އަދި އެއަށްވުރެ ކުޑަމިންވަރަކަށް އިރުގެ ދަމާ ބާރު (އިރު ހަނދުގެ ޖާޒްބިއްޔަތުން) އެކުވެގެންނެވެ. އެހެންކަމުން ހަނދާއި އިރުގެ ޙަރަކާތުގެ ސަބަބުން ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކެއެވެ. އާދަކޮށް ރެއަކާއި ދުވާލެއްގެ ތެރޭގައި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދެފަހަރަށް ދިޔަވަރު ބޮޑުވެ ދެފަހަރަށް ދިޔަވަރު ހިކެއެވެ.
އެންމެ ބޮޑަށް ދިޔަވަރު ބޮޑުވުމުގެ އަސަރު ފެންނަނީ ދުނިޔޭގެ ނިސްބަތުގައި ހަނދާއި އިރު އެއްރޮނގަކަށް ނުވަތަ އެއް މިޞްރާބަކަށް ސީދާވުމުންނެވެ. މިގޮތަށް އިރު، ހަނދު، ދުނިޔެ މިތިނެތި އެއްރޮގެއްގެ މައްޗަށް އައުމުން (މިގޮތަށް އިރު، ހަނދު، ދުނިޔެ އެއްރޮނގަކަށް އަންނަނީ ކޮންމެ ހަނދުމަހެއްގެ ފެށުމާއި ނިމުމާއި ގުޅިފައިވާ ދެތިން ދުވަހު)  ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް އުފުލެއެވެ. މިގޮތަށް ދިޔަވަރު އުފުލުނީމާ އޮންނާނީ އެންމެ ބޮޑު ދިޔަވަރު 'ދަންބޮޑުދިޔަވަރު' ނުވަތަ Spring tide ސްޕްރިނގް ޓައިޑް އެވެ.
އެންމެބޮޑަށް ދިޔަވަރު ހިކެނީ އިރު ހަނދު ވަޑިފަތިވާގޮތަށް ހުރުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ހަނދާއި ދުނިޔެ އާއި އިރު ދުނިޔޭގެ ނިސްބަތުން ވަޑިފަތިވާ ގޮތަށް އައުމުން ދިޔަވަރަށް ކުރުވާ އަސަރުކުޑައެވެ. އެހެންކަމުން މިދުވަސްވަރު ލިބޭ ދިޔަވަރަކީ އެންމެ ހިކި ދިޔަވަރު ނުވަތަ Neap tide ނީޕް ޓައިޑް އެވެ. މިދުވަސްވަރަކީ ހަނދު ފުރިހަމަވަވުމަށްޓަކާ ބޮޑުވަމުން އަންނަ ދުވަސްވަރާއި ހަނދު ފުރިހަމަވުމަށްފަހު ކުޑަވަމުންދާ ދުވަސްވަރެވެ. (ހަނދުމަހުގެ ފުރަތަމަ ފަނަރައިގެ މެދުތެރެއާއި، ހނދުމަހުގެ  ފަހު ފަނަރައިގެ މެދުތެރެއެވެ.)